ޗައިނާއިން އެނބުރި ރާއްޖެއައި ދެ ދިވެއްސަކު ކަރަންޓީން ކުރުމުގެ 14 ދުވަހަށް ފަހު ދޫކޮށްލައިފިއެވެ.
އެޗްޕީއޭއިން ބުނީ ޗައިނާއިން ފުރައިގެން އެނބުރި ރާއްޖެ އައި ދެ ދިވެހިން، މިހާރު އަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން 14 ދުވަހަށް ކަރަންޓީން ކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެ ދިވެހިން ކަރަންޓީން ކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ.
މީގެ ކުރިން އެޗްޕީއޭއިން ބުނެފައި ވަނީ ކަރަޓީން ކުރެވުނު ދެ މީހުންވެސް ކަރަންޓީން ކޮށްފައި ވަނީ ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި އެއީ ސަލާމަތާއި ރަށްކާތެރިކަމަށްޓަކައި ކަމަށާއި އަދި އެއީ މިދިޔަ މަހުގެ ތިންވަނަ ދުވަހު ނެރުނު "ޓްރެވަލް އެޑްވައިޒަރީ" އަށް އަމަލު ކުރުމަށް ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ކަރަންޓީން ކޮށްގެން މީހުން ބެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަގުތަކީ 14 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަސަރެއް ނުފެންނަނަމަ އަދި ޓެސްޓުތަކުންވެސް ނެގެޓިވްކޮށް ދައްކާނަމަ ދޫކޮށްލާނެ ކަމަށެވެ.
އެ ދެ މީހުން ދޫކޮށްލާފައިވާއިރު، ޔުނިވާސަލްގެ އެމިރޭޓްސް ޓިކެޓިން އޮފީހުން ކޮވިޑް-19 އަށް ޝައްކު ކުރެވުނު ސްޓާފާއި، ށ. ފޯކައިދޫން ޝައްކު ކުރެވުނު 2 މީހުންނާ އެކު ޖުމްލަ 3 މީހުން ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ މިއަދެވެ.
ފަރުކޮޅުފުށީގައި ތިބި މި 3 މީހުން ކޮވިޑް-19 އަށް ނެގެޓިވް ވެފައި ވާއިރު، މިއަދު ހެނދުނު އދ. ވިލަމެންދޫން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން މީހެއްގެ ޓެސްޓު ހެދުމުގެ މަސައްކަތް އެޗްޕީއޭން ދަނީ ކުރަމުންނެވެ. އަދި މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 8 ބިދޭސީން ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 6 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެކެވެ.