އިނގިރޭސިވިލާތުގެ ލޯކަލް ކައުންސިލްތަކަށް މެމްބަރުންނާ މޭޔަރުން ހޮވުމަށް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ އިންތިހާބުތަކުގެ ވޯޓުލުން، 1 އަހަރު ދުވަހަށް ފަސްކޮށްފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިންތިހާބުތައް ފަސްކޮށްފައިވާއިރު، އިނގިރޭސިވިލާތުގެ ލޯކަލް ކައުންސިލަށް މެމްބަރުން އަދި މޭޔަރުން ހޮވުމަށް ބާއްވާ އިންތިހާބުތަކުގެ ވޯޓުލުން ދެން އޮންނާނީ 2021 ވަނަ އަހަރުގެ މެއި މަހު ކަމަށް ޚަބަރު ލިބެއެވެ.

އިނގިރޭސިވިލާތުގެ ރަސްމީ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ކުރިން ރާވާފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ބާއްވާނަމަ އެ ދުވަސްވަރު ދިމާވާނީ ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ބާރަށް ފެތުރިގެންދާނެ ކަމަށް ލަފާކުރާ ދުވަސްވަރާއެވެ. އެހެންކަމުން، އެފަދަ ދަނޑިވަޅެއްގައި އިންތިހާބެއްގެ ވޯޓުލުން ކުރިއަށް ގެންދިއުމަކީ އެދެވޭ ކަމެއް ނޫންކަމަށް ފެންނަ ކަމަށްވެސް އިނގިރޭސިވިލާތުން ބުނެއެވެ.

އިނގިރޭސިވިލާތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިންތިހާބުތައް 1 އަހަރު ދުވަހުގެ މުއްދަތަށް ފަސްކޮށްފައި މިވަނީ، ކޮވިޑް-19ގެ އަސަރު ވީހާވެސް ކުޑަވާ ގޮތަށް، މި އިންތިހާބުތައް މިއަހަރުގެ ޚަރީފުގެ މޫސުމުގެ ނިޔަލަށް ފަސްކޮށްދިނުމަށް އިނގިރޭސިވިލާތުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުންވެސް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ކަންމިހެން އޮތްއިރު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރާ ފަރާތްތައް ކޮންޓްރޯލް ކުރުމަށް އެގައުމުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގައުމުން ބޭރަށް ވަޑައި ނުގެން މަޑުކުރެއްވުމަށްވެސް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މުޅި އިނގިރޭސިވިލާތަށް ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 798 އަށް އަރާފައިވާއިރު، މި ރޯގާގެ ޝިކާރައަކަށްވެ މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ.