ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަށް ފަހު ޔަމީނު ގެކޮޅަށް ގެންގޮސް މިހާރު އަނބުރާ މާފުއްޓަށް ގެންގޮސްފިއެވެ.

ރައީސް ޔާމީން އަނބުރާ މަފުއްޓަށް ގެންދިޔައީ ޔަމީނުގެ ގެކޮޅުގައި 2 ގަޑިއެއް ހާއިރު ހޭދަކުރެއްވުމަށް ފަހުއެވެ. ރައީސް ޔާމީން ގެކޮޅަށް ގެންގޮސްފައި ވަނީ މިއަދު ހައި ކޯޓުގައި އޮތް އިސްތިއުނާފު އަޑު އެހުން ނިމުމަށްފަހުގަ އެވެ. ގަޑިއެއް ހާއިރަށް ކަމަށް ބުނި ނަމަވެސް ދެގަޑިއެއް ހާއިރު ގެކޮޅުގައި ވިއެވެ. އެމަނިކުފާނާއެކު ކަރެކްޝަންސްގެ މުވައްޒަފުންނާއި ފުލުހުންވެސް އެގޭތެރޭގައި ތިއްބެވެ. ރައީސް ޔާމީން ގެކޮޅަށް ގެންދިޔުމާ ގުޅިގެން އެ ސަރަހައްދަށް އެމަނިކުފާނުގެ ބައެއް ސްޕޯޓަރުންވެސް އެއްވިއެވެ.

އެނގިފައިވާގޮތުގައި ރައީސް ޔާމީން ގެކޮޅަށް ގެންދިޔައީ އެމަނިކުފާނު އެދިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް ގެންދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައެއް ނުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން ރައީސް ޔާމީނަށް ވަރުގަދަ ރައްދެއްވަނީ ދެއްވާފައެވެ. ދައުލަތުގެ ވަކީލުންގެ ވަރުގަދަ ރައްދެއް ރައީސް ޔާމީނަށް އަމާޒުވީ، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމްކޮށްފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ އުންސުރު ފުރިހަމަ ނުކޮށް ކަމަށް އެމަނިކުފާނުގެ ވަކީލުން ފާހަގަކޮށްފައި ވުމުގެ ސަބަބުންނެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމްކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ކުށުގެ އުންސުރު ފުރިހަމަ ނުކޮށް ކަމަށް ބުނެފައެވެ. އެގޮތުން ދައުލަތުން ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރި ހަނުކުތާވެސް ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

އަދި ދައުލަތުގެ ފަރާތުން އެ ނުކުތާތައް ތަފްސީލްކޮށްދެއްވުމުން ދައުލަތަށް ރައްދު ދެމުން ރައީސް ޔާމީންގެ ވަކީލުން ބުނީ، ގާނޫނީ އިންޒާރުގެ ވާހަކައަކީ ކުރިން ދެކެވުނު ވާހަކައެއް ކަމަށާއި، މިހާރު އެކަން ފާހަގަ ކޮށްފައި ނުވާނެ ކަމަށެވެ. އަދި މިހާރު ފާހަގަކޮށްފައި ވާނީ ސުވާލު ނުކުރާ ކުށެއްގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަ ކަމަށް ވަކީލުން ބުންޏެވެ.

ޝަރީއަތުގެ މަޖިލީހުގައި ވީޑިއޯ އެޅުވުމަށްފަހު ދައުލަތުން ވަނީ، ތުހުމަތު ކުރެވޭ ކުށުގެ ވާހަކަ ވީޑިއޯއިން ސާފުވާކަން ފާހަގަކޮށް، ތަކުރާރުކޮށް ގާނޫނީ އިންޒާރުދީފައިވާނެ ކަން ފާހަގަކޮށްފައެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ ވީޑިއޯއިން ފެންނަ ކަންކަން ދައުލަތުން އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ، ދެން އަންނަ އަޑުއެހުމެއްގައި ދައުލަތުގެ ޖަވާބަށް ރައްދު ދިނުމުގެ ފުރުސަތު ރައީސް ޔާމީންގެ ވަކީލުންނަށް އެރުވުމަށް ނިންމާފައެވެ. އެގޮތުން ދެން މި މައްސަލާގައި އަޑުއެހުމެއް އޮންނާނީ މިމަހު 21 ވަނަ ދުވަހު ކަމަށް ރިޔާސަތުން އިއުލާނު ކުރިއެވެ.

ރައީސް ޔަމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއްވަނީ އިއްވަވާފައެވެ. މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.

އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ޔާމީން މިނިވަން ކުރެވެން ނެތް ކަމަށެވެ. ޔާމީންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެކަމާ ގުޅޭ ގޮތުން އަދި އެއްވެސް ގޮތެއް ނުނިންމައެވެ.