ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ރައީސް ޔާމީނަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ދައުލަތުގެ ވަކީލުންގެ ވަރުގަދަ ރައްދެއް ރައީސް ޔާމީނަށް އަމާޒުވީ، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމްކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ކުށުގެ އުންސުރު ފުރިހަމަ ނުކޮށް ކަމަށް އެމަނިކުފާނުގެ ވަކީލުން ފާހަގަކޮށްފައި ވުމުގެ ސަބަބުންނެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމްކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ކުށުގެ އުންސުރު ފުރިހަމަ ނުކޮށް ކަމަށް ބުނެފައެވެ.

ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ 75 ނުކުތާއެއް ކުރީގެ އަޑުއެހުންތަކުގައި އިއްވާފައިވާއިރު، މިއަދު އޮތް އަޑުއެހުމުގައި ފުރުސަތު ދިނީ ދައުލަތުން ޖަވާބުދާރީ ވުމަށެވެ. އެގޮތުން، ދައުލަތުން ވަނީ ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރި 75 ނުކުތާ 6 ނުކުތާއަކަށް ބަހާލާ، ޖުމްލަ ގޮތެއްގައި 6 ނުކުތާ ތަފްސީލުކޮށްދީފައެވެ. އެ ނުކުތާތަކުގެ ތެރޭގައި:

މަނީ ލޯންޑަރިންގެ އުންސުރުތައް ފުރިހަމަވެފައިވޭ

މަނީ ލޯންޑަރިންގެ ކުށް ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ކުށުގެ އުންސުރުތައް ފުރިހަމަކޮށްފައި ކަން ތަފްސީލު ކޮށްދެމުން ދައުލަތުން ބުނީ، ކުށް ސާބިތުކޮށްފައި ވަނީ އިންސާނީ ހައްގުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ. އަދި ކުށް ސާބިތުކޮށްފައި ވަނީ 2014 ވަނަ އަހަރު ތަންފީޒު ކުރި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އެ ގަނޫނުގައި ބަޔާންކޮށްފައިވާ ކަންތަކަށް ބިނާކޮށް ކަމަށް ދައުލަތުން ބުނެއެވެ.

އެގޮތުން، މި ގާނޫނުގެ ދަށުން ރައީސް ޔާމީނަށް ހުކުމްކޮށްފައިވާއިރު މި ގަނޫނަކީ ރައީސް ޔާމީންގެ ސަރުކާރުގައި، އެމަނިކުފާނު އަމިއްލަފުޅަށް ތަންފީޒު ކުރެއްވި ގާނޫނެއް ކަން ދައުލަތުން ފާހަގަ ކުރިއެވެ. އެހެންކަމުން، މި ގަނޫގައިވާ އެއްޗެއް ހުދު ރައީސް ޔާމީނަށް އޮޅި ވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުން ބުނީ، ގާނޫނުގައިވާ އެއަޗަކީ ނެތް އެއްޗެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށާއި، ގާނޫނުގައި ބުނާ އުންސުރުތައްފުރިހަމަ ވަނީ ރައީސް ޔާމީންގެ އަމަލުތަކުން ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވަނީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ކަންތައްތައް ދައުލަތުން ވަނީ ތަފްސީލު ކޮށްދީފައެވެ. އެގޮތުން، ރައީސްގެ މަގާމުގައި ހުރެ، ޔާމީނަކީ އާމްދަނީ ލިބޭނެ އެއްވެސް ކަމެއް ކުރުމުގެ ގާނޫނު ބާރު އޮންނަ މީހަކަށް ނުވުމާއެކު އެމަނިކުފާނުގެ އެކައުންޓަށް ވިޔަފާރި ކުންފުންޏަކުން ފައިސާ ޖަމާވާ ހިސާބުން އެ ފައިސާއާ މެދު ޝައްކު އުފެދޭ ކަމަށެވެ. އަދި މި ފައިސާ ޖަމާކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް ޔާމީން ވިދާޅުވެފައިވާއިރު، އަދީބަކީ ވެސް ވިޔަފާރި ކުރުމުގެ ބާރު އޮންނަ މީހަކަށް ނުވާތީ އެއީ އަދީބު ކޮންތަނަކުން ހޯދި ފައިސާއެއްތޯ ޔާމީން ބަލަން ޖެހޭ ކަމަށް ދައުލަތުން ބުނެއެވެ.

މީގެ އިތުރުން މި ފައިސާ އިންވެސްޓްކޮށްފައިވާއިރު، މި ފައިސާގެ އަސްލު ބެލުމެއް ނެތި އިންވެސްޓް ކޮށްފައިވާކަން ދައުލަތުން ފާހަގަ ކުރެއެވެ. ދައުލަތުން ބުނީ، ސިޔާސީ ބޭނުމަށް ބަހައްޓާފައިވާ ފައިސާ ކަމަށް ޔާމީން ބުނެފައިވާއިރު، މި ފައިސާ އިންވެސްޓް ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ނޫން ކަމަށެވެ. އެހެން ކަމުން އެއީ ވެސް ޝައްކު އުފެދޭ ކަމެއް ކަމަށް ދައުލަތުން ބުނެއެވެ.

ދައުލަތުން ހުށަހެޅި ހެކި ރަނގަޅު

އިސްތިއުނާފީ ނުކުތާތައް ތަފްސީލު ކޮށްދެމުން ކުރިން ބޭއްވި އަޑުއެހުންތަކުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ، ދައުލަތުގެ ބައެއް ހެކިވެރިންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ބުނެފައެވެ. އެގޮތުން، އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ހެކިބަހަށް ބާރުދޭ އިތުރު ހެކި ނެތުމުން އޭނާގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އަދީބު ހެކިބަސް ދީފައިވަނީ އެމީހުންނަށް އޭގެ ސަބަބުން މަންފާ ލިބޭނެތީ ކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބައި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު

މިކަމަށް ރައްދު ދެމުން ދައުލަތުން ބުނީ، މުއައްވިޒުގެ ހެކިބަހަށް ބާރުދޭ ޝަފަވީ ހެކި ކްރިމިނަލް ކޯޓުގެ މަރުހަލާގައި ހުށަހަޅާފައިވާނެ ކަމަށާއި މުއައްވިޒުގެ ހެކިބަހަކީ ދޮގު ހެކިބަހެއް ނޫން ކަމަށެވެ. އަދި އަދީބާއި ޒިޔަތުގެ ހެކިބަހަށް ވެސް ބާރުދޭ ޝަފަވީ އަދި ކިތާބީ ހެކި ހުރި ކަމަށާއި އެދެމީހުންގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގައި ލުއިތަކެއް ދީފައި ވަނީ އެމީހުންގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަރެކްޝަންސް އިން ކަމަށް ވެސް ދައުލަތުން ބުނެއެވެ. އެގޮތުން އަދީބުގެ ހެކިބަސް ބަލައި ނުގަނެވޭނެ ސަބަބެއްގެ ގޮތުގައި އޭނާ ފިލައިގެން ދިޔަ މައްސަލާގައި އޭނާއަށް މަންފާތަކެއް ލިބުނު ކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާއިރު، މި ކަމުގައި އަދީބަށް މަންފާ ލިބުނު ކަމަށް ބެލެވޭނީ އެ މައްސަލާގައި އޭނަގެ މައްޗަށް ދައުވާއެއް ނުކޮށް، ހުކުމެއް ނުކޮށް ދޫކޮށްލައިފި ނަމަ ކަމަށް ދައުލަތުން ބުނެއެވެ.

ދިފާއީ ހެއްކަށް ރިއާޔަތް ކޮށްފައި ވާނެ

އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ދިފާއުގެ ހެކިތަކަށް ކްރިމިނަލް ކޯޓުން ރިއާޔަތް ކޮށްފައި ނުވާ ކަން ރައީސް ޔާމީންގެ ފަރާތުން ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ަވާބުގައި ދައުލަތުން ބުނީ، އެސްއޯއެފް ކުންފުންޏަކީ ސައްހަ މުއާމަލާތް ކުރާ ކުންފުންޏަކަށް ވިޔަސް، އެ ކުންފުންޏަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މެދުވެރިއެއްގެ ގޮތުގައި ބޭނުން ކުރި ކުންފުންޏެއް ކަމަށްވާތީ، އެ ކުންފުނިން ކުރާ ހުރިހާ މުއާމަލާތަކީ ސައްހަ މުއާމަލާތްތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ދައުލަތުން ބުނީ، ދިފާއީ ހެއްކެެއްގެ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅީ، އެމްއެމްއޭގެ ނޫސްބަޔާނެއް ކަމަށާއި، އެ ނޫސްބަޔާނުން އެކަނި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައި ވަނީ ހިޔާނާތުގެ ފައިސާ ނޫން ކަމަށް ނުނިންމޭނެ ކަމަށެވެ. މީގެ އިތުރުން، ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމުން، އެކަމާ މެދު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އޭރު ސުވާލު ކޮށްފައި ނުވިޔަސް އެއީ އެކަމުގެ މައްޗަށް ފަހުން ދައުވާ ނުއުފުލޭނެ ކަމެއް ނޫން ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ދައުވާ ކޮށްފައި ވަނީ ބާތިލް ތަހުގީގަކަށް ނޫން

ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ ބާތިލް ތަހުގީގެއްގެ މައްޗަށް ކަމަށް އެމަނިކުފަނުގެ ވަކީލުން ފާހަގަ ކުރައްވާފައިވާއިރު ދައުލަތުން ބުނީ، އެ ދައުވާ ބިނާ ކޮށްފައި ވަނީ ކުށުގެ އުންސުރުތަކުގެ މައްޗަށް ކަމަށެވެ. އަދި ދައުވާގައި ކުށުގެ އުންސުރުތައް ފާހަގަކޮށްފައިވާއިރު، ކުށުން ބަރީއަވުމަށް ގާނޫނުން ލާޒިމުކުރާ ވަގުތާއި ފުރުސަތު ދީފައިވާން ކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުން ބުނީ، ތަހުގީގު ބަޔާނުގައި ނެތް ވާހަކައެއް ހެކިވެރިއަކު ޝަރީއަތުގެ މަޖިލީހުގައި ދައްކައިފިނަމަ، އެ ވާހަކައަކަށް ބުރަދަން ދިނުމުގެ ބާރު ދެފަރާތަށް ވެސް ލިބިގެންވާ ކަމަށާއި، އެކަމަށް ދަށު ކޯޓުގައި ބުރަދަން ދިނުމަކީ ދިފާއީ ވަކީލުންގެ ކަމެއް ކަމަށެވެ.

ގާޒީންގެ ބެންޗް ރަނގަޅު

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީންގެ ބެންޗަކީ ގާނޫނާ ހިލާފު ބެންޗެއް ކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ދައުލަތުން ވަނީ އެ ބެންޗު އެކުލަވާލާފައި ވަނީ ވެސް ރައީސް ޔާމީންގެ ފަރާތުން އެދިގެން ކަމަށެވެ. އަދި އެ ބެންޗުގައި އިންނެވި އިސްގާޒީ މީޑިއާއަކަށް އިންޓަވިއު ދެއްވި މައްސަލާގައި، އެ މައްސަލައިން ތަނާޒިލު ވާން ނުޖެހޭ ކަން ކްރިމިނަލް ކޯޓުގެ މަރުހަލާގައި ތަފްސީލީ ގޮތެއްގައި ސަބަބާއެކު ބަޔާން ކޮށްފައިވާކަން ދައުލަތުން ފާހަގަ ކުރިއެވެ.

ހެކި ބަސް ދިނީ ރާވައިގެނެއް ނޫން

މި މައްސަލާގައި ދައުލަތުގެ ހެކިވެރިން ހެކިބަސް ދީފައިވަނީ ދުރާލާ ރާވައިގެން ކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް، ހެކިވެރިންގެ ހެކިބަސް ނަގާފައި ވަނީ އެ ކަމަކާ ގުޅޭ ހެކިވެރިން އެއް ދުވަހެއްގެ މައްޗަށް ތާވަލުކޮށްމ ނުފޫޒުން އެއްކިބާވާނެ ގޮތުގެ މަތިން ކަމަށް ދައުލަތުން ފާހަގަ ކުރިއެވެ. އަދި ހުލާސާ ބަޔާން އިއްވި ދުވަހު، ހެކިންނާއި ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެކަން ކޮށްފައި ނުވާކަން ދައުލަތުން ފާހަގަކުރިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތުގެ މަޖިލީހުގައި

މީގެ އިތުރުން ދައުލަތުން ވަނީ މި މައްސަލާގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަން ނުޖެހޭ ކަމަށާއި، އެއީ މި މައްސަލަ ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް ލިބިފައިވީ ނަމަވެސް އެ ބަރު އޭސީސީއަށް ލިބިފައި ނުވާތީ ކަަމަށެވެ. އަދި މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ ތަހުގީގު ކުރި މައްސަލާގައި ކަމަށާއި، އެކަން ތަފްސީލު ވާނެހެން ދައުވާގެ ކުރިން ގާނޫނީ އިންޒާރު ދީފައިވާނެ ކަން ފާހަގަކޮށް ދައުލަތުން ވަނީ، ފުލުހުންގެ ތަހުގީގުގައި ރައީސް ޔާމީނަށް ގާނޫނީ އިންޒާރު ކިޔައިދޭ ވީޑިއޯ ޝަރީއަތުގެ މަޖިލީހުގައި އަޅުވާފައެވެ.

ދައުލަތަށް ރައްދު ދެމުން ރައީސް ޔާމީންގެ ވަކީލުން ބުނީ، ގާނޫނީ އިންޒާރުގެ ވާހަކައަކީ ކުރިން ދެކެވުނު ވާހަކައެއް ކަމަށާއި، މިހާރު އެކަން ފާހަގ ކޮށްފައި ނުވާނެ ކަމަށެވެ. އަދި މިހާރު ފާހަގަކޮށްފައި ވާނީ ސުވާލު ނުކުރާ ކުށެއްގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަ ކަމަށް ވަކީލުން ބުނެއެވެ. ޝަރީއަތުގެ މަޖިލީހުގައި ވީޑިއޯ އެޅުވުމަށްފަހު ދައުލަތުން ވަނީ، ތުހުމަތު ކުރެވޭ ކުށުގެ ވާހަކަ ވީޑިއޯއިން ސާފުވާކަން ފާހަގަކޮށް، ތަކުރާރުކޮށް ގާނޫނީ އިންޒާރުދީފައިވާނެ ކަން ފާހަގަކޮށްފައެވެ. ނަމަވެސް، ރައީސް ޔާމީންގެ ވަކީލުން ވަނީ ވީޑިއޯ އިން ފެންނަ ކަންކަން ދައުލަތުން އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ، ދެން އަންނަ އަޑުއެހުމެއްގައި ދައުލަތުގެ ޖަވާބަށް ރައްދު ދިނުމުގެ ފުރުސަތު ރައީށް ޔާމީްނގެ ވަކީލުންނަށް އެރުވުމަށް ނިންމާފައެވެ. އެގޮތުން ދެން މި މައްސަލާގައި އަޑުއެހުމެއް އޮންނާނީ މިމަހު 21 ވަނަ ދުވަހު ކަމަށް ރިޔާސަތުން އިއުލާނު ކުރިއެވެ.