ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މި ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާ ޓާސްކް ފޯހާއެކު މަސައްކަތް ކުރުމަށް އެމެރިކާ، ޔޫކޭ އަދި އެފްރިކާގެ މެޑިކަލް ޓީމެއް ގެނައުމަށް ހަމަޖައްސައިފިއެވެ.

މިއަދު ދަބާރުގޭގައި ކޮވިޑް19 އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމްގެ ޓްރަސްޓް ފަންޑުން އިންޑަސްޓްރީގެ އެހީތެރިކަމާއެކު އެމެރިކާއާއި ޔޫކޭއާއި އެފްރިކާގެ ޑޮކްޓަރުން ނަރުހުން އަދި މިކަހަލަ ކަންކަމަށް އެޓެންޑްކުރާ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޓީމް ރާއްޖެއަށް އައުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ހަފްތާތެރޭގައި ކޮވިޑް-19 އާ ގުޅިގެން އެންމެ އެކަށީގެންވާ ގޮތުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން އެއް މަސް ދުވަހުގެ މުއްދަތަަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މެޑިކަލް ޓީމެއް ކޮވިޑް-19 ޓާސްކް ފޯހާއެކު މަސައްކަތް ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ޓާސްކް ފޯސް ޓީމާއެކު އިންޑިއާއިން އައި މެޑިކަލް ޓީމް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑީއާއިން ވަނީ 5 ޑޮކްޓަރުންނާއި، 2 ނަރުހުންގެ އިތުރުން 7 ޕެރެމެޑީކް ވަނީ އައިސްފައެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ފަރާތުން އެއިޑް ޕެކޭޖެއް ވެސް ރާއްޖެއަށް ވަނީ ހަދީޔާކޮށްފައެވެ.

މިއަދާ ހަމައަށް އައި އިރު މި ބައްޔަށް ރާއްޖޭގައި މިވަނީ ޖުމްލަ 10 ބިދޭސީން ޕޮޒިޓީވް ވެފައެވެ. އެއީ ކުރެއްދޫން 5 މީހުން، ސޭންޑީސް ބަތަލާއިން 2 މީހުން، ކުރަމަތިން 2 މީހުން އަދި އަނަންތަރާ ދިގުރަށުން އެއް މީހެކެވެ.

ރާއްޖޭގައި ކުއްލި ހާލަތުގެ ނުރައްކާ ވަނީ އިއުލާންކޮށްފައެވެ. މިއަދާ ހަމައަށް ކޮވިޑް19 އަށް 10 ޕޮޒިޓީވް ކޭސް ރާއްޖެއިން ފެނިފައިވުމުން ރާއްޖެއަށް މީހުން އައުން ވަނީ 5 ގައުމަކުންނާއި އަދި އިތުރު 3 ގައުމެއްގެ ވަކި ސަރަހައްދުތަކަކަުން މެދުކަނޑާލާފައެވެ.

އެ ސަރަހައްދުތަކުގެ ތެރޭގައި ޗައިނާ، އިރާނު، އިޓަލީ، ބަންގްލަދޭޝް، ސްޕެއިން، ހިމެނެއެވެ. އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކާއި ޖަރުމަނާއި ފްރާންސްގެ ވަކި ސަރަހައްދުތަކަކެއް ވެސް މީގެ ތެރޭގައި ހިމެނެއެވެ.