ޝަހީދުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޖަލްސާ މިއަހަރު ނުބާއްވާގޮތަށް މިނިސްޓާ އޮފް ހޯމްއެފެއާޒް ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ އެގޮތަށް ނިންމާފައި ވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކާ ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާގުޅުންހުރި މުއައްސަސާތަކުން ބާރުއަޅަމުންދާތީ ކަމަށެވެ. އެ މިނިސްޓްރީގެ އެކްޒެކްޓިވް ކޮމިޓީގެ ލަފާގެ މަތިން މިގޮތަށް ނިންމެވި ނަމަވެސް، ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށްގެންދަން ރާވާފައިވާ ގިނަމީހުން އެއްވުން ނުހިމެނޭ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮންމެ އަހަރަކުވެސް ޝައުބާން މަހުގެ އެއްވަނަ ދުވަސް ފާހަގަ ކުރަމުން ދަނީ، ދިވެހިރާއްގެ ޝަހީދުންގެ ދުވަހުގެ ގޮތުގައެވެ.

މި ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހު، އޭރު ރާއްޖޭގެ ތަހުތުގައި އިންނެވި އައްސުލްޠާން ޢަލީ (6) ސިރީ އައުދަ ސިޔާސަ ކައްތިރި ބަވަނަ މަހާރަދުން (އަލިރަސްގެފާނު) ރާއްޖޭގެ މިނިވަން ކަމުގެ ހައްގުގައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވާ ޝަހީދު ވެވަޑައިގެންފައި ވާތީއެވެ.

ދިވެހި ތާރީހުން އެނގޭ ގޮތުގައި އަލިރަސްގެފާނު ޝަހީދު ވުމާ އެކު އެދުވަހު ދިވެހިންގެ ކޯއްޓޭއަށް ޕޯޗުގީޒުގެ ދިދަ ނަގާފައިވެއެވެ. ޕޯޗިގީޒުންގެ ވެރިއަކަށް އޭރު ހުރީ އަނދިރި އަނދިރީންނެވެ. ޕޯޗުގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކޮށްދެއްވީ، އައްސުލްތާން ގާޒީ މުޙައްމަދު ތަކުރުފާނެވެ.