ކ ހިންމަފުށްޓާއި އެ އަތޮޅު ތުލުސްދޫގެ ނަރުދަމާގެ މައްސަލައިގައި ޖޫރިމަނާ ކޮށްފައި ވަނީ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އިހުމާލުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވީ އެ ދެ ރަށުގައި ނަރުދަމާގެ ނިޒާމު ފުރިހަމަކޮށްފައި ނުވާތީ ކަމަށެވެ.

އެ ދެ ރަށުގެ ނަރުދަމާއާ ހަވާލުވުމުގައި އެކުންފުނީގެ އެއްވެސް އިއުތިރާޒެއް އޮތްނަމަ އެކަން އަންގަން ދިން މުއްދަތުގައި އެ މަސައްކަތަކީ ފުރިހަމަކޮށްފައިވާ މަސައްކަތަކަށް ނުވާތީ ހިދުމަތް ދިނުމުގައި ހުރި ދަތިތައް ބަޔާންކޮށް، ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ހަމައެއާއެކު އޮޕަރޭޓިން ލައިސަންސަށް އެދިފައިވާނީ ފުރިހަމަ ނުކޮށް ހުރި ކަންކަން ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން އެންވަޔަރަމަންޓް މިނިސްޓްރީން ދިނުމުން ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެ ދެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމާއި، އެއާ ގުޅުން ހުރި އާންމު ނަރުދަމާގެ ހިދުމަތްތައް ދިނުމާއިއެކު ލައިސަންސްގެ ޓާމްތަކާއި ކޮންޑިޝަންތަކަށް އަމަލުކުރުމަށް ޝަރުތުކޮށް ސްޓެލްކޯއަށް އޮޕަރޭޓިން ލައިސަންސް ވަނީ ދޫކޮށް ފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަންކަން ކޮށްނުދީ ލަސްވުމުގައި ސްޓެލްކޯއިން ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް އެކުންފުނިން ފާހަގަކުރެއެވެ.

ތުލުސްދޫގެ އޮޕަރޭޓިން ލައިސެންސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ދީފައިވާއިރު މިދިޔަޑިސެންބަރު މަހުގެ ދެވެނަ ދުވަހު ހިންމަފުށީގެ އޮޕަރޭޓިން ލައިސެންސް ވަނީ ދޫކޮށްފައެވެ.

ހިންމަފުށްޓާއި ތުލުސްދޫގައި ނަރުދަމާގެ ހިދުމަތް ނުދޭ ކަމަށް ބުނެ ސްޓެލްކޯ ޖޫރިމަނާކުރި ނަމަވެސް، އާންމުންނަށް ދޭން ޖެހޭ އެއްވެސް ހިދުމަތެއް ދިނުމުގައި ސްޓެލްކޯއިން ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން އެކުންފުނިން ދެއެވެ.

އެ ދެ ރަށުގައި ނަރުދަމާ ނިޒާމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއަށް ދޫކޮށްފައިވާ އޮޕަރޭޓިން ލައިސަންގެ ޝަރުތުތަކުގައިވާ ގޮތަށް އަދިވެސް ނަރުދަމާގެ ހިދުމަތް ދޭން ފަށާފައި ނުވާތީ އެންވާރަމަންޓް މިނިސްޓްރީން ވަނީ 5000 ރުފިޔާއިން ސްޓެލްކޯ ޖޫރިމަނާކޮށްފައެވެ.