ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަހަކީ "އާދައިގެ ރޯގާ" އެކޭ ބުނެ، ދެއަތް އުރާލައިގެން ތިބެވެން ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ވިދާޅުވީ ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއަށް ދިމާވެފައި މިވާ ހާލަތަކީ ޔޫކޭއަށް ވެސް ފުރަތަމަ ދިމާވި ހާލަތު ކަމަށެވެ. މި ވައިރަހަކީ އާދައިގެން "ރޯގާއެއް"ގެ ގޮތުގައި ބަލައިގެން ތިބެވެން ނެތް ކަމަށާއި މިއީ އެއަށްވުރެ ބިރުވެރި ކަމެއް ކަމަށްވެސް ރޮޒައިނާ ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ރައްޔިތުން މިކަމާ ސަމާލުވާން ޖެހޭ ކަމަށާއި ރާއްޖޭގައި ކޮރޯނާ ފެތުރެން ފަށައިފި ނަމަ ރާއްޖޭގެ ހޮސްޕިޓަލް ތަކުގައި އެއްފަހަރާ ގިނަ މީހުންތަކެއް ބައިތިއްބޭނެ ގޮތެއް ނެތް ކަން ރޮޒައިނާ ވަނީ ފާހަގަ ކުރައްވާފައެވެ. ފެރުރެމުންދާ ވައިރަހަށް ސަމާލު ނުވެއްޖެ ނަމަ ގިނަ މީހުންތަކެއް މަރުވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަމަށާއި އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލަންޖެހޭ ކަންވެސް ރޮޒޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި ވާއިރު، ކޮވިޑް 19 އާ ގުޅިގެން ދަރުބާރު ގޭގައި ބާއްވަމުންދާ ބައްދަލުވުންތަކުގައި، ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވަނީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރަނީ ސްކޫލްތައް ހުންނަ ސަރަހައްދެއް ނުވަތަ ސިޓީއެއްގެ ހާލަތު ބަދަލުވުމުން ކަމަށާއި އެ ހާލަތު ރާއްޖޭގައި އަދި ނެތް ކަމަށެވެ. އަދި ރާއްޖޭގައި ކޮރޯނާގެ ހަލަތު "ސީރިއަސް" ނޫން ކަމަށާއި ރައްޔިތުން ހާސްވެގެން އުޅެންވީ ހާލަތަށް ނުދާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮރޯނާ އާ ގުޅިގެން ކުޑަކުދިންގެ ބަަލިތަކުގެ ހާއްސަ ޑރ. އަބްދުﷲ ނިޔާފާއި މެޑިކަލް އެސޯސިއޭޝަނުން ވަނީ މި ވަގުތަށް ސްކޫލްތައް ބަންދު ކުރުމަށްވެސް ގޮވާލައިފައެވެ. ނަމަވެސް އެކަމަށް ސަރުކާރުން އަޅާނުލައި އެކްސްޓްރާ ކްލާސްތައްވެސް މިއަދު ވަނީ ބައެއް ސްކޫލުތަކުގައި ފަށާފައެވެ.

ކޮވިޑް 19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޖުމްލަ 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެއްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެކެވެ.

ކޮވިޑް 19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ ރިސޯޓް ވަނީ އޮރެންޖު އެލާޓަށް ޖައްސާފައެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.