މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ލޯނަށް 1300 ދަރިވަރުން ކުރިމަތި ލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ގެޒެޓް ކޮށްފައިވާ “ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" ގައިވާ ގޮތުގެ މަތީން ލޯނު ހޯދަން ކުރިމަތިލުމަށް އެދި ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު ޖުމްލަ 1300 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މި އިއުލާނުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރު 1:00 އަށެވެ.

އެ އިއުލާނުގައި ވާގޮތުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 550 ދަރިވަރުންނަށެވެ. ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 އިން ފެށިގެން ފެންވަރު 10ގެ ނިޔަލަށް، އަދި ލައިސަންސް ނުވަތަ ޕްރޮފެޝަލް ޕްރޮގްރާމް ތަކަށެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ޕައިލަޓް ލައިސަންސް އަދި އޭސީސީއޭ ޕްރޮގްރާމް ހިމެނެއެވެ. މި ލޯނު ސްކީމަށް 151 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ހޯދުމަށް، ލޯން ސްކީމަށް މިފަހަރު ހުޅުވާލާފައި ވަނީ ބޮޑެތި ހެޔޮ ބަދަލުތަކަކާ އެކުގައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ، ވީހާވެސް ގިނަ ރައްޔިތުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ލިބިދިނުމުގެ ބޭނުމުގައި، އަދި ވަކިން ހާއްސަކޮށް ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިސްކަން ދިނުމަށްޓަކައި ލޯނު ދިނުމުގެ އުސޫލަށް ވަނީ ވަރަށް މުހިންމު ބަދަލެއް ގެނެސްފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ލޯނު ހޯދައިގެން ކިޔަވަން ހުށަހަޅާ ފެންވަރަށް ކިޔެވުމުގެ ހަރަދުން ބައެއް، ކުރިން ލިބިފައިވާ ފަރާތްތަކަށް ވެސް ކޯސް ފުރިހަމަ ކުރެވިފައި ނުވާނަމަ، އެފަރާތްތަކަށް ވެސް ލޯނަށް ކުރިމަތިލެވޭ ގޮތަށް މިއަހަރުގެ ލޯނު އުސޫލުގައި ކަނޑައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ، ލޯން އެޕްލިކޭޝަން ފުރިހަމަކުރުމަށް ސެޓްފިކެޓްތައް އެޓެސްޓްކުރަން ނުޖެހޭގޮތަށް ނުވަތަ އަސްލާ އެއްގޮތަށް ތައްގަނޑު ޖަހަން ނުޖެހޭގޮތަށް އުސޫލު ބަދަލުކޮށްފައި ވުމަކީ ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

މީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ލޯން ހޯދައިގެން ކިޔެވުމަށް ދަރިވަރު އިހްތިޔާރު ކުރާ ގައުމަކުން ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު މިސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ލޯނުގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ ލޯނު އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގައުމުތަކުން ކުރެ ގައުމެއްގައި ބަޔާންކޮށްފައިވާ ކެޓެގަރީއިން ކިޔެވުމަށެވެ. އެ މިނިސްޓްރީން ބުނީ، އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނު އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހްތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށެވެ.

ލޯނަށް ހޮވޭ ފަރާތްތައް އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ 20 އޭޕްރިލް ވާ ހޯމަ ދުވަހުގެ ކުރިންނެވެ.