ކުރިއަށް އޮތް ސްކޫލް ބަންދުގައި އެކި ގައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން ދާއިރު ކުރިއަށް އޮތް ސްކޫލް ބަންދުގައި ރާއްޖޭން ބޭރަށް ދަތުރު ކުރުމުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫން ނަމަ ލަސް ކުރުމަށް ނުވަތަ ނުދިއުމަށް އެދޭ ކަމަށެވެ.

އަދި ދަތުރު ކުރުމުގެ ކުރިންނާއި ދަތުރު މަތީގަ އާއި އެނބުރި އައުމަށްފަހު އަމަލު ކުރަންޖެހޭ ކަންކަން ފާހަގަކޮށްދީފައި ވެއެވެ.

އޭގެ ތެރޭގައި:

  1. ދަތުރު ކުރާ ގައުމުގައި ބަލީގެ ހާލަތު ރަނގަޅަށް ދެނެގަތުން
  2. ބަލި ފެތުރޭ ގައުމުތަކަށް ދަތުރު ނުކުރުން
  3. ދުވަސްވީ މީހުނާއި ދިގު މުއްދަތަށް ފަރުވާކުރާ ބަލިތަކުގެ މީހުން ކޮންމެހެން ކުރަންޖެހިގެން ނޫނީ މި ދުވަސްވަރު ދަތުރު ނުކުރުން
  4. ދަތުރު ކުރާ ގައުުމުގެ ސަރުކާރުން، ބަލިން ރައްކާތެރިވުމަށް އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި އިރުޝާދުތަކަށް އަހުލުވެރިވުން
  5. ދަތުރުމަތީގައިހުމާއި ކެއްސުމާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކާ ގާތްވެ ނޫޅުން
  6. ގިނައިން ސައިބޯނި ލައިގެން އަތޮދޮވުމާއި ސެނިޓައިޒާ ބޭނުން ކުރުން
  7. މޫނާއި ލޮލާއި އަނގަ އަދި ނޭފަތުގައި އަތްނުލުން
  8. ކާބޯތަކެތީގެ ތެރެއިން، ސީފުޑް ރަނގަޅަށް ކައްކައިގެން ކެއުން
  9. ޖަނަވާރު ގެންގުޅޭ ތަންތަން އަދި، އެއްގަމު މަސް ވިއްކާ ބާޒާރުތަކަށް ނުދިއުން
  10. ކޮންމެހެން ދާންޖެހިގެން ނޫނީ ސިއްހީ މަރުކަޒުތަކަށް ނުދިއުން
  11. ދަތުރުން އެނބުރި އައުމަށްފަހުދަތުރުން އެނބުރި އަންނަތާ 14 ދުވަސްތެރޭގައި ހުން އައިސް ރޯގާ ޖެހުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ގޭގައި މަޑުކުރުން އަދި ހޮޓްލައިން 1676 އަށް ގުޅުން

މީގެ އިތުރުން ރާއްޖެތެރޭގައި ކުރާ ދަތުރު ތަކުގައިވެސް ބައެއް ކަންކަމަށް ސަމާލު ވުމަށް އެޗްޕީއޭން ވަނީ އެދިފައެވެ އެގޮތުން ރޯގާޖެހި ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ނިވާ ކުރުމާއި ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން ހިމެނެއެވެ.