މިދިޔަ މަހުގެ ނިޔަލަށް މިނިމަމް ވޭޖް ކަނޑަ އެޅޭގޮތް ނުވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މައާފަށް އެދިވަޑައިގެންފިއެވެ. ފައްޔާޒު ވިދަޅުވީ މިނިމަމް ޥޭޖު ކަނޑަނޭޅުނީ މަޖިލީހުގެ ލަފައެއް ލިބިވަޑައި ނުގަތުމުން ކަމަށާއި އަވަސް މުއްދަތެއްގެ ތެރޭގައި މަޖިލީހުގެ ލަފައެއް ލިބޭނެ ކަމަށެވެ.

ސަރުކާރުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މިނިމަމް ވޭޖް ކަނޑައަޅަން ލަފައެއް ހޯދުމަށް ރައްޔިތުން މަޖިލީހަށް ފޮނުވާފައެވެ. ސަރުކާރުން ފޮނުވި ރިޕޯޓުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ދިރާސާކޮށް އިކޮނޮމިކް މިނިސްޓްރީއަށް މިނިމަމް ވޭޖާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ރިޕޯޓާއި ސްޓޭކް ހޯލްޑަރުންނާ އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓެއް ހިމެނެއެވެ.

ސަރުކާރުން މިނިމަމް ވޭޖް ކަނޑައެޅުމުގެ ގޮތުން ބިލެއްވެސް ވަނީ މަޖިލީހަށް ފޮނުވާފައެވެ.

އެ ބިލުގައިވާ ގޮތުން ރާއްޖޭގައިވާ ހަތް ސިނާއަތެއްގައި މަސައްކަތް ކުރާ މީހުނަށް މިނިމަމް ވޭޖުގެ އަދަދެއް ކަނޑައަޅަން ޖެހެއެވެ. މިނިމަމް ވޭޖަށް ދޭނެ ވަކި އަދަދުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް އެ ބިލަކު ނެތެވެ. ނަމަވެސް ކޮންމެ ދެ އަހަރަކުން އެއް ފަހަރު މިނިމަމް ވޭޖްގެ އަދަދު މިނިސްޓްރީގައި އެކުލަވާފައިވާ ބޯޑުން މުތާލިއާކޮށް އިކޮނޮމިކް މިނިސްޓަރަށް ލަފާ ދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

މިނިމަމް ވޭޖަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާނެ ކަމަށެވެ. ނަމަވެސް އެ ތާރީހު ފާއިތު ވެގެން ދިޔައިރު ވެސް ބިލު ފާސް ނުވުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ މިހާރުގެ ސަރުކާރަށް އަމާޒުވެފައެވެ.