ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަމުން ގެންދާ ޕާސަނަލް ލޯނާއި ބީއެމްއެލް ފައިނޭންސިން ޕޯޓްފޯލިއޯ އަށް ބަދަލުތަކެއް ގެނެސްފިއެވެ.

ޕާސަނަލް ފައިނޭންސިން ކެމްޕޭން ފަށަން ބީއެމްއެލްގެ އެޗްއާރު އޮފީހުގައި މިއަދު ބޭއްވި ރަސްްމިއްޔާތެއްގައި އެ ބޭންކްގެ ހެޑް އޮފް ރީޓެއިލް ބޭންކިން މޫސާ ނިމާލް ވިދާޅުވީ ލުއި އެކްސްޕްރެސް އާއި ބީއެލްއެލް އިސްލާމިކް ފައިނޭންސިންގެ ހިދުމަތް ފަސޭހަ ކުރަން ގެނައި އެއް ބަދަލަކީ އެ ބޭޭންކަށް އެންމެ މަހެއްގެ މުސާރަ ޖަމާވުމުން ވެސް ހިދުމަަތަށް ޝަރުތު ހަމަވާ ގޮތަށް އުސޫލު ބަދަލުކުރުން ކަމަށެވެ. ކުރިން އޮންނަ އުސޫލުގައި ލުއި ލޯނާއި އިސްލާމިކް ފައިނޭންސިން އަށް ޝަރުތު ހަމަ ވަނީ ބީއެމްއެލް އަށް 12 މަސް ދުވަހުގެ މުސާރަ ޖަމާކުރުމުންނެވެ.

އަލަށް ހަމަޖެއްސި އުސޫލުގައި ވަޒީފާ އަދާކުރާ ތަނުގެ ސިޓީއެއް ހުށަހަޅާކަށް ނުޖެހެއެވެ. ބީއެެމްއެލް ޕޭރޯލުގެ ތެރެއިން މުސާރަ ޖަމާވާ ނަމަ، ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ. މީގެއިތުރުން މީގެކުރިން ވަޒީފާގައި އުޅޭތާ ހަމަސްވުމުން ނޫނީ ލޯނަށް ހުށަނޭޅޭއިރު މިހާރު ބަދަލުކުރި އުސޫލުގައި ވަޒީފާ އަދާކުރާ ތަނުގައި ތިންމަސް ހަމަވުމުން ލޯނަށް ހުށަހެޅޭނެއެވެ.

މި ބަދަލުތަކާއެކު ބީއެމްއެލް އިން ވަނީ ލުއި އެކްސްޕްރެސް، ލުއި މައިކްރޯ، ބީއެމްއެލް ވެހިކަލް ލޯން، ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިން އަދި ބީއެމްއެލް އިސްލާމިކް ވެހިކަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.

ބީއެމްއެލް އިން ބުނީ އަންނަ މަހުގެ ނިޔަލަށް ޕާސަނަލް ލޯނާއި ފައިނޭންސިން އަށް އެދި ހުށަހަޅާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާ މުއްދަތުގައި ކޮންމެ ހަފްތާއަކު އެއް ފަރާތަކަށް އައިފޯނެއް ލިބޭނެއެވެ.

މީގެ އިތުރުން ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ދެ ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ހޮވޭ ކޮންމެ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.