ވިލާތު ބައްރުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާ އިޓަލީވިލާތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާންކޮށް ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މުޅި ގައުމު ލޮކްޑައުންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މިއީ ނ. ކެނދިކުޅުދުއަށް އުފަން އިޓަލީގައި ދިރިއުޅުން އާރާސްތު ކޮށްފައިވާ ދިވެހި ފިރިހެނެއްގެ ވާހަކައެވެ. އަބްދުﷲ ޝަރީފަކީ 16 އަހަރުވީ ކައިވެންޏާއެކު ދެ ކުދިންގެ ބައްޕައެކެވެ. 14 އަހަރުގެ އަންހެން ކުއްޖަކާއި 10 އަހަރުގެ ފިރިހެން ކުއްޖެއް ހުރެއެވެ. ދިރިއުޅުމުގެ ހަރަދުތަށް ބެލެހެއްޓުމަށް ދަގަނޑު ހަދާ ފެކްޓަރީއެއްގައި މަސައްކަތް ކުރާ ދިވެއްސެއްގެ ތަޖުރިބާއެވެ.

އޭނާ ކިޔައިދިން ގޮތުގައި އިޓަލީގެ 16 އަހަރުގެ އެ ދިގު ހަޔާތުގައި އަދި މިހާތަނަށް ކޮވިޑް-19 ހާ ހިތާމަވެރި ކަމަކާ ކުރިމަތިލާން ނުޖެހޭ ކަމަށް އޭނާ ބުނެއެވެ. ލޮކްޑައުން ކުރި ނަމަވެސް އޭނާ ދިރިއުޅޭ ހިސާބުގައި އަދި މާ ބޮޑަށް ވައިރަހުގެ އަސަރުކޮށްފައި ނުވާ ކަމަށާއި ދެތިން މީހަކު އެހެން އަވަށެއްގައި ޕޮޒިޓިވް ވެގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ވައިރަހުގެ ސަބަބުން ލޮކްޑައުން ކޮށްފައިވާ އިޓަލީގެ ހުރިހާ އަވަށެއްގައިވެސް ބޭރަށް ނިކުތުމުގައި ދަތިތަކެއް ދިމާވާ ކަމަށް އޭނާ ކިޔައިދިނެވެ.

އިޓަލީގައި ދިރިއުޅޭ ޝަރީފް އޭނަގެ އާއިލާއާ އެކު-

އެގޮތުން އޭނާ ދިރިއުޅޭ އަވަށުން ނިކުމެގެން ދާން ޖެހޭނަމަ ޑޮކިއުމެންޓެއް ތައްޔާރުކުރަން ޖެހޭ ކަމަށާއި އެ ގައުމުގެ ޕޮލިހުން ހިފަހައްޓައިފި ނަމަ ހުރިހާ ޑޮކިއުމެންޓް ތަކެއް ދައްކަން ޖެހޭ ކަމަށްވެސް އޭނާގެ ވާހަކައިގައި ވަނީ ފާހަގަ ކޮށްފައެވެ. ގެއިން ބޭރަށް ނިކުމެވޭ ހަމައެކަނި ގަޑިއަކީ ވަޒީފާއަށް ދާން ނިކުންނަ ގަޑި އެކަނި ކަމަށް އޭނާ ބުނެއެވެ. އެންމެ އުނދަގޫ ވަނީ ކާނެ އެއްޗެއް ގަންނަން ނިކުންނަން ޖެހޭ ވަގުތު ކަމަށް އޭނާ ކިޔައިދިނެވެ. ކުދި ހުރިހާ ފިހާރަތަކެއް ބަންދުކޮށްފައިވާ ކަމަށާއި ހުޅުވާފައި ހުންނަ ހަމައެކަނި "ސުޕަމާޓް" ތަކުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އަދި ގަންނަން ލިބޭ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ގެއަށް ބޭނުންވާ އެއްޗެހި ގަންނަން ކޮންމެ އާއިލާއަކުން ދެވެނީ އެންމެ މީހަކަށް ކަމަށް އޭނާ ކިޔައިދިނެވެ. ގެއިން ބޭރަށް ދާނަމަ މާސްކާއި އަންގީގެ އިތުރުން ސެނެޓައިޒާ ގެންދަން ޖެހޭ ކަމަށްވެސް އޭނާ ބުނެއެވެ.

ކުދި ހުރިހާ ވިޔަފާރިތަކެއް ހުންނަނީ ބަންދުކޮށްފަ، ހުޅުވާފަ ހުންނަނީ ބޮޑެތި ސުޕާމާޓް ތަށް އެކަނި، ކޮންމެ އާއިލާއަކުންވެސް ދެވެނީ އެންމެ މީހަކަށް، ކާއެއްޗެހި ގަންނަން، ދެން އެހެން ހުރިހާ ތަނެއް ހުންނަނީ ބަންދުކޮށްފަ،
ޝަރީފް

އިޓަލީގެ އާންމު ހާލަތު ކިޔައިދެމުން ޝަރީފް ބުނީ މަގެއްގެ މަތިން މީހަކުވެސް ނުފެންނަ ކަމަށާއި ހީވަނީ ފަޅުތަނެއްހެން ކަމަށެވެ. އަދި އެކަމާ ވަރަށް ދެރަވާ ކަމަށްވެސް އޭނާ ބުނެއެވެ. ސަބަބަކީ އޭނާގެ އެ ދިގު ހަޔާތުގައި އިޓަލީ މީހުންގެ ފަރާތުން ފެނިފައިވާ އެއްބައިވަންތަ ކަމާއި ހިތްހެޔޮކަން ކަމަށް އޭނާ ބުނެއެވެ.

ނޯތް އިޓަލީގައި ކޮވިޑް-19 ފެތުރެން ފެށި ހިސާބުން ސްކޫލުތަށް ބަންދު ކޮށްފައި ވާ ކަމަށާއި އެ ގައުމުގެ ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ބަންދުކޮށްފައި ވާ ކަމަށްވެސް އޭނާ ކިޔައިދިނެވެ. އަދި ގޭގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސެއް ދޭން ހަމަޖެހިފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި 900 ޔޫރޯ ކުރިންވެސް ދިމާވި އެފަދަ ހާދިސާއެއްގައި ލިބުނު ކަމަށެވެ. ލޯނު ދައްކަން ހުރި ފަރާތްތަކުގެ ލޯނު 1 އަހަރުގެ ފަހުން ދައްކާގޮތަށް އެ ގައުމުގެ ސަރުކާރުން ފާސްކުރުމަށް ވާހަކަ ދެކެވެމުން ދާ ކަމަށްވެސް އޭނާ ބުނެއެވެ.

އިޓަލީގައި ހުރި ޝަރީފް ގެ އާއިލާގެ ކަންބޮޑުވުން އޭނާ ފާހަގަ ކޮށްފައި ވާއިރު، ދުވާލަކު އެތަށް ފަހަރަކު އާއިލާގެ އެކި މެންބަރުން ގުޅާ ކަމަށާއި އެމީހުންގެ ކަންބޮޑުވުންތަށް އިންތިހާއަށް ހުރި ކަން އޭނާ ހިތާމައާއެކު ވަނީ ފާހަގަ ކޮށްފައެވެ.

ދިވެހިންގެ ކައިރީ ބުނެލަން އޮތީ ރައްކާތެރިވެ ތިބުމަށާއި ގެއިން ނުނިކުމެ ތިބުމަކީ މިފަދަ ދަނޑިވަޅެއްގައި އެންމެ ރައްކާތެރި ގޮތް ކަމަށާއި ސާފުތާހިރު ކަން އިސްކުރުމާއެކު ގިނަގިނައިން އަތްދޮވުމަށް އޭނާ ވަނީ ދިވެހިންގެ ކިބައިން އެދިފައެވެ.

އިޓަލީގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު، އިއްޔެ ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިޓަލީން ވަނީ 1،266 މަރުވެފައެވެ. ފާއިތުވީ 24 ގަޑިއެއް ހާއިރަށް ބަލާއިރު އިޓަލީވިލާތުން ކޮވިޑް 19އަށް ޕޮޒިޓިވް ވެގެން މަރުވި މީހުންގެ އަދަދު ވަނީ 250 އަށް އިތުރު ވެފައެވެ. މިއީ އެންމެ ގިނައިން މީހުން މަރުވެފައިވާ ދުވަސް ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 11 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއެކެވެ. ރާއްޖެއިން އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހާ އަކީވެސް އިޓަލީގެ ފަތުރުވެރިއެކެވެ.