ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާ ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ކަށަވަރުކޮށްދިން މާއްދާ 370 އިންޑިއާގެ ގާނޫނު އަސާސީއިން އުވާލި މައްސަލާގައި ގާނޫނީ ފުށޫއެރުންތަކެއް ހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ދައުވާތައް، 7 ފަނޑިޔާރުގެ ބޮޑު ބެންޗަކުން ބެލުމުގެ އެއްވެސް ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.

ފަނިޔާރު އެންވީ ރާމަނާ އިސްކޮށް ހުންނަވައިގެން މިމައްސަލަ ބަލަމުންދާ 5 ފަނޑިޔާރުންގެ ބެންޗުން މިކަން ހާމަކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ނިންމުމާއެކު، މާއްދާ 370 ގެ ގާނޫނީ ހައިސިއްޔަތާ މެދު ހުށަހަޅާފައިވާ ހުރިހާ މައްސަލައެއްވެސް ދެން ބަލާނީ 5 ފަނޑިޔާރުންގެ ބެންޗުންކަމުގައި ވަނީ ހަމަޖެހިގެންގޮސްފައެވެ.

މިހާރުވެސް މައްސަލަ ބަލަމުންދާ 5 ފަނޑިޔާރުންގެ ބެންޗުގެ ބަދަލުގައި 7 ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލައިދިނުމަށް އެދި އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު ހިއްސާ ނުވާ ކުންފުންޏެއް ކަމަށް ޕީޕަލްސް ޔޫނިއަން އޮފް ސިވިލް ލިބާޓީސް އާއި، ޖައްމުއާއި ކަޝްމީރު ހައިކޯޓު ބާ އެސޯސިއޭޝަންގެ އިތުރުން މިމައްސަލައިގެ ތެރެއަށް ތަދައްހުލުވި އިތުރު ފަރާތަކުންނެވެ.

މާއްދާ 370ގެ މައްސަލާގައި އިންޑިއާގައި އުފެދިފައިވާ ނުތަނަވަސްކަމުގެ މަސްރަހަށް އަދިވެސް ފިނިކަމެއް ލިބިފައެއް ނުވެއެވެ.