ކޮވިޑް-19ގެ ނުރައްކާ ދެކުނު އޭޝިއާގެ ގައުމުތަކަށް އައުމާ ގުޅިގެން އެ ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ މަޝްވަރާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދައުވަތު ދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް19 ވައިރަހާ ގުޅިގެން ރަނގަޅު ލަނޑުދަނޑިއަކަށް ސާކް ގައުމުތަކުން މަސައްކަތް ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ. އެގޮތުން މޯދީ ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ. މޯދީ ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ދެކުނު އޭޝިއާގައި ކަމަށެވެ. އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ނުފޮރުޅާ އެންމެ ގަލެއްވެސް ބާވައިގެން ނުވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.
މޯދީގެ އެ ޓްވީޓަށް ޖަވާބު ދެއްވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދަ ކަމަކަށް ބޮޑުވަޒީރު މޯދީ އިސް ނެންގެވީތީ ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކޮވިޑް19 އިން ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މަސައްކަޔތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެކަމުގައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަަމަށްވެސް ވިދާޅުވިއެވެ.
މުޅި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވެސް އެންމެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ އިންޑިއާއިންނެވެ. އެގައުުން މިހާތަނަށް ވަނީ 75 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ދެން އެންމެ ގިނައީ ޕާކިސްތާނުގައެވެ. އެގައުމުން 20 މީހަކަށް ޖެހިފައިވާއިރު ތިންވަނަ އަށް މުޅި ދެކުނު އޭޝިއާއިން ވެސް އެންމެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ރާއްޖެއިންނެވެ. ރާއްޖެއިން މި ބައްޔަށް ވަނީ 8 މީހަކު ޕޮޒިޓިވް ވެފައެވެ. އަގްފާނިސްތާނުން ވަނީ ފަސް މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ބަންގްލަދޭޝްއިން ތިން މީހަކަށް ބަލި ޖެހުނުއިރު ނޭޕާލާއި ބޫޓާނުން މި ބަލި ޖެހިފައިވަނީ އެންމެ މީހަކަށެވެ.