މުޖުތަމަޢުގެ ހެވާއި ލާބައަށް ކުރާ ކޮންމެ ކަމަކީ ކޮންމެ ފަރުދަކަށްވެސް އެކަމުން މަންފާ ކުރާނޭ ކަމެއްކަން ގަބޫލުކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުން އިސްކުރުމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގޮވައިލައްވައިފިއެވެ.

"ފުރާތަ" ގެ ނަމުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން މުޖުތަމައަށް އަނބުރާ ދިނުމަށް ބާރުއެޅުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތް އިފްތިތާހު ކޮށްދެއްވުމަށް މިއަދު ހެނދުނު ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ފަރުދީ ހެވާއި ލާބާއި މަންފާއަކީ މުޅި މުޖުތަމައުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ބަރޯސާވެފައިވާ ކަންކަން ކަމަށެވެ.

އެހެންކަމުން އެކަން އިހްސާސްވުމާއިއެކު ކޮންމެ ފަރުދަކަށްވެސް އިހްތިޔާރު ކުރެވޭނީ މުޖުތަމައުގެ ލާބައާއި މަންފާ އިސްކޮށް މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރާން ކަމަށްވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.

ދަތިކަމަކަށްވިޔަސް އަމިއްލަ ބޭނުންތައް އެކަނި ފުއްދާލައިގެން ފަރުޖެހެން ނެތްކަން ކޮންމެ ފަރުދަކުވެސް ގަބޫލުކުރުމަށް ގޮވައިލައްވާ އެކަމަނާ ވިދާޅުވީ، ތިމާއަށް ލިބޭ ކޮންމެ މޮޅަކާއި ލާބައެއް މުޖުތަމައުގެ އެހެން މީހުންނާއި، ހާއްސްކޮށް ނިކަމެތިންނާއި ހިއްސާކުރުމަށް އެދިވަޑައިގަންނަވާފައެވެ އެކަން އެގޮތަށް ނުކުރާނަމަ، މުޖުތަމައު ނިކަމެތިވެ ބަލިކަށިވެދާނެ ކަމަށާއި، ކޮންމެވެސް ދުވަހަކުން ކޮންމެ ފަރުދަކަށްވެސް މިކަމުގެ އަސަރުތަކާއި ކުރިމަތިލާން ޖެހިދާނެކަން ގަބޫލުކުރާން ޖެހޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އެކަމަނާ އިތުރަށް ވިދާޅުވީ، މައުނަވީ ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންނަމަ، ކޮންމެ މީހަކުވެސް އެހެން މީހުންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް އެހީތެރިވާން ޖެހޭނެކަމަށެވެ. ސަބަބެއް ކަމަށް އެކަމަނާ ވިދާޅުވީ، އިންސާނެއްގެ ދިރިއުޅުމުގެ އަގަކީ އެ ދިރިއުޅުމުގެ ތެރޭގައި އިހްސާންތެރިކަމާއެކު ބަދަލުކުރެވޭ އެހީގެ ސަބަބުން އެހެން އިންސާނުންގެ ހިތްތަކުގައި ބިންވަޅު ނަގުވާއިދޭ ޝުއޫރުގެ މިންވަރުކަމުގައި ވާތީކަމަށެވެ. އަދި ދިރިއުޅުމުގައި އުފާވެރިކަން ހާސިލުކުރަން ބޭނުންނަމަ އެހެން މީހުންގެ އުފާވެރިކަމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށެވެ.

މިއާއިއެކު އެހެން މީހުންނަށް ޒިންމާދާރުކަމާއި އިހްސާންތެރިކަމާއި އޯގާތެރިކަމާއިއެކު އަޅައިލުން ފޯރުކޮށްދޭ ކޮންމެ ހިނދެއްގައި އެ ފޯރުކޮށްދެވެނީ މުޖުތަމައަށް އަނބުރާ ރައްދުކުރެވޭ އަގެއްކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. އަދި، ވަކިން ހާއްސަކޮށް ކުޑަކުދިންނަށް އެބައެއްގެ މައްޗަށް ބަރޯސާވާ މީހުންގެ ފަރާތުން އެހީތެރިކަމާއި އަޅައިލުމާއި ދީލަތިކަން ފެނި ތަޖުރިބާކުރެވޭނަމަ އެކުދީންގެ ކިބައިން އެދީލަތިކަން ފެނުމަކީ ގާތްކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން މިދުނިޔޭގައި ހޭދަކުރާ ވަގުތުގެ ބޭނުމަކީ އަލުގަނޑުމެނާއެކު އަނބުރާ ނުގެންދެވޭނޭ ތަކެތި އެއްކޮށް ފޮރުވައިގެން އުޅުމެއްނޫން. އޭގެ ބޭނުމަކީ މިދުނިޔެއަށް އުފަންވިހިނދު މިދުނިޔެ އޮތް މިންވަރަށްވުރެ ހިތްހެޔޮ، އިހްސާންތެރި، ރަނގަޅު މިންވަރަކަށް މިސްރާބުހިފައި އެމަންޒިލުގެމަތީ ދޫކޮށްދިއުން. މިއީ އެހެން އިތުރު މީހެއްގެ ޒިންމާއެއްނޫން. މިއީ އެންމެންގެ ޒިންމާއެއް
ފަޒްނާ

"ފުރާތަ" އަކީ އެމްއެންޔޫގެ ކެމްޕަސްތަކާއި ދަރިވަރުން މެދުވެރިކޮށް މުޅި މުޖުތަމަޢަށް، އަދި ވަކީން ހާއްސަކޮށް އަޅައިލުން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް، އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންގެ ދުރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމުގެ މަގަސްދުގައި ދަރުމައަށް ހިދުމަތްކުރުމަށް ބާރުއަޅާ ހަރަކާތެކެވެ.

އެ ޕްރޮގްރާމުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި، ބިދޭސީންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދީންނާއި، ޓެކްސީ ޑްރައިވަރުންނާއި، ދަނޑުވެރިންނާއި، މަސްވެރިންގެ އިތުރުން އެހެނިހެން ފަރާތްތަކަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ. ފަހުރުވެރި ދިވެހި އާއިލާއެއް ބިނާކުރުމުގައި ރާއްޖޭގެ އިޖްތިމާއީ ފޭރާން ރަނގަޅު ކުރުމަށްޓަކައި އާންމު މަސްލަހަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާއީ ވެށްޓެއް ގާއިމްކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.