އަދާ ޖެހުނުއިރުވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފެށުން އަދި 'މަރުކަޒު'ގެ ގޮތުގައި މުޅި ދުނިޔެވެސް ސިފަކުރަމުން އަންނަ ޗައިނާގެ ވޫހާން ސިޓީއަށް، އެގައުމުގެ ރައީސް ޝީ ޖީންޕިންގް ވަޑައިގެންފިއެވެ.

ޝީ ވޫހާންއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިއީ ވޫހާންއިން ކޮވިޑް-19 ފެންމަތިވިފަހުން އެ ސިޓީއަށް ޝީ ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަނޑިވަޅަކީ ވޫހާންއިން މި ވައިރަހަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށަށް ދާން ފަށަފައިވާ ދަނޑިވަޅެއްވެސްމެއެވެ.

ކޮވިޑް-19އަށް އެތައް ހާސް ބަޔަކު ޕޮޒިޓިވްވެ، އެތައް ބަޔަކު އެ ބަލީގައި މި ދުނިޔެ ދޫކުރި ވީހާންއަށް ޝީ ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އޭނާގެ ހިތްވަރާ، ޗައިނާގެ ސިއްހީ ނިޒާމަށް އޭނާ ކުރައްވާ އިތުބާރުގެ ވަރުގަދަކަން ދައްކުވާދޭ ކަމެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ދަނީ ސިފަކުރަމުންނެވެ.

މިއަދުގެ ނިޔަލަށް ބަލާއިރު ޗައިނާގެ އެކި ކަންކޮޅުތަކުން 80754 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 67760 މީހުންނަކީ ވޫހާން ސިޓީ އޮންނަ ހޫބޭ ޕްރޮވިންސްއިން ޕޮޒިޓިވްވެފައިވާ މީހުންނެވެ. މި ރޯގާގައި ޗައިނާއިން 3136 މީހުން މަރުވެފައިވާއިރު، 112 މީހަކު ފިޔަވާ ދެންތިބި އެންމެނަކީވެސް ހޫބޭ ޕްރޮވިންސްއިން މަރުވި މީހުން ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވޫހާން ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: އެންވައިޓީ

ހޫބޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދިޔަ ދުވަސްވަރު ދުވާލެއްގެ މައްޗަށް އެތައް ހާސް އާ ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ހޯމަ ދުވަހު ޗައިނާއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެ ޕްރޮވިންސްއިން ރިޕޯޓްކޮށްފައިވަނީ އެންމެ 17 އާ ކޭހެވެ. ޗައިނާގެ އެހެން ހިސާބުތަކުން ރިޕޯޓްކޮށްފައިވަނީ 2 ކޭހެކެވެ. އެއީވެސް ޗައިނާއިން ބޭރަށް ކުރި ދަތުރަކާ ގުޅިފައިވާ 2 ކޭސް ކަމަށް ޚަބަރު ލިބެއެވެ.

ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވެން ފަށާފައި މިވަނީ އެގައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދަނިކޮށެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދަށް ވުމަށް ފައިވިއްދާ، ވަރުގަދަ ހަނގުރާމަތަކެއް ކުރަމުންދިޔަ ޗައިނާއިންވަނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އިގުތިސޯދު ގުރުބާންކޮށް، ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވަމުންދިޔަ ސަރަހައްދުތައް ލޮކްޑައުންކޮށް، ކަރަންޓީނުކޮށް، އިގުތިސޯދީ އަދި ސިނާއީ އަދި އުމްރާނީ މަސައްކަތްތައްވެސް މުޅިންހެން ހުއްޓާލާފައެވެ.