ކަޝްމީރު ސަރަހައްދުގައި ކުރިއެރުންތަކެއް ހޯދެމުންދިޔަ ކަމުގައި ވީ ނަމަވެސް، ޓެރަރިސްޓް ގުރޫޕުތަކާ އެފަދަ ޖަމާއަތަކަށް އެއްބާރުލުން ދީގެން މި ކުރިއެރުންތަކަށް ހީނަރުކަން ގެނައުމަށް ޕާކިސްތާނުން މަސައްކަތް ކުރަމުންދާކަމަށް ބުނެ އިންޑިއާއިން ޕާކިސްތާނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ޕާކިސްތާނުގެ ވާހަކަތަކަށް ރައްދު ދިނުމަށް އިންޑިއާއަށް ލިބުނު ފުރުސަތުގައި އިންޑިއާއިންވަނީ ޕާކިސްތާނަށް ބޮޑެތި ތުހުމަތުތަކެއްގެ ވަރުގަދަ އިލްޒާމުތަކެއްވެސް އަމާޒުކޮށްފައެވެ.

އިންޑިއާގެ ފަރާތުން ކައުންސިލު ބައްދަލުވުމުގައި ރައްދު ދެއްވާ ވާހަކަދައްކަވަމުން، ޖެނީވާގައި ހުންނަ އިންޑިއާގެ ދާއިމީ މިޝަންގެ ފަސްޓް ސެކްރެޓަރީ ވިމާޝް އާރްޔަން ވިދާޅުވ ޕާކިސްތާނުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވީ ނަމަވެސް ޖައްމު އާއި ކަޝްމީރު އާންމު ހާލަތަކަށް އަންނަމުންދަނީ ހަލުވި ދުވެއްޔެއްގައި ކަމަށެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ ރައްޔިތުންތަކެއް އެ ޓެރިޓަރީގެ ބާޒާރު މަތީ ސަރަހައްދަކަށް ޖަމާވެފައި/ފޮޓޯ: ދާނިޝް ސިއްދީޤީ | ރޮއިޓާޒް

ބައިނަލްއަގުވާމީ ފޯރަމްތަކުގައި އިންޑިއާގެ އަގުވައްޓާލުމަށް، ހަގީގަތް އޮޅޭ ގޮތަށް ޕާކިސްތާނުން ދައްކަމުންދާ ބޯހަމަނުޖެހޭ ވާހަކަތަކަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުއަށް އޮޅުވާނުލެވޭނެ ކަމަށްވެސް އާރްޔަން ވަނީ ވިދާޅުވެފައެވެ. އިންސާނީ ހައްގުތަކާ ގުޅިގެން ޕާކިސްތާނުގައި އޮތް ކިލަނބު ރެކޯޑުގެ ވާހަކައަކީ ދުނިޔެއަށް އޮޅިފައި އޮންނާނެ ވާހަކައެއް ނޫންކަމަށާ، ޕާކިސްތާނުން ގެންގުޅޭ ފިއްތުންތައް ބޮޑު އުސޫލުތަކަކީވެސް އެގައުމަށް ސިއްރު ކުރެވޭނެ ކަންކަމެއް ނޫންކަމަށް ވިދާޅުވެ، އާރްޔަން ވަނީ ޕާކިސްތާނަށްވެސް ތުހުމަތުގެ އިނގިލި އަމާޒު ކުރައްވާފައެވެ.

އާރްޔަން އިތުރަށް ވިދާޅުވީ ދެކުނު އޭޝިއާ ސަރަހައްދުގެ ސުލްހައާއި ކުރިއެރުމުގެ އިތުރުން ޕާކިސްތާނުގެ އަމިއްލަ މަންފާއަށް ޓަކައި އެ ގައުމަށް ނަސޭހަތް ދޭންޖެހޭ ކަމަށެވެ. މިމޭރުމުން ވާހަކަދައްކަވަމުން އިންޑިއާގެ މަންދޫބު ވަނީ، އިންޑިއާއާއި ޕާކިސްތާނުގެ ގުޅުމަށް ހީނަރުކަން ލިބޭ ގޮތަށް ޕާކިސްތާނުން ދީފައިވާ ގެއްލުންތައް ފޫބެއްދުމަށް ޕާކިސްތާނަށް ލަފާދޭ 10 ނުކުތާއެއް ބަޔާން ކުރައްވާފައެވެ.

ކަޝްމީރުގެ ރަސްމީ އޮފީހެއްގައި އިންޓަނެޓް ޚިދުމަތް ހޯދަން އާންމުން ޖަމާވެފައި/ފޮޓޯ: މުޚުތާރު ޒަހޫރު

ފުރަތަމަ ކަމެއްގެ ގޮތުގައި އިންޑިއާއިން ފާހަގަކުރީ ޕާކިސްތާނުން ކަޝްމީރުގެ ސަރަހައްދަށް ގައިރު ގާނޫނީ ގޮތެއްގައި ވެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެސަރަހައްދުގެ އާބާދީ ހިއްސާކުރާ ގޮތަށް ގެނެސްފައިވާ ބަދަލުތައް އިޔާދަކުރަންޖެހޭ ކަމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމަށް ފަންޑުކުރުން ހުއްޓާލަންޖެހޭ ކަމެވެ. އަދި ޕާކިސްތާނުގެ ބާރު ހިނގާ އިހުތިސޯސްގެ ތެރޭގައި ޓެރަރިޒަމްގެ ހަރަކާތްތައް އޮޕަރޭޓްކުރަމުންދާ ދިއުމަށް ހުއްޓުމެއް ގެނައުމެވެ. އާންމު ޕްލެޓްފޯމުތަކުގައި ޓެރަރިސްޓުންނަށް ހިތްވަރު ލިބޭފަދަ ގޮތް ގޮތަށް ޕާކިސްތާނުގެ ލީޑާޝިޕުން ވާހަކަ ދައްކަމުން ދާ ދިއުމަށް ހުއްޓުމެއް ގެނައުމަށްވެސް އިންޑިއާއިންވަނީ ގޮވާލާފައެވެ. އަދި ޑިމޮކްރަސީ ރަމްޒުވާ ގޮތަށް ޕާކިސްތާނަށް ތަރައްގީތަކެއް ގެންނަންޖެހޭ ކަންވެސް އިންޑިއާއިންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ޕާކިސްތާނުގައި ދީނީ މިނިވަންކަން ދިނުމަށްވެސް އިންޑިއާއިން ވަނީ ވަކާލާތުކޮށްފައެވެ. އަދި ސިޔާސީ ފިކުރު ތަފާތުވާ ފަރާތްތަކާ ދެކޮޅަށް ލާއިންސާނީ ފިޔަވަޅުއެޅުން ހުއްޓާލުމަށްވެސް އިންޑިއާއިން ވަނީ ގޮވާލާފައެވެ. އަދި ޓެރަރިޒަމްގެ ހަމަލާތައް ދިނުމަށް ކުޑަކުދިން ރެކްރޫޓްކުރަމުންދާ ދިއުމަށްވެސް ޕާކިސްތާނުން ހުއްޓުމެއް ގެންނަންޖެހޭކަންވެސް އިންޑިއާއިން ވަނީ ފާހަގަކޮށްފައެވެ.