ދުނިޔޭގައި ހަލުވިކަމާއެކު ފެރުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކިޔަވައިދޭ ތަންތަން ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް، ކިޔެވުމަށް ބުރޫ އެރިޔަ ނުދިނުމަށްޓަކައި އޮންލައިންކޮށް ކިޔަވައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސައިރިކްސް ކޮލެޖުން ބުނެފިއެވެ.

އެ ކޮލެޖުން ބުނީ އެ އެންގުމާ އެއްގޮތަށް ދަރިވަރުން ހާޒިރުވެގެން ހިންގާ ކުލާސްތައް ހުއްޓާލި ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް ބުރޫ އެރިޔަ ނުދިނުމަށްޓަކައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. ގިނަ ދަރިވަރުންނަށް ބޭނުން ކުރެވޭނެ ވަސީލަތްތަކަކީ ކޮބައިތޯ ބަލައި، އެ ވަސީލަތްތައް ބޭނުން ކުރުމަށް ހުރި ދަތިތައް ދެނެގަންނަމުންދާ ކަމަށާއި އެ ކޮލެޖު ވަގުތީގޮތުން ބަންދު ކުރަން އެންގުމުގެ ކުރިން ވެސް ދަރިވަރުން ހާޒިރުވާން ޖެހޭ ކްލާސްތަކުގެ އަދަދު މަދުކޮށްފައި ވާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ. އަދި މުވައްޒަފުންނަށް ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަރިރިކްސްއިން ބުނެއެވެ.

ސައިރިކްސްއިން ބުނީ ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން އެއީ އެންމެ މުހިންމު ކަންތައް ކަމަށާއި ކޮރޯނާވައިރަސް ފެތުރިގެން ނުދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ފުރިހަމައަށް ބަލައިގަންނަ ކަމަށް ވެސް އެ ކޮލެޖުން ބުނެއެވެ.

ދަރިވަރުންނަށް ފިލާވަޅުތަކުގެ މައުލޫމާތުތަކާއި އެސައިންމަންޓްތައް ފޯރުކޮށްދިނުމުގައި ސައިރިކްސްއިން މިހާރު ވެސް ދަނީ މޫޑްލް އާއި މައިކްރޮސޮފްޓް ޓީމްސް ބޭނުން ކުރަމުންނެވެ. އޭގެ އިތުރަށް ވީޑިއޯ ކޮންފަރެންސް ހެދޭނެ އިންތިޒާމު ހަމަޖައްސަން ސައިރިކްސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ އިރު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުނު ނޫސް ނަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށެވެ.

ރާއްޖޭގެ ކޮވިޑް 19ގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.