ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަހާއެކު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1،376 ބުކިން ކެންސަލްވަމުން ދާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޑްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.

ކޮވިޑް 19ގެ ސަަބަބުން އިގްތިސޯދަށް ލިބެމުންދާ ގެއްލުންތަކާބެހޭ ގޮތުން މަޓާޓޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްކޮށްފައިވާ ކަމަށާއި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 1،376 ޓޫރިސްޓުންގެ ބުކިން ކެންސަލް ކުރާ ކަމަށެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ 41،289 ބުކިން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނެފައި ވަނީ މިހާރު ބުކިން ކެންސަލްވަމުންދާ ގޮތުން ފޯކާސްޓް ކުރެވޭ ގޮތުގައި މި އަހަރު ތެރޭ ރާއްޖޭގެ ޓޫރިޒަމް 29.5 ޕަސެންޓަށް ދަށަށް ދާނެ ކަމަށާއި ޓޫރިސްޓު ބުކިންގްސް ކެންސަލްވާ ރޭޓު އަދިވެސް އިތުރުވަމުންދާ ކަމަށެވެ. މީގެ ކުރިން ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖެ އައުމަށް ބުކިން ހައްދާފައިވާ އެއްލައްކައަށްވުރެ ގިނަ މީހުންގެ ބުކިންސްތައް ކޮވިޑް 19 އާ ގުޅިގެން ވަނީ ކެންސަލް ކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާ އާއި އިޓަލީގެ މާކެޓުން ފަތުރުވެރިން ގެނައުން ވަނީ ހުއްޓާލައިފައެވެ. މީގެ އިތުރުން ސައުތު ކޮރެއާ އާއި ޖަޕާނަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓުތަކެވެ. މިއީ ވައިރަސްގެ އަސަރުވެސް އެންމެ ބޮޑަށް ކުރާ ސަރަހައްދުތައްކަން ފާހަގަކޮށް މަޓާޓޯ އިން ބުނީ އެކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރަމުންދާ ކަމަށެވެ.

އދ. ގެ ޓޫރިޒަމާބެހޭ ޖަމްއިއްޔާ އިން ލަފާކޮށްފައިވާގޮތުގައި ކޮވިޑްގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމަށްވެސް ބޮޑު ލޮޅުމެއް އަންނާނެކަމަށައި އެއީ ދުނިޔޭގެ ޓޫރިޒަމް ތިން ޕަސެންޓާއި ހަމައަށް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށާއި އޭގެ ގެއްލުން 30 ބިލިއަނާއި 50 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އދ އިން ވަނީ ބުނެފައެވެ.