މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީގެ މުއްދަތު މިއަދުން ފެށިގެން ހަ މަހަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންވެސް ބަދަލު ކޮށްފިއެވެ.

ބީއެމްއެލުން ބުނީ ގެނެވުނު ބަދަލާއެކު ވިހެެއުމުން އަންހެން މުވައްޒަފުންނަށް މުސާރައާއެކު ހަ މަހުގެ ޗުއްޓީގެ އިތުރުން މާބަނޑު ދުވަސްވަރު މުވައްޒަފުގެ ސިއްހީ ހާލަތަށް ބަލައި ދެ މަސް ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައި ކަމަށެވެ. އޭފެތެރޭގައި މުސާރަ އާއެކު އެއްމަސްދުވަހުގެ ޗުއްޓީ އެއް ދިނުމަށްވަނީ ކަނޑައަޅާފައި ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

އޭގެއިތުރުން ބީއެމްއެލުން ބުނި ގޮތުގައި ދަރިފުޅު ލިބުމާ ގުޅިގެން ފިރިންހެން މުވައްޒަފުންނަށްވެސް އެއް މަހުގެ ޗުއްޓީއެއް ދިނުމަށާއި ދަރިފުޅު ލިބޭތާ ހަތް މަސް ދުވަސް ތެރޭ އެ ޗުއްޓީ ނެގޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައި ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ.

ވިހެއުމާ ގުޅިގެން މިހާރު އަންހެން މުވައްޒަފުންނަށް ލިބެނީ ދެ މަހުގެ ޗުއްޓީއެކެވެ. އަދި ފިރިހެން މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ދެމުން އައީ ތިން ދުވަހެވެ. އެ ގެނައި ބަދަލުގައި މިހާރު ޗުއްޓީގައި ތިބި މުވައްޒަފުން ވެސް ހިމެނޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.