ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް ދިޔަ ޗިލީ ފަތުރުވެރިޔާ ރާއްޖެއިން ބެލި ޑޮކްޓަރު ކޮރޯނާވައިރަސްއަށް ޓެސްޓް ކުރަން އެކަހެރި ކުރުމުގެ މަސައްކަތް ފަށައިފިކަމަށް ބުނާ ހަބަރު ޅ. ނަިފަރު ހޮސްޕިޓަލުން ދޮގު ކޮށްފިއެވެ.

ޗިލީ ފަތުރުވެރިޔާ ބެލީ ޅ. ނައިފަރު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރެެއްކަން ވަނީ އެނގިފައެވެ.

ޅ. ނައިފަރު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ފަތުރުވެރިޔާ ބެލި ޑޮކްޓަރަށް ޝައްކު ނުކުރެވޭ ކަމަށާއި، ޑޮކްޓަރަށް ޝައްކު ކުރެވޭ ކަމަށް ބުނެ އާންމުން ވާހަކަ ދައްކަމުން ދަނީ، ހޮސްޕިޓަލުގެ ސްޓާފަކު ވަރަށް ބޮޑަށް ބަލިވެ އުޅޭތީ ކަމަށެވެ. ނަމަވެސް އެ ސްޓާފް ބަލިވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ އައިސޮލޭޝަނުގައި ނޫން ކަމަށް ވެސް އޭނާ ބުނެއެވެ. އޮފިޝަލް ވިދާޅުވީ، ކޮވިޑް-19 އަށް ޝައްކު ކުރެވެނީ، ކުރެއްދޫ ރިސޯޓުގައި ހުރި މީހަކަށް ކަމަށާއި އެކަމާ ގުޅިގެން ޑޮކްޓަރުންގެ ޓީމެއް މިހާރު ކުރެއްދޫ ރިސޯޓަށް ގޮސްފައިވާ ކަމަށެވެ.

"ދަޕްރެސް" އަށް އެނގިފައިވާ ގޮތުގައި، މޮނިޓާ ކުރަމުން ދަނީ އެ ރިސޯޓުގައި ޗިލީ ފަތުރުވެރިޔާ ހުރި ކޮޓަރީގެ ރޫމް ބޯއީއެވެ.

މިކަމާ ގުޅިގެން ރިސޯޓަށް ގުޅުމުން، ބުނެފައިވަނީ ރިސޯޓުގައި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި، ޝައްކު ކުރެވޭ ކޭސްއެއްވެސް ނުފެންނަ ކަމަށެވެ. އަދި އެ ރިސޯޓު އޮތީ "ލޮކްޑައުން" ކޮށްފައި ކަމަށް ދެކެވޭ ވާހަކަތައް ރިސޯޓުން ދޮގުކުރަމުން ބުނެފައިވަނީ ހުރިހާ ކަމެއް ހަމަ އާންމު ހާލަތުގައި ހިގަމުން ދާ ކަމަށެވެ.

ޅ. ކުރެއްދޫ ރިސޯޓުގެ މި ކޭސްއާ ގުޅިގެން އެއަތޮޅު ކައުސިލުން ބުނެފައި ވަނީ، ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މިވަގުތު އެ ރަށުގައި ތިބި ފަރާތްތަކާއި އެތަނުން އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެފައިވާ ފަރާތަކަށް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަ ކުރެވިއްޖެނަމަ ޅ އަތޮޅު ހޮސްޕިޓަލްގެ ނަމްބަރު 6620048 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން، ހޮސްޕިޓަލްގެ ފަރާތުން ވަކި ޖަވާބެއް ލިބުމުގެ ކުރިން ޢާންމުންގެ ތެރެއަށް ނުނިކުތުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

އަދި ކޮރޯނާއަށް ޝައްކުކުރެވޭ އެއްވެސް ފަރާތެއް ނައިފަރަށް ގެންގޮސްފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން މިރޭ ބަޔާނެއް ދޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް 3 ގަޑި އިރު ފާއިތުވެ ދިޔަ އިރުވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޅ. ނައިފަރު ހޮސްޕިޓަލަށް ޗިލީގެ ފަތުރުވެރިޔާ ދެއްކި ކަމަށް ހަބަރު ލިބި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި، ގިނަ ބަޔަކު ބައިވެރިވާ ޕީޕީއެމްގެ ޖަލްސާއެއް މިހާރުވެސް ޅ. ނައިފަރުގައި ހިނގަމުން ދާކަންވެސް ފާހަގަ ކޮށްލަމެވެ.