މިހާތަނަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކާ، ފާއިތުވީ ދުވަސްތަކުގައި ލިބެމުންދިޔަ މައުލޫމާތަށް ބަލާއިރު ކޮވިޑް-19 ޖެހިގެން މަރުވާ ފިރިހެނުންނަށްވުރެ އަންހެނުންގެ އަދަދު މަދެވެ. ހަމަ މިފަދައިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ކުޑަ ކުދިން މަރުވާ މިންވަރު، އެހެން ހުރިހާ އުމުރު ފުރާތަކަކަށްވުރެ މަދެވެ.

ކޮވިޑް-19 ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑަށް އެ ވައިރަހުގެ އަސަރުކުރަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް ވައިރަހުގެ އަސަރުކޮށް ހާލު ސީރިއަސްވާ މަދު ނިސްބަތެއްގެ ބަޔަކަށް ބަލާލި ކަމުގައި ވީ ނަމަވެސް، މިކަމަށް ހެކި ލިބެއެވެ. އެހެންވީއިރު، މި ވަނީ ކިހިނެއް ހެއްޔެވެ؟

ކޮވިޑް-19އާއި ގުޅިގެން މިހާ ޒާތީ އަދި ތަފްސީލީ މައުލޫމާތުތަކެއް އާންމުކޮށްފައިވަނީ ޗައިނާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލްއިން އާންމުކުރި ބޮޑު ދިރާސާގައެވެ.

ޭއީރާނުގައި ކޮވިޑް-19އާ ގުޅިގެން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ/ފޮޓޯ: ޕިޓްސްބާގް ޕޯސްޓް ގެޒެޓް

ގާތްގަނޑަކަށް 44000 އެއްހާ މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގެ ނަތީޖާއަށް ބަލާއިރު، ކޮވިޑް-19އަށް އިންފެކްޓްވި ފިރިހެނުންގެ ތެރެއިން 2.8 ޕަސެންޓް ފިރިހެނުން އެ ބަލީގައި މަރުވީއެވެ. ކޮވިޑް-19އަށް އިންފެކްޓްވި އަންހެނުންގެ ތެރެއިން މަރުވި 1.7 ޕަސެންޓް މީހުންނެވެ. މި ވައިރަހަށް އިންފެކްޓްވި ކުޑަކުދިންނާ ފުރާވަރު އުމުރުގެ ކުދިންގެ ތެރެއިން މަރުވީ 0.2 ޕަސެންޓް ކުދިން ކަމަށްވާއިރު، ކޮވިޑް-19އަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުން މަތީގެ މީހުންގެ ތެރެއިން 15 ޕަސެންޓް މީހުން ވަނީ އެ ބަލީގައި މި ދުނިޔެ ދޫކޮށްފައި ކަމަށް ޗައިނާގެ ރެކޯޑްތަކުން ދައްކައެވެ.

އަންހެނުންނާ ކުޑަކުދިންގެ ހަށިގަނޑަށް ވައިރަސް ވަނުން ދުރީތަ؟

ޗައިނާގެ ދިރާސާތަކަށް ދައްކާނެ 2 ހުއްޖަތެއް އެބައޮތެވެ.

އީރާނުން އިރާގަށް ދަތުރުކުރި ފަސެންޖަރަކަށް އެއާޕޯޓްގައި ކޮވިޑް-19ގެ މައުލޫމާތު ފޯރުކޮށްދެނީ/ފޮޓޯ: ގެޓީއިމޭޖަޒް

ފުރަތަމަ ގޮތަކީ އަންހެނުންނާ ކުޑަކުދިންގެ ހަށިގަނޑު އުފެދިފައިވާ ގޮތުން ބަލީގެ އިންފެކްޝަން ޖެހުމާ ގުދުރަތީ ގޮތުންވެސް ދުރުވުމެވެ. ނުވަތަ ނާދިރު ފުރުސަތެއް އޮތުމެވެ. އަނެއް ގޮތަކަކީ، ވައިރަސް ޖެހުމަށް ފަހުގައި އެ ވައިރަހާ ހަނގުރާމަ ކުރުމަށް އަންހެނުންނާ ކުޑަކުދިންގެ ހަށިގަނޑުގައި ގާބިލިއްޔަތުކަން އިތުރުވުމެވެ.

ޔުނިވާސިޓީ އޮފް އެގްޒެޓާގެ ޑރ ބަހާރަތު ޕަންޚާނިއާ ވިދާޅުވާ ގޮތުގައި، އާ ވައިރަސްތައް ދައުރުވަމުންދާ ވަރަކަށް، ކޮންމެ މީހަކުމެހެން އެ ވައިރަހަށް އިންފެކްޓްވެއެވެ. އެއީ ހަނދާނުގައި ބަހައްޓަންޖެހޭ މުހިންމު ނުކުތާއެއްކަން ޑރ ޕަންޚާނިއާ ފާހަގަކުރައްވައެވެ.

މިކަން މިހެން ދިމާވަނީ އެ ވައިރަހުން ދިފާއުވާނެ ބާރެއް އަދި ލިބިފައި ނެތުމުންނެވެ. އެހެނީ މި ވައިރަހަކީ އަދި މިހާތަނަށް އެއްވެސް މީހަކު އެ ވައިރަހަށް ހުށަހެޅިފައި ނުވާ ވައިރަހަކަށް ވާ ކަމެވެ.

ކޮންމެ ވައިރަހެއްގެވެސް އެންމެ ކުރީކޮޅު، ކުޑަކުދިންނަށް އެ ވައިރަހުގެ އަސަރު ކުރާ މިންވަރު ކުޑައެވެ. ކުޑަކުދިންނަށް އެވައިރަސް ޖެހުންވެސް ނާދިރެވެ.

އިރާގުގެ ނަޖަފުގެ ވައިގެ ބަނދަރަށް ޖައްސާފައި އޮތް މަތިންދާބޯޓަކުން ފައިބައިގެން އަންނަ ފަސެންޖަރުންތަކެއް ކޮވިޑް-19އާއި ގުޅިގެން މާސްކު އަޅާފަ/ފޮޓޯ: ޢަލާ އަލް-މަރުޖާނީ

ކިންގްސް ކޮލެޖު ލަންޑަންގެ ޑރ ނެޓަލީ މެކްޑަމޯޓް ވިދާޅުވާ ގޮތުގައި މިކަން މިހެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ބަލިމަޑުކަމެއް ފެށިގެން އަންނަ ދުވަސްވަރު، އެ ބަލިމަޑުކަމުން ކުޑަކުދިން ދުރުކޮށް ސަލާމަތްކުރުމަށް މައިންބަފައިންނާ ބެލެނިވެރިން ބޮޑެތި މަސައްކަތްތަކެއް ކޮށް، އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. މިސާލަކަށް، ބަލި އުޅޭ ތަންތަނަށް ކުދިން ނުގެންދިއުމާ، ބަލިވެ އުޅޭ މީހުންނާ ކުދިން ދުރުކުރުން ފަދަ ފިޔަވަޅުތައް އެޅުމަކީ މިކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އަންހެނުންގެ ފުރާނަ ސަލާމަތްވަނީ ކިހިނެއް؟

އާންމު މީހެއްގެ ނަޒަރުން ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ފިރިހެނުންނަށްވުރެ އަންހެނުން މަރުވާ ނިސްބަތް މަދުވުމަކީ ހައިރާން ކުރަނިވި ކަމެކެވެ. ނަމަވެސް ސައިންސްވެރިންގެ ނަޒަރުގައި އެއީ އާދަޔާ ހިލާފު ކަމެއް ނޫނެވެ.

ކޮވިޑް-19ގެ ބޭރުން، މުޖުތަމައުގައި ދައުރުވާ އެހެން ރޯގާތަކަށް ބަލާއިރުވެސް މިކަން އޮންނަނީ މިހެންނެވެ.

މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ އަންހެނުންނާ ފިރިހެނުންގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅީގެ ތަފާތުކަމެވެ. އާންމު ސިއްހަތަށް ބަލާއިރުވެސް ބަލި ހާލުގައި އުޅޭ ފިރިހެނުންގެ އަދަދު ގިނައެވެ. މިކަން މިހެން މެދުވެރިވަނީ ދިރިއުޅުން ހުންނަ ގޮތުންނެވެ. ކުރާ މަސައްކަތްތަކާ، އާދަކާދައިގެ ސަބަބުންނެވެ. މިސާލަކަށް ބަލާނަމަ، ސިނގިރޭޓުގެ ވަބާގައި ޖެހިފައިވާ ފިރިހެނުންގެ އަދަދު، މި ކުޑަކުޑަ ރާއްޖެއަށް ބެލިއަސް، އަންހެނުންނަށްވުރެ އެތައް ގުނައެއް އިތުރެވެ.

ޢިރާގުގެ ވެރިރަށް ބަޣުދާދުގައި ކުރިއަށްދިޔަ އަޟްޙާ ޢީދު ނަމާދުގެ ފަހުގައި އެގައުމުގެ އަންހެނުން ދުޢާކުރަނީ/ފޮޓޯ: އޭޕީ

ޑރ މެކްޑަމޯޓް ވިދާޅުވާ ގޮތުގައި ސިނގިރޭޓް ބުއިމަކީ ފުއްޕާމޭ ހަލާކުކޮށްލާ ކަމެކެވެ. އެފަދަ މީހަކަށް ކޮވިޑް-19ގައި ކުރި ލިބުން ވަރަށް ދަތިވެދާނެއެވެ.

ޗައިނާގައި ވެގެން އުޅެނީ މިފަދަ ގޮތެއް ކަމަށް ދެންނެވިދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޗައިނާގެ ފިރިހެނުންގެ އާބާދީގެ 52 ޕަސެންޓް މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. އަންހެނުންގެ އާބާދީއަށް ބަލާއިރު މި ވަބާގައި ޖެހިފައިވަނީ އެންމެ 3 ޕަސެންޓް މީހުންނެވެ.

ކޮވިޑް-19ގެ އިންފެކްޝަން ޖެހުމުން ދެޖިންސުގެ ދިފާއީ ނިޒާމުންވެސް މިކަމާ ހަނގުރާމަ ކުރަނީ އެއްގޮތަކަށް ނޫނެވެ.

ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާގެ ޕްރޮފެސަރެއް ކަމަށްވާ ޕޯލް ހަންޓާ ވިދާޅުވާ ގޮތުގައި، އަސާސީ ނަޒަރަކުން ބަލާއިރު އަންހެނުންނާ ފިރިހެނުންގެ ދިފާއީ ނިޒާމު ހިނގާ ގޮތް ތަފާތެވެ. އޮޓޯއިމުން ޑިޒީޒް ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމުން އޮޅުމެއްގެ ތެރެއިން އަމިއްލަ ހަށިގަނޑަށް ހަމަލާދޭ ފަދަ ބަލިތަކުގައި އަންހެނުންނަށް އުފުލަންޖެހޭ ތަކުލީފު ބޮޑު ކަމަށާ، ފްލޫތަކާ ދެކޮޅަށް އަންހެނުންގެ ހަށިގަނޑުން ވެކްސީންތަކަށްވުރެ ބާރުގަދަ އެންޓިބޮޑީޒް އުފައްދާ ކަމުގެ ހެކި، އެކަށީގެންވާ މިންވަރަށް ލިބިފައިވާކަމަށްވެސް ޕްރޮފެސާ ހަންޓާ ވަނީ ވިދާޅުވެފައެވެ.

މާބަނޑު މީހުންނަށް ނުރައްކަލެއް އެބައޮތްތަ؟

ރަސްމީ ސިފައެއްގައި މިކަމަށް އާނ ބަހެއް އަދި ލިބިފައި ނެތެއްކަމަކު، ތަޖުރިބާކާރުން ދަނީ ސުވާލިތަކެއް އުފައްދަމުންނެވެ.

މާބަނޑު ދުވަސްވަރަކީ ބަލިވެ އިންނަ މީހާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ދުވަސްވަރެކެވެ. ބައެއް ފަހަރު، ދިފާއީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށި ކޮށްލުވައެވެ. ޣަރުބަ ގަނެގެން އަންނަ ތުއްތު ދަރިފުޅާ ދެކޮޅަށް ރަހިމުން މަސައްކަތް ނުފަށީ މިހެންވެއެވެ. ނަމަވެސް ދިފާއީ ނިޒާމު ބަލިކަށިވުމާއެކު، ތަފާތު އެކި ކަހަލަ އިންފެކްޝަންތަކަށް އެ މީހަކު ހުށަހެޅުމުގެ ނުރައްކާ ބޮޑުވެއެވެ.

މާބަނޑު ދުވަސްވަރު ދަތުރުކުރާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕޭރެންޓިންގް ހަބް

އެއް އުމުރެއްގެ 2 އަންހެނަކަށް ބަލާއިރު، ފްލޫ ޖެހޭ މާބަނޑު އަންހެނަކު މަރުވުމުގެ ފުރުސަތު އެނޫން އަންހެނަކަށްވުރެ ބޮޑެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުންވެސް ވަނީ ކޮވިޑް-19ގެ އަސަރު ކުރާ މާބަނޑު އަންހެނުންނަށް ނުރައްކާ ބޮޑުވާ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެނިފައި ނުވާކަމަށް ބުނެފައެވެ.

ކަންމިހެން އޮތް ނަމަވެސް، ޕްރޮފެސާ ހަންޓާގެ ވާހަކަ ތަފާތެވެ. ޕްރޮފެސާ ހަންޓާ ވިދާޅުވާ ގޮތުގައި އެ މައުލޫމާތަކީ އެންމެ 9 ވަރަކަށް މާބަނޑު އަންހެނުންގެ ގާތުން މައުލޫމާތު އެއްކޮށްގެން ނިންމި ނިންމުމަކުން އެކުލަވާލި މައުލުމާތެކެވެ. މާބަނޑު އަންހެނަކީ އޭނާގެ އަނބިމީހާ ނަމަ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދެގުނަ އިތުރަށް އެޅުވީސްކަމަށްވެސް ޕްރޮފެސާ ހަންޓާ ވަނީ ފާހަގަކުރައްވާފައެވެ.

ކުޑަކުދިންނަށްވެސް ކޮވިޑް-19 ޖެހޭތަ؟

ކުޑަކުދިންނަކީ ކޮވިޑް-19 ޖެހުމުގެ ފުރުސަތު ނެތް ބައެއްކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުފަތުރާފައެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ވިހޭތާ މަދު ދުވަސްކޮޅެއް ވީ ކުދިންނަށްވެސް ކޮވިޑް-19 ޖެހިފައި އެބަހުއްޓެވެ.

ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމުން ފެންނަ އަލާމާތްތަކާ ބެހޭ މާ ބޮޑު މައުލޫމާތެއް އަދި ލިބިފައެއް ނެތެވެ. ނަމަވެސް ބައެއް އަލާމާތްތަކުގެ ތެރޭގައި އާދައިގެ ހުމެއް އައުން، ނޭފަތުން ފެން އައުން އަދި ކެއްސުން ހިމެނެއެވެ.

އުމުރުން 73 އަހަރުގެ މަންގަޔައައްމާ ޔަރަމާތީއަށް އުފަންވި އެއްމާބަނޑު ދެބެން/ފޮޓޯ: ފްލޯރިޑާ ޓައިމްސް ޔޫނިއަން

ކޮވިޑް-19ގެ ނުރައްކާ ބޮޑުވަނީ އުމުރުން ދޮށީވާވަރަކަށް ކަމުން، ކުޑަކުދިންނަށް މި ވައިރަހުގެ ސަބަބުން ބޮޑު ބަލި ކަމެއް އިހުސާސް ކުރަން ނުޖެހިދާނެއެވެ. ނަމަވެސް ނޭވާ ހިއްލުމާ، ދިފާއީ ނިޒާމު ބަލިކަށި ކުދިންނަށް އެހެން ކުދިންނަށްވުރެ ނުރައްކާ ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.

ކުޑަކުދިންގެ ދިފާއީ ނިޒާމު މިކަމަށް ތައްޔާރުތަ؟

ބޮޑެތި މީހުންނާ ކުޑަކުދިންގެ ދިފާއީ ނިޒާމުގައިވެސް ތަފާތުތަކެއް ހުރެއެވެ. ބޮޑެތި މީހުންނަށްވުރެ ކުޑަކުދިންގެ ދިފާއީ ނިޒާމު 'ތަސައްރަފު ފުދިފައިވާ' މިންވަރު ދަށެވެ. އެހެންކަމުން ކަންކަމަށް 'އޯވާރިއެކްޓް' ކުރާ މިންވަރު ބޮޑެވެ. އާދަޔާ ހިލާފު ގަދައަށް ކުޑަކުދިން ހުން އަންނަ ސަބަބަކީވެސް އެއީއެވެ.

ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ ސަބަބުން ކުޑަކުދިންގެ ދިފާއީ ނިޒާމު އޮޅުން ބޮޅުން ކޮއްލުވާ، އޯވާރިއެކްޓް ނުކުރުވާ ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ. މާޒީއަށް ބަލާއިރުވެސް ބައެއް ކަހަލަ ބަލިތަކަކީ ދޮށީ އުމުރަށްވުރެ ޅަ އުމުރުގައި ޖެހުމުން އަސަރު ކުޑަވާ ބަލިތަކެކެވެ. މިސާލަކަށް ފާނަ ބަސަނދު ފާހަގަކުރެވެއެވެ.

ނުރައްކާތެރި 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އޮތް ހާލުބޮޑު މީޙަކަށް ފަރުވާ ދެނީ/ފޮޓޯ: އޭޕީ ފޮޓޯ

ދޮށީ އުމުރުގެ މީހުން މަރުވަނީ ކީއްވެ؟

މިކަން ގުޅެނީ 2 ސަބަބަކާއެވެ. ފުރަތަމަ ކަމަކީ ދިފާއީ ނިޒާމު ބަލިކަށިވުމެވެ. އަނެއް ކަމަކީ، ބަލި ތަހައްމަލުކުރާނެ ގާބިލިއްޔަތުކަން މުސްކުޅި ހަށިގަނޑެއްގައި ނެތުމެވެ. އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމަކީ އުމުރުން ދުވަސްވާވަރަކަށް ބަލިކަށިވަމުންދާ ނިޒާމެކެވެ.

ޕްރޮފެސާ ހަންޓާ ވިދާޅުވާ ގޮތުގައި އުމުރުން 20 އަހަރުގައި ހަށިގަނޑުން އުފައްދާ އެންޓިބޮޑީޒްއަށްވުރެ، އުމުރުން 70 އަހަރުގައި އުފައްދާ އެންޓިބޮޑީޒްގެ ބާރު ދެރައެވެ.

ކޮވިޑް-19އައީ ބެހޭ ދިރާސާތައް އަދިވެސް ދަނީ ކުރިއަށެވެ. މިއިން ކޮންމެ ކަމަކީވެސް އާ ދިރާސާއަކާ އެކު ބަދަލުވެދާނެ ކަމެކެވެ.