އަދާ ޖެހުނުއިރުވެސް އެ ކުޑަކުޑަ މަޚުލޫގަކާ ބެހޭ މާ ބޮޑު ތަފްސީލެއް އެނގިފައި ނުވާ އެކައްޗަކީ، ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހެވެ. ކޮވިޑް-19ގެ ވާހަކަ ފެންމަތިވެ، އެއީ އަދި މިހާތަނަށް ފަރުވާއެއް ނުވަތަ ވެކްސިންއެއްވެސް ހޯދިފައި ނުވާ ރޯގާއެއްކަން އެނގުމާއެކު އެންމެންގެ ހިތުގައި ބިރުވެރިކަން ވަށާލިއެވެ. ސަލާމަތީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ފެށިއެވެ. ވަކިން ހާއްސަކޮށް ހޭންޑް ސެނިޓައިޒަރަށް އޮތް ޑިމާންޑު އުފުލިގެން ދިޔައީ ސަޕްލައިޔަރުންގެ އަތު ނުޖެހޭހާ ހަލުވިމިނެއްގައެވެ. ނަތީޖާއަކަށްވީ ސަޕްލައިޔަރުންގެ އަގުތައް އުފުލަން ޖެހުމެވެ. އެވަރުންވެސް މައްސަލަ ހައްލުވާ ގޮތެއް ނުވެއެވެ. ބޮޑު އަގުދީފައިވެސް ސެނިޓައިޒާ ގަންނަނީއެވެ.

އޭރުވެސް ސިއްހީ މާހިރުންނާ ޑޮކްޓަރުން ބުނަމުންދިޔަ ވާހަކައެއް އަދިވެސް އެބައޮތެވެ. އެއީ އާންމު ދިރިއުޅުމުގެ އާދަތަކުގައި އުޅޭ ފަރާތްތަކަށް ސައިބޯންޏަކީ އެންމެ ރައްކާތެރި އެއް ވަސީލަތް ކަމަށް ބުނާ ވާހަކައެވެ. އެވާހަކަ ގަބޫލުކުރަން ކިތަންމެ ބަޔަކަށް މިއަދުވެސް ދައްޗެވެ. ސިއްހީ ހިދުމަތްދޭ ތަންތަނުގައި ސެނިޓައިޒާ ބޭނުންކުރާތަން ފެނި، އާންމުންގެ ހިތުގައި ސެނިޓާޒާއަށް ކުރެވުނު އިތުބާރު ބޮޑުވީ ކަމަށްވެސް ވެދާނެއެވެ.

ސައިބޯނި ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މޮޑާން ސޯޕް މޭކިންގް

ސިއްހީ އަދި ސައިންސްގެ ރޮނގުން ކުރިއެރުންތައް ހޯދާފައިވާ ބޮޑެތި މުއައްސަސާތަކުންވެސް މިއަދު ދަނީ ސައިބޯނީގެ މުހިންމުކަން ބަޔާންކޮށްދެމުންނެވެ. ސައިބޯނިންވެސް ރައްކާތެރިކަން ލިބޭނެކަން ސާބިތުކޮށްދެމުންނެވެ. އެގޮތުން މި ބަލާލަނީ ޔުނިވާސިޓީ އޮފް ސައުތް ވޭލްސްގެ ކެމިސްޓްރީ ޕްރޮފެސަރެއް ކަމަށްވާ ޕެއްލީ ތޯޑަސަން މިކަމާ ބެހޭ ގޮތުން ހިއްސާކުރައްވާފައިވާ ބައެއް ވާހަކަތަކަށެވެ. ނަމަވެސް، އޭގެ ކުރިން ސައިބޯންޏަކީ ކޮބައިތޯ ބަލަމާ ހިނގާށެވެ.

ސައިބޯންޏަކީ ކޮބާ؟

ސައިބޯންޏެއް އުފައްދަނީ ތެޔޮ/ސަރުބީގެ މާއްދާއަކާ، ފެން އަދި އަލްކަލީ ނުވަތަ އާދައިގެ ލޮނުގެ މާއްދާއެއް ބޭނުންކޮށްގެންނެވެ.

ސައިބޯނީގެ ތާރީޚަށް ބަލާއިރު ސައިބޯނި އެންމެ ފުރަތަމަ ބޭނުންކުރީ ފޭރާން އުފެއްދުމަށް ޖަނަވާރުން ނަގާ ހަންގަނޑުތައް ސާފުކުރުމަށެވެ. އެއަށްފަހު މިސްރުގައި ސައިބޯނި ބޭނުންކުރަންފެށީ ބޮޑެތި ފާރުގަނޑުތަކުން ޖަރާސީމު ފިލުވުމަށެވެ. ރީތިވުމަށް ބޭނުންކުރާ އާލާތެއްގެ ގޮތުގައި ސައިބޯނި ބޭނުންކުރަން ފެށީ އަދި އޭގެ މާ ފަހުން، ރޯމަނުންނެވެ.

ފާއިތުވީ އެތައް ހާސް އަހަރަކަށް ބަލާއިރު ސައިބޯނި އުފައްދަން ތަފާތު އެކި ބާވަތްތައް ބޭނުންކުރި ކަމުގައި ވީ ނަމަވެސް، އިސްވެ ބަޔާންކޮށްފައިވާ މައިގަނޑު 3 މާއްދާ އެކުލެވެއެވެ. މި 3 މާއްދާ ބޭނުންކޮށްގެން 2 ގޮތަކަށް ސައިބޯނި އުފައްދައެވެ. އެއީ ކޯލްޑް ޕްރެސް އުސޫލު ބޭނުންކޮށްގެން އުފައްދާ ގަނޑު ސައިބޯންޏާ، ހޮޓް ޕްރެސް އުސޫލުތައް ބޭނުންކޮށްގެން އުފައްދާ އޮލަ ނުވަތަ ދިޔާ ސައިބޯންޏެވެ.

ސައިބޯނި މަސައްކަތް ކުރަނީ ކިހިނެއް؟

ސައިބޯނި ލައިގެން އަތުގައި ހުންނަ ޖަރާސީމު މަރާލަނީއެއް ނޫނެވެ. ނައްތާލަނީއެވެ.

އާނއެކެވެ. އަތުގައި ރަނގަޅަށް ސައިބޯނި ހަކާލުމުން ޖަރާސީމު މަރުވަނީކީ ނޫނެވެ. ނަމަވެސް ސައިބޯނީގައި އެކުލެވޭ ތެޔޮ ނުވަތަ ސަރުބީގެ މާއްދާގައި އެ ޖަރާސީމުތައް ތަތްލަވަނީއެވެ. ސައިބޯނި ލުމަށްފަހު ފެން އަޅާލުމުން ތެލާ ފެނާ އެކުނުވާ އުސޫލުން ސަރުބީތަކާއެކު ޖަރާސީމުތައް ފައިބައިގެން ދަނީއެވެ.

ސައިބޯނި ލައިގެން އަތް ދޮވުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ކިތަންމެ މޮޅު ސައިބޯންޏެއް ލައިގެން އަތް ދޮވުނު ކަމުގައި ވީ ނަމަވެސް، އަތް ދޮންނަ ގޮތް މުހިންމެވެ. އަތް ދޮންނަންވީ ވަގުތު ބަރޯސަވަނީ އެމީހެއްގެ އަތް ހަޑިވެފައިވާ މިންވަރެއްގެ މައްޗަށެވެ. ނަމަވެސް އާންމު ދިރިއުޅުމުގައި އުޅޭއިރު، އެންމެ މަދުވެގެން ވިހި ސިކުންތު ވަންދެން ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުމަށް ތަޖުރިބާކާރުން އިރުޝާދުއެވެ.

އެންޓިބެކްޓީރިއަލް ސައިބޯނި ވަކިން މޮޅުތަ؟

ޖަވާބުގައި ދަންނަވަންޖެހެނީ ނޫނެކޭއެވެ. މި ޒާތުގެ ސައިބޯންޏަށް އެނަން ދެވުނީ ކުރިން ދެންނެވި ޖަރާސީމާ ބެކްޓީރިއާތައް މަރާލުމަށް އިތުރު މާއްދާތަކެއް އަޅާފައި ހުންނާތީއެވެ. ހަގީގަތުގައި 2 ސައިބޯނިވެސް ކުރަނީ އެއް ކަމެކެވެ. އަތުން ޖަރާސީމުތައް ނައްތާލަނީއެވެ. ތަފާތަކީ މިފަހަރު، ބެކްޓީރިއާތައް މަރާލާ ކަމެވެ.

އާދައިގެ ސައިބޯންޏަށް ވުރެ އެންޓިބެކްޓީރިއަލް ސައިބޯނި މޮޅުކަމަށް ބުނާ ސައިންޓިފިކް އެއްވެސް ހެއްކެއް، ސާބިތު ހިފޭ ދަރަޖައަކަށް އަދި ފެނިފައެއް ނެތެވެ.

ޕްރޮފެސާ ތޮޑާސަން ވިދާޅުވަނީ ކީކޭ؟

ޕްރޮފެސާ ތޮޑާސަން ވިދާޅުވާ ގޮތުގައި ސައިބޯނި ބޭނުންކުރުމުން އޭގައި އެކުލެވޭ ސަރުބީގެ މާއްދާގެ އެހީގައި ވައިރަހުގެ ހަރަކާތްތެރިކަން ކަނޑުވާލައެވެ. ނުވަތަ ދިރުން ނެތިކޮށްލައެވެ. ވައިރަހަކީ އިންސާނާގެ ހަށިގަނޑުގެ ބޭރުގައި އެތައް ގަޑިއިރަކަށް ނުވަތަ ދުވަހަކަށްވެސް ދިރިހުރުމުގެ ބާރު ލިބިފައިވާ މަޚުލޫގެކެވެ.

ކެމިސްޓްރީ ޕްރޮފެސާ ޕެއްލީ ތޮޑާސަން/ފޮޓޯ: ދި އޮސްޓްރޭލިއަން

ޑިސްއިންފެކްޓްކުރުމުގެ ނަމުގައި ގެންގުޅޭ އަލްކޮހޯލް އެކުލެވޭ ސްޕްރޭ، ވައިޕް، ޖެލް އަދި ކްރީމް ފަދަ އުފެއްދުންތަކުންވެސް ކޮށްދެނީ ދާދި އެއްކަމެކެވެ. ނަމަވެސް އާދައިގެ ސައިބޯނި ހާ މިފަދަ އުފެއްދުންތައް ފުރިހަމަ ނޫންކަމަށް ޕްރޮފެސާ ތޮޑާސަން ވަނީ ވަކާލާތުކުރައްވާފައެވެ. މި ބާވަތުގެ އުފެއްދުންތަކުގައި އެކުލެވޭ ސައިބޯންޏާ އަލްކޮހޯލްގެ މާއްދާގެ އިތުރުން، ވައިރަހުގެ އަސްލު ނެތިކޮށްލާ އިތުރު އެއްވެސް މާއްދާއެއް މި އުފެއްދުންތަކުގައި އެކުލެވިގެން ނުވާކަމަށްވެސް ތޮޑާސަން ވަނީ ވިދާޅުވެފައެވެ.

ތޮޑާސަން ވިދާޅުވާ ގޮތުގައި ކުރިއަށް 'އެންޓިބެކްޓީރިއަލް' ގެ ނަން ޖަހައިގެން ވިއްކަމުންދާ އުފެއްދުންތަކުގައި ބޮޑު އަގުގައި ވިއްކަމުންދާ އާދައިގެ ސައިބޯންޏެވެ. ނަމަވެސް އަލްކޮހޯލް އެކުލެވޭ ވައިޕްއާއި ދިޔާ މާއްދާތަކަކީ ފަސޭހައިން ސައިބޯނި ބޭނުން ކުރެވެން ނުހުންނަ ހާލަތްތަކުގައި ބޭނުން ކުރަން ހަމަ އެންމެ ރަނގަޅު އުފެއްދުންތަކެވެ. މިސާލަކަށް ގިނަ ބަޔަކު ވަދެ ނިކުމެވާ އޮފީހެއްގެ ރިސެޕްޝަން ކައުންޓަރުގައި މިފަދަ އުފެއްދުމެއް ބޭނުންކުރުން ބުއްދިވެރިއެވެ.

ހޭންޑް ސެނިޓައިޒާއެއް ބޭނުންކޮށްގެން އަތް ސާފުކުރުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެންވައިޕީ

ކޮވިޑް-19ގެ ބިރާއެކު ފިހާރަތަކުން އެންމެ ބާރަށް ވިކި ހުސްވި އެކައްޗަކީ ހޭންޑް ސެނިޓައިޒަރެވެ. މިއާއެކު އަމިއްލައަށް ގޭގައި ތައްޔާރުކުރެވިދާނެ ހޭންޑް ސެނިޓައިޒަރުތަކުގެ ވާހަކަ ސޯޝަލް މީޑިއާ ފަތަހަކުރިއެވެ. ނަމަވެސް އެއީ ސިއްހީ ގޮތުން އެއްވެސް ބުރަދަނެއް ހުރި މައުލުމާތަކަށް ނުވާއިރު، އެފަދަ ކަމަކަށް ބަރޯސާވެ އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާނުލުމަށް ކޮންމެ މީހަކުވެސް ސަމާލުކަން ދޭންވާނެއެވެ.

ކެމިސްޓްރީގެ ރޮނގުން ފުޅާދާއިރާއެއްގައި ދިރާސާތައް ކުރައްވަމުންދާ ޕްރޮފެސާ ތޮޑާސަން ވިދާޅުވާ ގޮތުގައި އެކި ކަހަލަ ތަންތަނުގައި ވައިރަސް ހަރުލާ ގޮތް ތަފާތެވެ. އެގޮތުން އިންސާނެއްގެ ގައިގެ ހަންގަނޑުގައި ވައިރަސް ދިރިހުރުމުގެ ފުރުސަތު ބޮޑެވެ. މިސާލަކަށް ސްޓީލްއިން ހަދާފައިވާ ތަނެއްގައި އިންނަ ވައިރަސް ކޮޅެއްގައި އިންސާނާގެ އަތް ޖެހޭ ހިސާބުން އެމީހެއްގެ ހަންގަނޑުގައި އެ ވައިރަސް ހަރުލައެވެ. މިހާ ހިސާބުން އެމީހާ އަދި އެހުރީ އެ ވައިރަހަށް އިންފެކްޓް ވެފައެއް ނޫނެވެ. ވައިރަހަށް އިންފެކްޓް ވަނީ ވައިރަސް ހުރި އަތް، މޫނުގައި ޖައްސާ، ކަންފަތް، ނޭފަތް، އަނގަ އަދި ލޯ ފަދަ ގުނަވަނެއްގެ ތެރެއިން ހަށިގަނޑު ތެރެއަށް އެ ވައިރަސް ފޮނުވާލެވޭ ހިސާބުންނެވެ.

ތޮޑާސަން ވިދާޅުވާ ގޮތުގައި އަތުގައި ވައިރަސް އަށަގެންފައިވަނިކޮށް ދެވަނަ މީހަކާ ސަލާމްކޮށްފި ނަމަ އެމީހާގެ ހަމުގައިވެސް އެ ވައިރަސް ހަރުލައެވެ.

އިންފެކްޓްވުމުގެ ފުރުސަތު ބޮޑީ މޫނުން

ޕްރޮފެސާ ތޮޑާސަން ފާހަގަކުރައްވާ ގޮތުގައި އިންފެކްޓްވެފައިވާ އަތެއް މޫނުގައި ޖެހި ހަށިގަނޑުގެ ތެރެއަށް ދާ ހިސާބުން އެ އިންފެކްޓްވީއެވެ. މިހާތަނަށް ހޯދިފައިވާ ބައެއް ހޯދުންތަކަށް ބަލާއިރު އެވަރޭޖުކޮށް ކޮންމެ 2-5 މިނެޓަކުން މީހުން މޫނުގައި އަތްލައެވެ. އެހެންކަމުން އަތުގައި ވައިރަސް އަށަގެންފައި ހުރެއްޖެނަމަ އެ ވައިރަހަކަށް އިންސާނާ އިންފެކްޓްވުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

މީހަކު މޫނު ދޮންނަނީ/ފޮޓޯ: ބޯލްޑިންގް ބިއާޑްސް

ތޮޑާސަން ވިދާޅުވާ ގޮތުގައި ހަމައެކަނި ފެންފޮދެއް ޖެހިލައިގެން މިވައިރަހެއް ނުފިލާނައެވެ. ވައިރަހުގެ ތަތްކަން އެއަށްވުރެ ގަދައެވެ. މިކަމުގެ ހައްލު އަންނަނީ ސައިބޯނިންނެވެ. ތޮޑާސަން ވިދާޅުވާ ގޮތުގައި އިންސާނާގެ ހަންގަނޑު އުފެދިފައި ހުންނަ ގޮތުން ފުދޭ ވަރަކަށް ރަނގަޅަށް ސައިބޯނި ލައިގެން ސާފުކުރަން ޖެހެއެވެ. ނަމަކަށް ސައިބޯނި ކޮޅެއް ހާކާލައިގެން ވާކަށް ނެތެވެ.

https://www.youtube.com/watch?v=3PmVJQUCm4E

ސައިބޯނިލައިގެން އަތްދޮންނަންވީ ރަނގަޅު އިރުޝާދުތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންނާ ޑޮކްޓަރުންވެސް މިހާރު ގެންދަވަނީ ހިއްސާކުރައްވަމުންނެވެ. އެހެންކަމުން، މިފަދަ ސައްހަ މަސްދަރުތަކުން މައުލޫމާތު އޮޅުންފިލުވާ، އެގޮތަށް އަމަލުތައް ބެހެއްޓުމަކީ ފަރުދީ ޒިންމާ އަދާކުރުން ކަމުގެ ފެށުމެވެ.