މިދިޔަ އަހަރުގެ ފަހުކޮޅު ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފުރަތަމަ ކޭސް ފެންމަތިވެ، އެ ވައިރަހަށް އެތައް ސަތޭކަ ހާސް ބަޔަކު ޕޮޒިޓިވްވެ، އެ ބަލީގައި ގިނަ ބަޔަކު މި ދުނިޔެއާއި ވަކިވެގެންދިޔަ ޗައިނާގައި، މި ބަލިމަޑުކަމާ ގުޅިގެން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، އާންމު ހާލަތަށް ގައުމު ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެ، ބަލި ކޮންޓްރޯލް ކުރެވެން ފެށުމާއެކު ޗައިނާއިން ދަނީ މީގެ ކުރިން ލޮކްޑައުންއަށް ގެންގޮސްފައިވާ ބައެއް ސަރަހައްދުތައް އާންމު ހާލަތަށް ގެނެސް، މުވައްޒަފުން ވަޒީފާއަށް ނިކުތުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިއަދުގެ މިވަގުތަށް ބަލާއިރު ޗައިނާއިން ކޮވިޑް-19 ޖެހިގެން އަލަށް ރިޕޯޓްކޮށްފައިވަނީ 20 ކޭސްއެކެވެ. މިއީ މީގެ މަދު ހަފުތާ ކޮޅެއް ކުރިއާ އަޅާ ބަލާއިރު އިންތިހާއަށް ދަށް އަދަދެކެވެ. އޭރު ޗައިނާއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހާހުން ގުނާލެވެއެވެ.

އަދުގެ ހާލަތަށް ބަލާއިރު ގައުމު ތެރޭގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރޭކަން ފާހަގަކުރެވިފައެއް ނުވެއެވެ. އަލަށް ފެންނަމުންދާ ކޭސްތަކަކީ ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމަށް 'އިމްޕޯޓްކުރާ' ކޭސްތަކެއް ކަމަށް ޚަބަރު ލިބެއެވެ. ދެން ހުރި ކޭސްތަކަކީ، ބަލީގެ ފެށުން ކަމަށްވާ ހޫބޭ ޕްރޮވިންސް ތެރެއިން ފެންމަތިވަމުންދާ ކޭސްތަކެކެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވާން ފެށުމާއެކު ޗައިނާއިން އެންމެ ފުރަތަމަވެސް އެޅި ފިޔަވަޅަކީ ހުރިހާ ދަތުރުފަތުރެއްހެން ހުއްޓާލުމެވެ. އެގޮތުން ހައިވޭތަކަށް އަރާ ފޭބެން އޮތް 1119 ބަންދުކުރި ނަމަވެސް މިހާރު 2 ޕޮއިންޓެއް ފިޔަވާ އެހެން ހުރިހާ ތަނެއް ހުޅުވާފައިވާކަމަށް، ޗައިނާގެ ރަސްމީ ޚަބަރު ފަތުރާ ޝީންހުއާ ނިއުސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

ރަށު ތެރެއިން ބަންދުކުރި އެތައް ސަތޭކަ މަގެއް މިހާރު ވަނީ ހުޅުވާލާފައެވެ. ގައުމީ ރޯޑް ނެޓްވާކްވެސް އާންމު އުސޫލުން އޮޕަރޭޓްކުރަން ފަށާފައިވާއިރު، 28 ޕްރޮވިންސެއްގެ މެދުގައި ދަތުރުތައް ވަނީ ފަށާފައެވެ.

ހައިވޭތަކުގައި ގާއިމުކުރި 12028 ކަރަންޓީނު ސްޓޭޝަންތަކުގެ ތެރެއިން 11198 ކަރަންޓީނު މަރުކަޒު މިހާރު ވަނީ ނަގާފައެވެ.

މިއީ މީގެ ހަފުތާތަކެއް ކުރިއަށް އަޅާ ބަލާއިރު އުޖާލާ މަންޒަރެކެވެ. އޭރު މުޅި ޗައިނާހެން އޮތީ ލޮކްޑައުންގައެވެ. އާންމުން ތިބީ ގެތަކުގައެވެ. ދަތުރުފަތުރުގެ ހިލަމެއްވެސް އޭރު ނުވާ ހިސާބުތައް އޮތެވެ. މީގެ ކުރިން ފައިޖައްސާލާނެ ތަންކޮޅެއް ނެތި އޮތް ޗައިނާގެ މަގުތައް ފަޅުވިއެވެ. ނަމަވެސް، މިހާރު އެހުރިހާ ކަމެއް ވަނީ މަޑުމަޑުން ބަދަލުވާން ފަށާފައެވެ. ޗައިނާއަށް އާންމު ހާލަތު އައުމުގެ އުޖާލާ ދޯދިތަކުން އެ ގައުމުގެ މަގުތަކަށް މިއަދު ވަނީ އަލިކަން ގެނެސްދީފައެވެ.