އިނގިރޭސި ޝާހީ އާއިލާގެ ލަގަބާ މަގާމު ދޫކޮށްލުމަށް ނިންމި ނިންމުގެ ފަހަތުގައި ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށް ޕްރިންސް ހެރީ ބުނެފިއެވެ.

ނަމަވެސް ހެރީ މިވާހަކަތައް ހިއްސާކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކްލައިމެޓް އެކްޓިވިސްޓް ގްރިއެތާ ޓުންބޭއީ ކަމަށް ހިތާ، ފޭކު ފޯނުކޯލަކަށް ޖަވާބުދެމުންނެވެ.

މި ފޯނުކޯލަށް ޖަވާބު ދެމުން ޕްރިންސް ހެރީ ބުނެފައިވަނީ އޭނާގެ އަންހެނުންނާ ދަރިފުޅަކީ އާދައިގެ ބައެއް ކަމަށާ، ޝާޙީ އާއިލާއާއި ދުރު ބައެއް ކަމަށެވެ. އަދި ޝާހީ އާއިލާގެ މަގާމާ ލަގަބުތައް ދޫކޮށްލަން ނިންމީ، ދަރިފުޅުގެ މުސްތަގުބަލަށް ބެލުމަށްފަހު އެންމެ ރަނގަޅީ އެގޮތްކަމަށް ވުމުންކަމަށްވެސް ހެރީ ވަނީ ބުނެފައެވެ.

ހަގީގަތުގައި މި ކޯލުގައި ހެރީ ވާހަކަދައްކާފައިވަނީ ގްރެއިތާއަކާ ނޫނެވެ. ނަމަވެސް މިފަދަ 'ޕްރޭންކް' ކޯލު ކުރުމުގެ ރެކޯޑް އޮންނަ ރަޝިޔާގެ 2 މީހުން ކަމަށްވާ އެލެކްސީ ސްޓޮލީޔަރޯފްއާއި ވްލޭޑިމީރް ކުޒްނެޓްސޯފްއާއިއެވެ. މި 2 މީހުންނަކީ އެލްޓަން ޖޯންއާއި ބާސީ ސޭންޑާޒް ފަދަ މަޝްހޫރު މީހުންނަށްވެސް މިފަދަ އޮޅުވާލުންތައް އޮޅުވާލާފައިވާ 2 މީހުންނެވެ.

ޓުންބޭއިއަށް ވެގެން ޕްރިންސް ހެރީއަށް ޕްރޭންކް ކޯލު ކުރި ރަޝިޔާގެ އެލެކްސީ ސްޓޮލީޔަރޯފްއާއި ވްލޭޑިމީރް ކުޒްނެޓްސޯފް/ފޮޓޯ: ސޯޝަލް މީޑިއާ

ގްރެއިތާގެ ނަމުގައި މި 2 މީހުން ހެރީއަށް ކުރި ފޯނުކޯލުގައި ހެރީ ވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށްވެސް ފާޑުކިޔާފައެވެ. އަދި އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށްވެސް އެއްޗިހި ކިޔާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޔޫޓިއުބްގައިވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެލެކްސީ ސްޓޮލީޔަރޯފްއާއި ވްލޭޑިމީރް ކުޒްނެޓްސޯފް ވަނީ މި ފޯނުކޯލުގެ ރެކޯޑިންގް ޔޫޓިއުބްގައި ހިއްސާކޮށްފައެވެ.