ވިލާތު ބައްރުގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާ އިޓަލީވިލާތުގެ ލޮމްބާޑީ ސަރަހައްދާ އިތުރު 14 ޕްރޮވިންސެއްގައި ގާތްގަނޑަކަށް 16 މިލިއަނެއްހާ މީހުން މިހާރު ތިބީ ލާޒިމު ކަރަންޓީނުގެ ދަށުގައި ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖޫޒޭއްޕެ ކޯންތެ ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިސަރަހައްދުތަކުގައި ލާޒިމު ކަރަންޓީނުގެ މުއްދަތު އިއުލާންކޮށް، 'ލޮކްޑައުން' ކޮށްފައިވަނީ އޭޕްރިލް މަހުގެ ކުރީކޮޅުގެ ނިޔަލަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިޓަލީވިލާތުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުންދާއިރު، ޖިމްތަކާ، ފަތާފެންގަނޑުތަކުގެ އިތުރުން ދާރުލް އަސާރުތަކާ ސްކީ ރިސޯޓްތައްވެސް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

ކެފޭއާއި ރެސްޓޯރަންޓްތަކުން އަދިވެސް ހިދުމަތް ދެމުން ދިޔަ ކަމުގައި ވީ ނަމަވެސް، ކޮންމެ ކަސްޓަމަރެއްގެ ދެމެދުގައި އެންމެ މަދުވެގެން މީޓަރެއްގެ ދުރުމިން ހުންނަންޖެހޭ ކަމަށް ވަނީ ލާޒިމުކޮށްފައެވެ.

އިޓަލީވިލާޓުން ކޮވިޑް-19އަށް ޕޮޒިޓިވްވި 230 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 50 މީހަކު މަރުވި ކަމަށް ވަނީ ރެކޯޑްކޮށްފައެވެ. ހޮނިހިރު ދުވަހުގެ ނިޔަލަށް އިޓަލީވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، 1200 އިން 5883އަށް ވަނީ އިތުރުވެފައެވެ.

ޗައިނާއިން ބޭރުގައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އެއް މަންޒިލްގެ ގޮތުގައި އޮތް އިޓަލީވިލާތުގެ ވިޔަފާރި މަރުކަޒީ ރަށް މިލާންއާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު ވެނިސްވެސް އޭޕްރިލް 3 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނީ ކަރަންޓީނު ލޮކްޑައުންގައި ކަމަށް ޚަބަރު ލިބެއެވެ.