މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކަލުން ހިންދެމިލާނެ އެންމެ ވަގުތުކޮޅެއްވެސް އަދި ނުލިބެއެވެ. ކޮވިޑް-19ގެ ހަގީގީ ފެށުމެއް ނޭނގުނުތާ ރޯގާއިން ދިފާއުވާނެ ވައިރަހެއް އަދި ފަރުވާއެއްވެސް މިހާތަނަށް ހޯދިފައެއް ނެތެވެ. ނަތީޖާއަކަށްވީ ބަލި ނުޖެހި ތިބި މީހުންވެސް ހާސްކަމާ ނުތަނަވަސްކަމެއްގައި އުޅެންޖެހުމެވެ. މިކަން ބޮޑު ބައްޔަކަށްވީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިންނާ ތުންތުން މަތިން ފެތުރެމުންދާ ތޯތޯ ނުވަތަ ހަގީގަތެއް، އަސާސެއް އަދި ބުރަދަނެއްވެސް ނެތް ވާހަކަތަކުގެ ސަބަބުންނޭ ދެންނެވުމަކުން ގޯހެއް ނެތެވެ.

ކޮވިޑް-19އާއި އެއްވަރަށް، އެ ވައިރަހާ ގުޅޭ ނުރަނގަޅު މައުލޫމާތުވެސް ހަލުވިކަމާއެކު ފެތުރެމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ވަނީ މި އޮއެވަރަށް 'އިންފޮޑެމިކް' ނަމުން ނަންވެސް ދީފައެވެ. ހޭލުންތެރިކުރުވުމަށް އާންމު މީޑިއާ ބޭނުންކޮށްގެން މަސައްކަތް ކުރުމަށް ބަރޯސާވުމުގެ ބަދަލުގައި، ޑަބްލިއު.އެޗް.އޯއިން ދަނީ މުޖުމަތައުގެ އެންމެ މިނިވަން ހިޔާލުގެ ޒުވާނުން އެ ޕްލެޓްފޯމެއް ފަތަހަ ކުރަމުންދާ 'ޓިކްޓޮކް' ގައިވެސް ހަރަކާތްތެރިވަމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި އިންޑިއާގައި ދުއްވާ އުޅަނދެއް ޑިސްއިންފެކްޓް ކުރަނީ/ފޮޓޯ: ދަ ހިންދޫ

ތުންތުން މަތިން ދެކެވެމުން އަންނަ ވާހަކަތައް ސޯޝަލް މީޑިއާއަށް އަރާ ހިސާބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވާހަކަތައް ފެތުރިގެންދާއިރު ކޮވިޑް-19އާ ގުޅޭ ގޮތުންވެސް ތަފާތު ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.

ތޯތޯ 1: ކޮވިޑް-19އަކީ އިންސާނުން އަމިއްލައަށް އުފެއްދި ވައިރަހެއް

ކޮވިޑް-19 ވައިރަހަކީ ބައޮކެމިކަލް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ލެބެއްގައި އުފެއްދި ވައިރަހެއް ކަމަށް ބުނެ އަޑުފެތުރިގެންދިޔަ ގޮތަށް އަދިވެސް އެވާހަކަ ނޯބެއެވެ. އެކި ދުވަސްވަރު އެކި ގޮތްގޮތަށް އެވާހަކަ ފެންމަތިވެއެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިގުތިސޯދުތައް ކަމަށްވާ އެމެރިކާއާއި ޗައިނާއަށްވެސް މި ތުހުމަތުތައް އަމާޒުކުރެވޭތަން ދަނީ ފެންނަމުންނެވެ.

ކޮވިޑް-19ގެ ފަރުވާއަށް ޗައިނާގައި ބައެއް ޑޮކްޓަރުން ބޭނުންކުރަމުން އަންނަ ޕްލާޒްމާ ތެރަޕީ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޓައިމް

ކަންމިހެން އޮތްއިރު ހުޅަނގާ އިރުމަތީ ގައުމުތަކުގެ ސައިންސްވެރިން ދަނީ ވާހަކަ ދޮގުކުރަމުންނެވެ. ވައިރަހުގެ ހަގީގީ ފެށުން އަދި ހޯދިފައި ނުވުމަކީ، ބައޮކެމިކަލް ހަތިޔާރުގެ ތޯތޯ ވާހަކަ ދައުރުވުން ނުހުއްޓުވިގެން އުޅޭ އެންމެ ބޮޑު އެއް ސަބަބެވެ. ކަންމިހެން އޮތްއިރު، ސައިންސްވެރިން ބުރަވަނީ މިއީ ކޮންމެވެސް ޖަނަވާރެއްގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް ފެތުރިގެން އައި ވައިރަހެއް ކަމަށެވެ.

ތޯތޯ-2: ގޭގައި ދެވޭ ފަރުވާއިން ކޮވިޑް-19 ރަނގަޅު ކުރެވޭ

މިފަހަކަށް އައިސް ގޫގްލް ޑޮކްޓަރަށްވުރެ މޮޅު ޑޮކްޓަރެއް ސޯޝަލް މީޑިއާގައި ވަނީ އުފެދިފައެވެ. ކޮންމެ ބައްޔެއްވެސް ފެތުރެން ފަށާއިރަށް އެ ބައްޔަށް ގޭގައި ކުރެވިދާނެ އެކި ފަރުވާތަކުން ސޯޝަލް މީޑިއާ ފީޑްތައް ފުރާލައެވެ. ކޮވިޑް-19އަށް ގޭގައި ދެވެން އޮތް 100 އިންސައްތަ 100 ގެރެންޓީ ފަރުވާއަކީ ލޮނުމެދާ، ފެނާ ވިޓަމިންސީ ކަމަށް ސޯޝަލް މީޑިއާ ބުނެއެވެ. އެސެންޝަލް އޮއިލްއާއި ސްޓެރެއިޑްސްވެސް އޮތީ މިހެނެވެ.

ސެސަމީ އޮއިލް ސްޕްރޭ ބޭނުންކުރުމާ، އަލްކަހޯލްގެ ބާވަތްތަކާ ކްލޯރީން ސްޕްރޭ ކުރުމަކީވެސް ކޮވިޑް-19 ގެ ވައިރަސް މަރާލާ އެއްޗެއް ކަމަށް ސޯޝަލް މީޑިއާ ބުންޏެވެ. ކަންމިހެން އޮތްނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. މިފަދަ ބައެއް އާލާތްތަކަކީ ތަނެއްގައި ހުންނަ ޖަރާސީމު ކޮންމެވެސް ވަރަކަށް މަދުކޮށްދޭނެ ބާވަތްތަކެއްކެވެ. ނަމަވެސް އިންސާނެއްގެ ހަށިގަނޑުގައި ބޭނުންކުރަން ހެޔޮވާނެ ބާވަތްތަކެއް ނޫނެވެ.

ކޮވިޑް-19އަށް ފަރުވާ ހޯދާފައިވާ މީހަކު ޕްލާޒްމާ ތެރަޕީއަށް ލޭގެ ސާމްޕަލް ޑޮނޭޓް ކުރަނީ/ފޮޓޯ: އީޓީ ހެލްތްވާލްޑް

ކޮވިޑް-19އަށް އަދި ކަނޑައެޅިގެން ވަކި ފަރުވާއެއް ނެތެވެ. ފަރުވާ ކުރަނީ ބަލީގެ އަލާމަތްތަކަށެވެ. ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދުމަށް އަދި އަހަރަކަށްވުރެ ގިނަ ދުވަސްވެސް ހޭދަވުން އެކަށީގެންވެއެވެ.

ގޭގައި އެކި ކަހަލަ ޒާތުގެ ފެނާ ތެޔޮތައް ބޭނުން ކުރުމުގެ ބަދަލުގައި ސިއްހީ އެހީތެރިންގެ އިރުޝާދު ހޯދާށެވެ.

ތޯތޯ 3: ކޮންމެހެންވެސް މާސްކް ހޯދަން ޖެހޭ

މިކަން ބަރޯސާވަނީ އެކި ގައުމަށް އެކި ގޮތަށެވެ. ހުޅަނގުގެ ބައެއް ގައުމުތަކުގައި މާސްކް އެޅުމަކީ ކޮންމެ މީހަކު ކުރަންޖެހޭ ކަމެއް ނޫންކަމަށް ބުނާއިރު، އޭޝިއާގެ ބައެއް ގައުމުތަކުން މިހާރުވަނީ އާންމު ދަތުރުފަތުރުކޮށް އުޅޭއިރު މާސްކު ބޭނުން ކުރުމަށް އާންމު ރައްޔިތުންނަށް އަންގާފައެވެ.

ބަލި ފެތުރޭ ސަރަހައްދަށް ދަތުރެއް ކުރުމަށްފަހު ހުންއައިސް، ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ މާސްކް އަޅައިގެން އުޅުމަށް ސިއްހީ ތަޖުރިބާކާރުން އިލްތިމާސްކުރޭ/ފޮޓޯ: އެސްސީއެމްޕީ

ކޮވިޑް-19 ފެތުރެން ފެށުމާއެކު ކޮންމެ މީހަކުވެސް އެން-95 މާސްކެއް ހޯދަން ޖެހޭ ކަމަށް ސޯޝަލް މީޑިއާ ޕޯސްޓްތައް އިރުޝާދު ދޭން ފެށިއެވެ. މިއާއެކު އެތައް ބަޔަކު ފާމަސީތަކުގައި ސަފު ހަދާލިއެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިކަން ހިނގަނީ މިހެންނެވެ. މާސްކު ވިޔަފާރީގެ ކަޅުބާޒާރުތައްވެސް ފެށުނެވެ.

ކަންމިހެން އޮތްއިރު ސިއްހީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި ކޮންމެ މީހަކީ އެން-95 މާސްކު އަޅަންޖެހޭ މީހެއް ނޫނެވެ. އެއީ މާސްކު ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު މާސްކު އެއްލާލަންވެސް ވަކި އުކުޅުތަކެއް ބޭނުންކުރަންޖެހޭ މާސްކުތަކެއްކަމުން، ކޮންމެ ކޮންމެ މީހަކު މި މާސްކު ބޭނުން ކުރުން އެންމެ އެދެވިގެން ނުވާކަމަށް ސިއްހީ އޮފިޝަލުން ބުރަވެއެވެ.

މާސްކު އަޅަންޖެހޭތޯއާއި އެހެންކަމަށްވާނަމަ ހޯދަންވީ ކޮން ކަހަލަ މާސްކެއްތޯ ބެލުމަށް އެ ސަރަހައްދަކަށް ހާއްސަ، ސިއްހީ އެހީތެރިންގެ އިރުޝާދު ހޯދުން މުހިންމެވެ.

ތޯތޯ-4: ހޫނުގެ ޒަރިއްޔާއިން ވައިރަސް މަރާލާ

މިފަހަކަށް އައިސް އެންމެ އަޑު ހަރުކޮށް ފެތުރެމުންދާ އެއް ވާހަކައަކީ ހޫނުގެ ޒަރިއްޔާއިން ކޮވިޑް-19 ނައްތާލެވޭ ކަމަށް ބުނާ ވާހަކައެވެ. އަތްދޮވުމަށްފަހު އަތް ހިއްކަން ހާއްސަކޮށްފައިވާ ހީޓަރުގެ ޒަރިއްޔާއިން ވައިރަސް ނައްތާލުވޭނެކަން ޑަބްލިއު.އެޗް.އޯއިންވަނީ ހާމަކޮށްފައެވެ. ހަމަ މިފަދައިން ޔޫވީލައިޓް ބޭނުންކޮށްގެންވެސް މިކަން ނުވާނެކަމަށް ކަމާބެހޭ ތަޖުރިބާކާރުން ދަނީ ބުނަމުންނެބެ. އޭގެ ބަދަލުގައި ޔޫވީލައިޓްގެ ސަބަބުން ހަށިގަނޑަށް ލިބޭނީ އިތުރު ގެއްލުމެކެވެ. ހަންގަނޑަށް ދެވޭނީ އިތުރު އަނިޔާއެކެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ޓައިމް

ކޮވިޑް-19އަކީ ހޫނުގެ ޒަރިއްޔާއިން ނައްތާލެވޭ ވައިރަހެއް ކަމަށް އެންމެ ހަރުއަޑުން ވިދާޅުވި ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން މިފަދަ ބަލިމަޑުކަމަކާ ގުޅިގެން ކިތަންމެ އިސް މީހަކު ދައްކަވާ ވާހަކައެއްގައި ގޯސްތަކެއް ހުރެދާނެކަން ގަބޫލުކުރަންޖެހެއެވެ.

ސަމާލުކަންދޭންވީ ކަމާބެހޭ ތަޖުރިބާކާރުންނާ ފަންނީ މާހިރުން ދައްކާ ވާހަކަތަކަށާ، ދޭ އިރުޝާދުތަކަށެވެ.

ތޯތޯ-5: މެއިލްގެ ޒަރިއްޔާއިން ކޮވިޑް-19 ޖެހޭ

ސިޓީބިޓީގެ ޒަމާން މާޒީ ވިއެއްކަމަކު މެއިލްގެ ނަޒަރުން ބަލާއިރު މިއީ ރަން ދުވަސްވަރެކެވެ. އޮންލައިން ވިޔަފާރި ފުޅާވެފައިވާއިރު ޗައިނާއަކީ މައި މަރުކަޒެވެ. އެހެންކަމުން ކޮވިޑް-19އަކީ މެއިލްގެ ޒަރިއްޔާއިން އައިސްދާނެ ވައިރަހެއް ކަމަށް ގިނަ ބަޔަކު ބުނަން ފެށިއެވެ.

ކަންމިހެން އޮތްއިރު ޑަބްލިއު.އެޗް.އޯއިންވަނީ މެއިލްގައި ކޮވިޑް-19ގެ ނުރައްކާ ނެތް ކަމަށް ބުނެފައެވެ. ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ މި ވައިރަސް އިތުރަށް ދިރާސާކުރަމުންނެވެ. މާޒީގައި ފެނުނު މި އާއިލާގެ އެހެން ރޯގާތަކަށް ބަލާއިރު މިއީ އެއްޗިހީގައި ނުވަތަ ތަންތަނުގައި މާ ގިނައިރު ހަރުލާފައި ހުންނަ ވައިރަހެއް ނޫނެވެ.

ތޯތޯ-6: ކުޑަކުދިންނަށް ކޮވިޑް-19އެއް ނުޖެހޭނެ

ކޮވިޑް-19އަށް ވަކި އުމުރެއް ނެތްކަން ތަފާސް ހިސާބުތަކުން އެހުރީ ސާފުކޮށް ފެންނާށެވެ. ނަމަވެސް އުމުރުން ދޮށީ ވާ ވަރަކަށް ނުރައްކާ ބޮޑުވާކަމީ ސާބިތު ކުރެވިފައިވާ ހެއްކެކެވެ. މިހާތަނަށް ކޮވިޑް-19 އެންމެ ގިނައިން ޖެހިފައިވަނީ ބޮޑެތި މީހުންނަށް ކަމަކު، މި ވައިރަހަށް ޕޮޒިޓިވްވެފައިވާ ކުޑަކުދިންވެސް އެބަތިއްބެވެ.

ތޯތޯ-7: ކޮވިޑް-19 ޖެހިގެން މަރުވާނެ

މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އެ ބަލީގައި މަރުވެފައިވަނީ ގާތްގަނޑަކަށް 2 ޕަސެންޓް މީހުންނެވެ. މި މިންގަނޑު އަދިވެސް އިތުރަށް ދަށަށް ދިއުން އެކަށީގެންވާކަމަށް އޮފިޝަލުން ދަނީ ލަފާކުރައްވަމުންނެވެ.

ކޮވިޑް-19 އަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ބޭއްވި ޑްރިލް / ފައިލް ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މި ޒަމާނަކީ ކޮންމެ މީހަކަށްވެސް ހައްގުތަކާ ބާރާ އިމްތިޔާޒުތައް އޭގެ އެންމެ ފާގަތި ކަންމަތީ ލިބެމުންދާ ޒަމާނަކަށްވާއިރު، ޒިންމާދާރުކަމާއެކު ހަރަކާތްތެރިވުމަކީ ފަރުދީ އާދައަކަށް ހަދަންޖެހެއެވެ.