ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއަށް އަންނާނެ ކަމަށާއި އެކަމާއި ބިރުން ނޫޅުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ ކާޑަށް ޖެހިދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން މިއަދު މަޖިލީހަށް ކުއްލި މައްސަލައިގެ ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވީ ކޮވިޑް-19 ރާއްޖެ ނާންނާނެ ކަމަށް ދެއްކުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖެއަކީ ވެސް ދުނިޔޭގެ ތެރޭގައި އޮތް ގައުމެއް ކަމަށާއި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނަމަ އެ ބަލި ރާއްޖެއަށްވެސް އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމާއި ބިރުން ކާބޯތަކެތި އެއްކުރުމަކީ ޒިންމާދާރު ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"ރާއްޖެއަށް ވަކި ނާންނާނެ ބަޔެއް ދުނިޔެއަކު ނޫޅެ. ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ނުދާ އެއްވެސް ބައްޔެއް ދުނިޔޭގަ ވެސް ނޫޅެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ރާއްޖެއަށް އައި ކަމަށްވީ ނަމަވެސް އެފަދަ ރޯގާއަކަށް ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ފަރިތަވެފައި ކަމަށެވެ. މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މަޖިލިސް މެންބަރުން ވެސް އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ސާފުތާހިރުކޮށް އުޅެ އަތްފައި ދޮވުމަށާއި ކަރުތެރެ ހިއްކާފައި ނުބެހެއްޓުމަށް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ބުނީ ކޮވިޑް-19 ޖެހިފައިވާ އެއްވެސް މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެކަމުގައި ދޮގު މައުލޫމާތު ފަތުރަމުން އަންނަކަން ފާހަގަކޮށް އެޗްޕީއޭ އިން ވަނީ ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެ އިދާރާގެ ސޯޝަލް މީޑިއާގެ އެކައުންޓުތައް ފޮލޯ ކުރުމަށް އިލްތިމާސް ކޮށްފައެވެ.