ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިގެން ވަޒީފާއަށް ނުނިކުންނަ ފަނޑިޔާރުންގެ ޗުއްޓީން އެ ދުވަސްތައް އުނި ނުކުރާނެ ކަަމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ރޯގާގެ ނުރައްކަލާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފަނޑިޔާރުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި މިއަދު އެ ކޮމިޝަނުން ބޭއްވި ޖަލްސާގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޗަން އެޖެންސީން މި ބަލީގެ އަލާމާތެއް ހުރުމުގެ ސަބަބުން ނުވަތަ ބަލީގެ ސަބަބުން ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ފަނޑިޔާރަކު އައިސޮލޭޓް ކޮށް ނުވަތަ ކަރަންޓީން ކުރާނަމަ ވަޒީފާއަށް ނުނިކުމެ ހުންނަ މުއްދަތު އަހަރީ ޗުއްޓީ ނުވަތަ އެހެނިހެން ޗުއްޓީތަކުން ނުކެނޑޭނެގޮތަށް ހަމަޖައްސާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ. ހަމައެއާއެކު ވަޒީފާއަށް ހާޒިރުނުވާ މުއްދަތުގައި އެ ފަނޑިޔާރެއްގެ މުސާރައާއި އެހެނިހެން އިނާޔަތްތައްވެސް ނުކެނޑޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގެ ހާލަތުގައި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަނޑިޔާރުންގެ ސިއްހަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް ވަނީ 13 ބިދޭސީއަކު ޕޮޒިޓިވްވެފައެވެ.