ޕްރޮސެކިއުޓާ ޖެނެރަލްގެ ނިންމުންތައް މުރާޖައާ ކުރަން އެ އޮފީހުގައި އުފެއްދި ރިވިއު ކޮމިޓީގެ މަސައްކަތް ހުއްޓާލަން އެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އޮފީހުގެ ނިންމުންތައް ރިވިއުކުރުމަށް އުފައްދާފައިވާ ރިވިއު ކޮމިޓީއާ އެކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ 'އެރެސްޓް، ރިމާންޑް އެންޑް ޗާޖް ރިވިއު ޔުނިޓް' ގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ކޮމިޓީގެ މަސައްކަތް ހުއްޓާލުމަށް ނިންމާފައިވަނީ މިމަހު 15 ވަނަ ދުވަހުން ފެށިގެން ކަމާސް އެ އޮފީހުން މައުލޫމާތުދެއެވެ.

ޕީޖީ އޮފީހުން ބުނީ، ރިވިއު ކޮމިޓީގެ މަސައްކަތް ހުއްޓަލުމާއެކު، މިމަހު 15 ވަަނަ ދުވަހުން ފެށިގެން ރިވިއު ކުރުމަށް ޝަކުވާ ހުށަހަޅާ ފޯމުތައް ބަލައިގަތުން ހުއްޓާލާނެ ކަމަށެވެ.

ރިވިއު ކޮމިޓީގެ މަސައްކަތް ހުއްޓާލުމަށް ޕީޖީ އޮފީހުން ނިންމާފައިވީ ނަމަވެސް، ރިވިއު ކުރަންޖެހޭ ކަމަަށް ޕީޖީއަށް ފެންނަ މައްސަލަތައް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. ރިވިއު ކުރަން ޖެހޭ މައްސަލަަތައް ބަލާނީ ގާނޫނު އަސާސީގެ 223 މާއްސާގެ (ބ) އާއި (އ) އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ބ) އާއި (އ) ގެ ދަށުން ކަމަށް ޕީޖީގެ ބަޔާނުގައި ވެއެވެ.

ރިވިއު ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި، ދައުވާއެއް އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުންތަކާއި ކޮށްފައިވާ ދައުވާތައް ބަދަލު ކުރަން ފެންނަ ހާލަތުގައި އެ ދައުވާއެއް ބަދަލު ކުރުން ހިމެނެއެވެ. އަދި ޝަރީއަތް ކުރުމުގެ ކުރިން މީހަކު ހައްޔަރުގައި ބަހައްޓާފައިވާ މައްސަލަތަކާއި، ޝަރީއަތް ނިމެންދެން މީހަކު ބަންދު ކޮށްފައިވާ މައްސަލަތައް މުރާޖައާ ކުރުން އަދި ނިންމުމެއް ރިވިއު ކުރުމަށް ތުހުމަތު ކުރެވޭ ފަރާތުގެ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް މުރާޖައާ ކުރުން ވެސް އެ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ޕީޖީ އޮފީހުގެ ނިންމުންތައް ރިވިއު ކުރާ ކޮމިޓީ އުފެއްދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހުއެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ.