ކުުށުގެ ރެކޯޑް ވަގުތުން ލިބޭގޮތަށް ހަދަން މަސައްކަތް ކުރަމުން ދާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ މިހެން ވިދާޅުވެފައި ވަނީ، އިންފޮމޭޝަން ކޮމިޝަންގެ މުވައްޒަފުން ދުޅަހެޔޮ ބަޔަކަށް ވުމަށް މިއަދު ފެށި "ފިޓްއައިކޮމް" ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

ޕީޖީ ޝަމީމް ވިދާޅުވީ މައުލޫމާތުތައް ލިބުމުގައި ދަތިވާ ކަންތައްތައް ތަކުގެތެރޭގައި ކުށުގެ ރެކޯޑް ސާފުކުރުން ހިމެނޭ ކަމަށެވެ. އަދި އެފަދަ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި އެއްދުވަސް ނަގަން ޖެހޭނެކަމެއްކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަގުތުން ކުށުގެ ރެކޯޑް ސާފުވާގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ، މީހެއްގެ މައްޗަށް ދައުވާއެއް ކުރާނަމަ އެމީހަކަށް ސިޓީއަކުން މީގެކުރިން އެންގި ނަމަވެސް، މިހާރު އެސްއެމްއެސްއެއް މެދުވެރިކޮށް އެ މައްސަލައާއި އެ މައްސަލަ އޮންނަ ކޯޓު ދައުވާ ލިބޭ މީހާއަށް ފޮނުވަން ފަށާފައިވާ ކަމަށެވެ.

މީގެކުރިން މީހެއްގެ މައްޗަށް ދައުވާ ކުރިކަން އަންގަމުން ދަނީ ސިޓީއެއް މެދުވެރިކޮށެވެ.