އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު އަދި ގާނޫނު ހަދާ މަޖިލީހުގައި ކޮންޒަވޭޓިވް ޕާޓީ ތަމްސީލު ކުރައްވާ މެމްބަރު ނެޑީން ޑޯރީސް، ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވައިފިއެވެ.

ނެޑީން ޑޯރީސްއަކީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މެމްބަރެވެ.

ނެޑީން ޑޯރީސް ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ކަށަވަރުވި ހިސާބުން އަޅަންޖެހޭ ހުރިހާ ފިޔަވަޅޭއް އަޅުއްވާފައި ވާނެ ކަމަށާ، އެކަހެރިވެ ވަޑައިގެން އިންނެވީ އަމިއްލަ ގެކޮޅުގައި ކަމަށެވެ.

ވަޒީރު ވިދާޅުވީ ފާއިތުވީ ދުވަސްތަކުގައި އޭނާއާ ބައްދަލު ވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަވާ ކަމަށެވެ. އުމުރުން 62 އަހަރުގެ ނެޑީން ޑޯރީސް ކުރިން މަސައްކަތް ކުރައްވާފައި ވަނީ ނަރުހެއްގެ ގޮތުގައެވެ. ބަލީގެ އެންމެ ވޭން ބޮޑު ދުވަސްތައް ފާއިތުވެފައި ވާކަމަށް އުއްމީދު ކުރައްވާ ކަމަށާ، ނަމަވެސް މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އުމުރުން 84 އަހަރުގެ މަންމަ ކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި ވަޒީރުގެ ހަށިގަނޑުން ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފަށާފައި ވަނީ، ބޮޑުވަޒީރު އިންތިޒާމު ކުރެއްވި އިވެންޓެއް އޮތް ދުވަހުއެވެ.

ކަންމިހެން އޮތްއިރު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19އަށް ޓެސްޓު ކުރައްވާފައި ވާ ކަން ނުވަތަ ނޫން ކަން ބަޔާން ކޮށްދިނުމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 382 އަށް އަރާފައި ވާއިރު، މި ބަލީގައި އެ ގައުމުން 6 މީހަކު ވަނީ މަރުވެފައެވެ. އެންމެ ފަހުން މަރުވެފައި ވަނީ މީގެ ކުރިންވެސް ސިއްހީ މައްސަލަތަކެއް ހުރި، އުމުރުން 80 އަހަރުގެ ފިރިހެނެއް ކަމަށް ޚަބަރު ލިބެއެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތުމާއެކު، މީހުން ސްކްރީން ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކޮށްފައި ވާކަމަށެވެ.

އިނގިރޭސިވިލާތުގައި މިހާރު ދުވާލެއްގެ މައްޗަށް 1500 އެއްހާ ޓެސްޓު ހަދާއިރު، ކުރިއަށް އޮތް ތަނުގައި މިއަދަދު 10000 އަށް އިތުރު ވެގެން ދާނެ ކަމަށް ބެލެވެއެވެ.