ށ. ފޯކައިދޫގައި ނުވަ މީހަކު ސެލްފް އައިސޮލޭޝަންގައި ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް މިއަދު ގެންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިހާރު ދަރުބާރު ގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް 19 ގެ ސްޕޯކްސް ޕާސަން، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފޯކައިދޫގައި ސެލްފް އައިސޮލޭޝަންގައި ތިބި ނުވަ މީހަކު ސެލްފް ކަރަންޓީން ކުރެވިފައިވާ ކަމަށާ އޭހެ ތެރެއިން އެކަކު ފަރުކޮޅުފުއްޓަށް ގަނައުމަށް ހަމަޖެފައިވާ ކަަމަށެވެ. އޭނާ އަކީވެސް ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 4 މީހަކު ފެނިފައިވާ އިރު ފުރަތަމަ ފެނިފައިވާ ދެމީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނެވެ. އަނެއް ދެމީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި 2 މީހުންނެވެ. ކުރެއްދޫން ދެ މުވައްޒަފުން ޕޮޒިޓިވްވެފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ފުރާއިގެން ދިޔަ ފަތުރުވެރިއެއް ކޮރޯނާއަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެހެންކަމުން އެ ރިސޯޓުގެ ސްޓޭޓަސް ލެވެލް އޮރެންޖަށް މަތިކޮށް އެ ރިސޯޓަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް19ގެ ޕޮޒިޓިވް ކޭސް އައުމާ ގުޅިގެން މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރަމުންނެވެ. ކުރެއްދޫ ރިސޯޓުގައި މިވަގުތު ޖުމްލަ 699 ފަތުރުވެރިން ތިބިއިރު، މުވައްޒަފުންގެ ގޮތުގައި ޖުމްލަ 738 މުވައްޒަފުން އެބަ ތިއްބެވެ. އެއީ ރިސޯޓުގެ ދިވެހި މުވައްޒަފުންގެ ގޮތުގައި 281 މީހުނާއި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި 457 މީހުންނެވެ.

ރާއްޖެ މިހާރު މި ވަނީ ޔެލޯ އެލާޓަށް މަތިވެފައެވެ. ހަމައެއާއެކު ސޭންޑިން ބަތަލާ ރިސޯޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވުމުން އެ ދެ ރިސޯޓް ވަނީ އޮރެންޖް ލެވެލްއަށް މަތިކޮށްފައެވެ. މި ސްޓޭޓަސްގައި އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ބަންދުކޮށްފައެވެ.