ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަށް ޑިޒީޒް (ކޮވިޑް-19) އަށް ހާއްސަކޮށްގެން އެ ގައުމުގެ ގުއާންޝޫ ޕްރޮވިންސްގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އޮޕަރޭޓްކުރަމުންދިޔަ ހޮޓާ ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ 4 އަށް އަރާފައިވާއިރު، 29 މީހަކަށް ވީނުވީއެއް އަދިވެސް ނޭނގޭ ކަމަށް ޚަބަރު ލިބިއްޖެއެވެ.

2018 ވަނަ އަހަރު 80 ކޮޓަރިއާއިއެކު ހުޅުވި ޝިންޖިއާ ހޮޓެލްއަކީ 5 ބުރީގެ އިމާރާތެކެވެ.

ރެސްކިއު ޓީމުތަކުން މިހާރުވެސް ދަނީ ރޭ ވެއްޓުނު އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކޮށް، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ އެމާޖެންސީ މެނޭޖްމަންޓް މިނިސްޓްރީއިން ބުނީ އިމާރާތް ވެއްޓުމާއެކު 71 މީހަކު ތާށިވި ކަމަށާ، އޭގެ ތެރެއިން 38 މީހަކު ސަލާމަތްކޮށްފައިވާކަމަށެވެ.

ޗައިނާގެ ގުއާންޝޫގައި ކޮވިޑް-19 ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ހޮޓާ ވެއްޓުނު ހާދިސާއަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: އީޕީއޭ

ގުއާންޝޫ ސަރަހައްދުން މިހާތަނަށް 47 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، ވެއްޓުނު އިމާރާތަކީ މި މީހުންނާ އެކި ގޮތްގޮތުން ގާތް ކޮންޓެކްޓްއެއް ވެފައިވާ މީހުން ކަރަންޓީނުކޮށް މޮނީޓާ ކުރަމަށް ބައިތިއްބާފައި ތިބޭ އިމާރާތެވެ.

ޗައިނާގެ ޝީންހުއާ ނިއުސް އޭޖެންސީއިން މައުލޫމާތު ދޭ ގޮތުގައި ޗައިނާގެ އާ އަހަރު ފެށުމުގެ މުނާސަބާއާއި ދިމާކޮށް ހޮޓަލުގެ ފުރަތަމަ ފަންގިފިލާގައި މަރާމާތުގެ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. ކަންމިހެން އޮތް ނަމަވެސް، މި އިމާރާތް ވެއްޓެން ދިމާވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

ޚަބަރު ލިބޭ ގޮތުގައި ޗައިނާގެ ފުލުހުން މިހާރު ވަނީ އިމާރާތުގެ ވެރިފަރާތް ހާޒިރުވެސް ކޮށްފައެވެ.