ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ބަސް ސްޓޮޕެއް ހަދައި އެތަނަށް ހުޅުމާލެ އިން ބަހުގައި ދަތުރުކުރަން މިއަދު ފަށައިފިއެވެ.

އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ދަތުރުތަށް ފައްޓަވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ޝިފާ ވިދާޅުވީ، މާލޭގައި ބަސް ސްޓޮޕްތައް ހަދާ އިރު، ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ސަރަހައްދެއްގައި ބަސް ސްޓޮޕް ހަދަން ވިސްނަވާ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ހުޅުވި ބަސް ސްޓޮޕުން، ހޮސްޕިޓަލަށް އައިސް ގޮސް އުޅުމަށް ފަސޭހަވުމުގެ އިތުރުން އެ ސަރަހައްދުގައި ހުންނަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށާއި ރަސްފަންނު ބޭނުންކުރާ މީހުންނަށް ވެސް ގިނަ ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ބައިވެރިވަޑައިގަތެވެ.

އެމްްޕީއެލްގެ އެމްޑީ ޝާހިދު ވިދާޅުވީ، އެހެން ބަސްތައް ވެސް ހުޅުމާލޭގައި މަޑުކުރާ ތަންތަނުގައި، މި ބަސް މަޑުކުރާނެ ކަމަށާއި އެ ދޭތެރޭގައި ބަސް ދަތުރުކުރަން ނިންމާފައި ވަނީ ގަޑިއަކު އެއް ފަހަރު ކަމަށެވެ.

މިދިޔަ މަހުގެ ކުރީ ކޮޅު އެމްޕީއެލް އިން ވަނީ ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ދަތުރުކުރާ ބަސް ރޫޓެއް ވެސް ތައާރަފްކޮށްފައެވެ.