ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި، ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އިހާނެތި ގޮތަކަށް މަރާލި ހާދިސާއާ ގުޅިގެން އެންމެ ފަހުން އެކުލަވާލާފައިވާ ޖާސޫސީ ރިޕޯޓް، އާންމުކޮށް ޝާއިއު ކުރުމަށް ފިއްތުންތައް ކުރިމަތި ކުރައްވާނެ ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންތަކެއް ވިދާޅުވެއްޖެއެވެ.
ވަރި/ކައިވެންޏާ ގުޅުންހުރި ލިޔެކިއުންތަކެއް ހަމަޖެއްސުމަށް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ކޮންސިއުލޭޓަށް ވަތް ތަނުން އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލި މައްސަލާގައި އެކުލަވާލި ޖާސޫސީ ރިޕޯޓް އާންމުންނަށް ފެންނާނެހެން ޝާއިއު ކުރުމަށް ބާރު އަޅުއްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސެނެޓާ ރޮން ވައިޑެންއާއި ރެޕްރެޒެންޓޭޓިވް ޓޮމް މަލިނޯވްސްކީއެވެ. މި ދެ މެމްބަރުންނަކީވެސް އިދިކޮޅު ޑިމޮކްރަޓުންނަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެމްބަރުންނެވެ.
ޚަޝޯގީގެ މަރާ ގުޅިގެން އެންމެ ފަހުން އެކުލަވާލި ޖާސޫސީ ރިޕޯޓް އާންމު ކުރުމަށް ކުރިމަތިކުރައްވާނެ ފިއްތުންތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވުމަށް މި 2 މެމްބަރުން ކުރިއަށް ގެންދެވި ބައްދަލުވުމުގައި، ޚަޝޯގީ މަރާލިއިރު އޭނާއާއި ކައިވެނި ކުރުމަށް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީވިލާތުގެ ޚަދީޖާ ޖެންގީޒްވެސް ބައިވެރިވިއެވެ.
ޚަޝޯގީގެ މަރާ ގުޅިގެން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކުރި ރިޕޯޓް، ގާނޫނު ހަދާ މަޖިލީހަށް އިއްވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ސަރުކާރުގެ ނުފޫޒާއެކު ރިޕޯޓުގެ ބައެއް ބައިތައް އުނިކޮށް ނުވަތަ ސެންސަރުކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ. މި ރިޕޯޓަކީ ޚަޝޯގީ މަރާލުމުގެ އޯޑަރު ކުރި ފަރާތާ، އެ ޖަރީމާ އަމަލީ ގޮތުން ހިންގި މީހުން ދެނެގަތުމަށް ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓެކެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެންމެފަހުން އެކުލަވާލި ރިޕޯޓް ފެނިފައިވާ ބައެއް ފަރާތްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ޚަޝޯގީ މަރާލަން އޯޑަރު ދިނުމުގައި ސައުދީގެ ނުފޫޒުގަދަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ބޮޑު ދައުރެއް އޮތެވެ. މީގެ ކުރިންވެސް މިފަދަ ވާހަކަތަކެއް ތަކުރާރުކޮށް ފެންމަތިވިނަމަވެސް، ސައުދީއިންވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
މެމްބަރުންގެ ބަސް
ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ހިމެނިވަޑައިގަންނަވާ މެމްބަރު މަލިނޯވްސްކީ ވިދާޅުވީ، އެމެރިކާގައި މަސައްކަތް ކުރަމުންދިޔަ ޚަޝޯގީ އެގައުމުން ނެރެގެން ގެންދިޔައީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ 'މަޅީގައި' އޭނާ ޖައްސައިގެން ކަމަށާ، އެމެރިކާއިން އޭނާ ނެރެފައިވަނީ ގަތުލުކޮށް، އޭނާގެ އަޑު ކަނޑުވާލުމުގެ މަގުސަދުގައި ކަމަށެވެ. މިއީ ހަމައެކަނި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ލާއިންސާނީ ޖަރީމާއެއް ނޫންކަމަށާ، މިއީ އެމެރިކާގައި ހިޔާވަހިކަން ހޯދަމުންދިޔަ މީހަކު ގަސްތުގައި މަރާލުމަށްފަހު އެކަމުގެ ޒިންމާތަކުން ބަރީއަވެވިދާނެ ކަމަށް ގަބޫލުކުރެވިގެން ސައުދީއިން ހިންގި އަމަލެއް ކަމަށްވެސް މެމްބަރު މަލިނޯވްސްކީ ވަނީ ވިދާޅުވެފައެވެ.
ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއާއި ގާތުން މަސައްކަތް ކުރުމަށްފަހު ޚަޝޯގީ ފަހުން މަސައްކަތް ކުރަމުންދިޔައީ އެމެރިކާގެ ދުވަހު ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓްގައި ކޮލަމިސްޓެއްގެ ގޮތުގައެވެ. ޚަޝޯގީ އޭރުވެސް ދިޔައީ ސައުދީގެ ސަރުކާރާ ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، ވަރުގަދަ ލިޔުންތަކެއް ޝާއިއުކުރަމުންނެވެ.
ޚަޝޯގީގެ ލޯބިވެރިޔާ
ކޮންސިއުލޭޓް ތެރެއަށް ވަދެގެން ދިއުމުގެ ކުރިން އޭނާ އެންމެ ފަހުން ފެނިފައިވާ އެކަކީ އޭރު އޭނާ ކައިވެނި ކުރަން ތައްޔާރުވަމުންދިޔަ ޚަދީޖާއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޚަދީޖާ ބުނީ ޚަޝޯގީގެ މަރަށްފަހު ފާއިތުވެދިޔަ 518 ދުވަހަކީ އިންސާފުން އެއްކިބާކޮށްފައިވާ ދުވަސްތަކެއް ކަމަށެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއެކު ނޫސްވެރިންނާ ބައްދަލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް ޚަޝޯގީގެ މަރާ ގުޅިގެން އެކުލަވާލާފައިވާ ޖާސޫސީ ރިޕޯޓް އާންމު ކުރުމަށް ގޮވާލުން ކަމަށާ، އެ ރިޕޯޓް ފޮރުވާ، ސިއްރު ކުރަންޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ޚަދީޖާ ވަނީ ބުނެފައެވެ. އަދި ޖަވާބު ނުލިބި ހުރި ސުވާލުތަކެއް އެބަހުރި ކަމަށާ، އެ ޖަވާބުތައް ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޚަޝޯގީގެ މަރާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ސައުދީއިން ފުރުސަތު ދީފައެއް ނުވެއެވެ. މިމައްސަލާގައި ސައުދީގައި ޝަރިޔަތްތަކެއް ހިންގާ، ބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު ޚަޝޯގީގެ މަރާ ގުޅިގެން ތުހުމަތުގެ އިނގިލި އަމާޒު ކުރެވޭ އިސް ބައެއްގެ ނަން ވަނީ 'ސާފު'ކޮށްފައެވެ. މިއާއެކު ޚަޝޯގީއަށް އިންސާފު ހޯދުމަށް ގޮވާލަމުންދާ ފަރާތްތަކުންވަނީ މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ މައްޗަށް އެކަން ތަންފީޒު ކުރުމަކީ، މި ޖަރީމާ އެކީ އެކައްޗަކަށް ހިމޭންކޮށްލުން ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.
ކަންމިހެން އޮތްއިރު ޚަޝޯގީގެ އާއިލާގެ ބައެއް މެމްބަރުންވަނީ އިންސާފު ލިބިފައިވާކަމަށް ބުނެ މައްސަލަ އޮއްބާލާފައެވެ. މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ބަލާއިރު ވާހަކަ އޮއްބާލަން މަސައްކަތްކުރާ މެމްބަރުންނާ އެކު ސައުދީގެ ޝާހީ އާއިލާއިންވަނީ ބައްދަލުވުންތަކެއް ބާއްވާފައެވެ.
ޚަޝޯގީގެ މަރަށް ސައުދީއިން އިއުތިރާފުވި ކަމުގައި ވީ ނަމަވެސް، އަދާ ޖެހުނުއިރުވެސް އޭނާގެ ހަށިގަނޑަށް ހެދި ގޮތެއް ހާމަކޮށްފައި ނުވާއިރު އެ ހަށިގަނޑު ފެނިފައެއްވެސް ނުވެއެވެ.