ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރުގެ ޖަމިއްޔާއަކުން ކުރިޔަށް ގެންދާ ވޯކްޝޮޕްތަކާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ އެޖެންޑާ ނުކުރުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅީ ނޮޅިވަރަން ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ. ނަޝީދަށް މައްސަލަ ހުށަހެޅުމަށް ރިޔާސަތުން ފުރުސަތު އެރުވުމުގެ ކުރިން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވާ އެ މައްސަލަ މަޖިލީހަށް ހުށަނޭޅޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މައްސަލައަކީ މަޖިލީހުގެ ގަވާއިދުގެ ދަށުންވެސް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވިއެވެ. އަލީ އާޒިމްގެ ވާހަކަތަކަށް ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އެވެ.
އާޒިމްގެ ވާހަކާގައި ވެސް އަދި އަނދުން ހުސައިންގެ ވާހަކާގައި ވެސް ހުށަހެޅިގެން އުޅެނީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވެއެވެ. އެ ދެ ބޭފުޅުން ވާހަކަދެއްކެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މުހައްމަދު ނަޝީދު ވިދާޅުވީ އެކަމުގައި މެންބަރަކު އިއުތިރާޒު ކުރުމުން މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ގާނޫނީ ލަފައެއް އެކަމަށް ހޯއްދަވަން ޖެހޭ ކަމަށެވެ.
ނަޝީދު އެފަދައިން ވިދާޅުވުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. އަދި ވިދާޅުވީ އެ މައްސަލައަކީ ބަލައިގަންނަން ޖެހޭ މައްސަލައެއް ކަމަށެވެ. ޝިޔާމް ވަނީ ހުށަހެޅިފައި ވަނީ ކޮން މައްސަލައެއްކަން ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ އެ މައްސަލައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާދީނީ ފިކުރު ފަތުރަން ބަޔަކު ވޯކްޝޮޕްތަކެއް ބާއްވައި އެ ކަމަށް މަސައްކަތް ކުރުމުން ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އެކަމަށް އަޅާފައި ނުވާތީ ހުށަހަޅާފައި ކުއްލި މައްސަލައެއް ކަމަށެވެ.
މެންބަރު ޝިޔާމްގެ ވާހަކައަށް ފަހުގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ލަފާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި، އަދި އެމަނިކުފާނަށް ލަފާ ދެއްވީ އެ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ވޯކްޝޮޕްތައް ބާއްވަމުން އަންނަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުއިލިއަމް ކިޔާ ޖަމިއްޔާއަކުންނެވެ. އެ ޖަމިއްޔާއިން ދީނާއި ހިލާފު ވާހަކަތައް ދައްކަމުން ގެންދާ ކަމަށްބުނެ އިސްލާމިކް މިނިސްޓްރީންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ނަމަވެސް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ވަނީ އެ ޖަމިއްޔާގެ ދިފާއުގައި ބަޔާނެއް ނެރެފައެވެ.