ރީތިރަށުން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ކުޑަކުއްޖެއްގެ ގައިން ސާމްޕަލް ނަގާފައިވާ ކަމަށް ސަރުކާރުން ކޮވިޑް19 ގެ މައުލޫމަތު ހިއްސާ ކުރުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ ކުޑަ ކުއްޖެއްގެ ސާމްޕަލް މިހާރު ނެގިފައި ވާ ކަމަށާއި، އަދި އެ ބައްޔަށް މިހާރު ޓެސްޓު ކުރަމުން ދާ ކަމަށެވެ. އަދި އެރަށް މިވަގުތު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެއިތުރުން މަބްރޫކް ވިދާޅުވީ ކުރެއްދޫން 5 މީހަކު މިހާރު ފަރުކޮޅުފުއްޓަށް ގެންގޮސްފައި ވާ ކަމަށެވެ. ކޮވިޑް19 އަށް ޝައްކު ކުރެވިގެން މިހާތަނަށް 73 ސާމްޕަލްއެއް ލިބިފައި ވާއިރު، އޭގެތެރެއިން 65 މީހުން އެ ވައިރަހަށް ނެގެޓިވް ވެފައި ވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 2 ސާމްޕަލްއެއްގެ ނަތީޖާ ލިބިފައިނުވާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިވަގުތު ފަރުކޮޅުފުށީގައި 15 މީހުން އެކަހެރި ކޮށްފައި ވާއިރު، ވިލިވަރުގައި 9 މީހުން އެކަހެރި ކޮށްފައި ވާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓީވް ވެފައި ވަނީ 6 މީހެކެވެ. ބަތަލާ ރިސޯޓުން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، ކުރެއްދޫ އައިލެންޑު ރިސޯޓުން ވަނީ 4 މީހަކު ޕޮޒިޓިވް ވެފައެވެ.
ކޮވިޑް19 ފެތުރުމާ ގުޅިގެން މިހާރު އަރައި ފޭބުން މަނާކޮށްފައި ވާ ރަށްތަކުގެ ތެރޭގައި، ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓު، ވިލަމެންދޫ އައިލެންޑް ރިސޯޓު އަދި ކުރަމަތި މޯލްޑިވްސް އައިލެންޑް ރިސޯޓު ހިމެނެއެވެ. މިނޫން އެއްވެސް ރަށަކަށް އަރައިފޭބުން މަނާކޮށްފައި ނުވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެއެވެ.