ގއ. ކޮނޑޭގެ އިސް މެޖިސްޓްރޭޓު މުހައްމަދު އިބްރާހިމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު މުހައްމަދު އިބްރާހިމް އަމަލުކުރައްވާފައިވާ ގޮތުން އޭނާގެ ސުލޫކަށް އަސަރުކުރާ ފަދަ ކަމެއް އެ ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން މުހައްމަދު އިބްރާހިމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ޖޭއެސްސީއިން އާންމުކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް މުހައްމަދު އިބްރާހީމްގެ އިތުރު ސުލޫކީ މައްސަލައެއް ވަނީ ބަލާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ޖޭއެސްސީ އިން ވަނީ އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައެވެ. ޖޭއެސްސީއިން އެ މައްސަލަ ބަލައި، އިސް މެޖިސްޓްރޭޓު މުހައްމަދު އިބްރާހީމް އަށް ވަނީ ނަސޭހަތް ދީފައެވެ.