ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް މިސް ލޯރާ ޖޭމިސަން ހަމަޖައްސައިފިއެވެ.
ލޯރާ އަކީ ރީޓެއިލް ފައިނޭންސިންގެ ރޮނގުން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖްރިބާ ހޯއްދަވާފައިވާ އަދި ކަސްޓަމަރ އެކްސްޕީރިއަންސް، އޮޕަރޭޝަންސް އާއި ބިޒްނަސް ޓްރާންސްފޮމޭޝަންގެ ދާއިރާގެ ސްޕެޝަލިސްޓެއްވެސްމެއެވެ.
ލޯރާގެ ކެރިއާގައި އޭނާ ވަނީ މާލީ ދާއިރާގެ ހިންގެވުމުގައި އިސް މަގާމްތަކެއް ފުރުއްވާފައެވެ. މި ގޮތުން އޭނާ ވަނީ ބަރކްލޭސް ބޭންކުގެ ރީޓެއިލް އެންޑް ބިޒްނަސް ޑިވިޝަންގެ (ޔޫކޭ) ހެޑް އޮފް ކަސްޓަމަރ އެކްސްޕީރިއަންސް އިމްޕްރޫވްމަންޓްގެ މަގާމާއި ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސްގެ މަގާމްވެސް ފުރުއްވާފައެވެ. މީގެ އިތުރުން ޔޫކޭގެ އައިވޯބޭންކް ލިމިޓެޑްގެ ޑައިރެކްޓަރ އޮފް ބިޒްނަސް އޮޕަރޭޝަންސް އާއި ސެންޓެންޑަރ ޔޫކޭގެ ހެޑް އޮފް އޮޕަރޭޝަންސް އެންޑް ކޮންޓިނުއަސް އިމްޕްރޫވްމެންޓްގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ. ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ލޯރާ ހުންނެވީ އެންގްލިއަން ވޯޓަރގެ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ ޑައިރެކްޓަރެއްގެ ގޮތުގައެވެ. މި މަގާމުގައި އިސްކޮށް ހުންނަވައިގެން އޭނާ ވަނީ އޮޕަރޭޝަނަލް އަދި އައިޓީ ޓްރާންސްފޮމޭޝަންގެ ބޮޑު ޕްރޮގްރާމެއް ހިންގަވާފައެވެ.
މި މަގާމަށް ލޯރާ އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ލޯރާ ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅަކާއެކު ކަސްޓަމަރުން އުއްމީދުކުރާފަދަ ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް ބޭންކުގެ އޮޕަރޭޝަނަލް ޕްރޮސެސްތަކަށް ހެޔޮ ބަދަލު ގެނެވި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.