ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 12 ބިލިއަން ޑޮލަރުގެ އެމާޖެންސީ ފަންޑެއް ވޯލްޑް ބޭންކުން އެކުލަވާލައިފިއެވެ.

ކޮވިޑް-19 އެމާޖެންސީ އެހީގެ ފަންޑުގައި ހިމެނެނީ ކުޑަ ހަރަދު ހިނގާ ލޯން ސްކީމާ، މާލީ އެހީގެ ގްރާންޓްތަކާ، ފަންނީ އެހީތެރިކަމާ އެއްބާރުލުން ދިނުމެވެ.

ވާލްޑް ބޭންކުން މިފަދަ ޕެކޭޖެއް ތައާރަފުކޮށްފައި މިވަނީ، ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ އިގުތިސޯދަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ގައުމުތަކުގެ ލީޑަރުން ވައުދުވެވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ.

ކަންމިހެން އޮތްއިރު، އިގުތިސޯދީ ކުރިމަގު ލަފާކުރާ ފަރާތްތަކުންވަނީ، ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔެއަށް ފެތުރިގެން ދިއުމުގެ ސަބަބުން ގައުމުތަކުގެ އިގުތިސޯދި މަޑުޖެހި، ހީނަރުކަމުގެ އަނދަވަޅަކަށް މިސްރާބު ޖަހާފާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ވާލްޑް ބޭންކުން ބުނީ ކޮވިޑް-19އާއި ގުޅިގެން ތައާރަފުކުރި އެމާޖެންސީ ފަންޑުގެ ޕެކޭޖަކީ ގައުމުތަކުން އާންމު ސިއްހަތުގެ ދާއިރާއަށް ހޭދަކުރަން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނާ، ޕްރައިވެޓް ސެކްޓަރު ކުންފުނިތަކުގެ އިގުތިސޯދީ ހަރަކާތްތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ތައާރަފު ޕެކޭޖެއް ކަމަށެވެ.

ވާލްޑް ބޭންކް ގުރޫޕުގެ ރައީސް ޑޭވިޑް މެޕްލާސް ވިދާޅުވީ އެ ގުރޫޕުގެވެސް އަމާޒަކީ ކޮވިޑް-19 ފެތުރިގެންދާ މިންވަރު ވީހާވެސް ކުޑަކުރުން ކަމަށެވެ. މި އެހީ ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އެންމެ ފަގީރު އަދި އެންމެ ނުރައްކާ ބޮޑުވެފައިވާ ގައުމުތަކަށް ކަމަށް ވާލްޑް ބޭންކުން ބުނެއެވެ.