މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭ އަދަދެއް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ކަނޑައަޅަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅައި އިއުލާނު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެ އެކަން އެގޮތަށް ނުކުރެއްވުމުން އިއްޔެ އެމަނިކުފާނު އެކަމަށް މައާފަށް އެދިވަޑައިގެންފައި ވަނިކޮށެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖު ބޯޑުގެ ރިޕޯޓަށް ލަފާއެއް ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި މަޖިލީހުގެ ލަފައެއް އެކަމުގައި ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ މިނިމަމް ވޭޖުގެ ރިޕޯޓާއެކު އިކޮނޮމިކް މިނިސްޓްރީ އިން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލައަށް އިގްތިސޯދީ ކޮމެޓީން ބަހުސް ކުރަމުން އަންނަ ކަމަށާއި ކޮމެޓީން އެކަމުގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާވެސް ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އިގްތިސޯދީ ކޮމެޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ދެކިލައްވާ ގޮތުގައި ކޮމެޓީގެ ނިންމުމުގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އަދަދެއް ކަނޑައެޅެންޖެހޭ ކަމަށެވެ.
"އެންމެ ކުޑަ އުޖޫރައިގެގޮތުގައި ކަނޑައެޅޭ އަދަދު ހިމެނެން ޖެހޭ [ކޮމެޓީ ރިޕޯޓުގައި]،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓްރީއަށް ލަފާ އަރުވާފައި ވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށާއި، ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.