މިއަހަރުގެ ފުރަތަމަ ޔޫތް ލީޑާސް ނެޓްވޯކް ފޯރަމް ނ އަތޮޅުގެ ޒުވާނުންނަށް ހާއްސަކޮށް ވެލިދޫގައި ފަށައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ވެލިދޫގައި ފެށި ފޯރަމްގައި އަތޮޅުގެ 12 ރަށަކުން 80 އަށްވުރެ ގިނަ ޒުވާން ލީޑަރުން ބައިވެރިވާ ކަމަށެވެ. ފޯރަމްގެ ސެޝަންތައް އިއްޔެ މެންދުރުފަހު ފެށި ނަމަވެސް ފެށުމުގެ ހާއްސަ ރަސްމިއްޔާތު ބޭއްވީ ރޭ ނ އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށާއި ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްއެފެއާޒް މުހައްމަދު މާހިރު އީސާއެވެ.

ފޯރަމްގެ ބައިވެރިންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކައިގައި ސްޓޭޓް މިނިސްޓާ ވިދާޅުވީ އިސްލާމީ ރިވެތި އުސޫލުތަކުގެ ދަށުން ތަރުބިއްޔަތުވެ ޒުވާނުން ކުރިއަށް ނިކުންނަންޖެހޭކަމަށެވެ. ދިވެހިންނަކީ ދަތި ހާލުގައިވެސް ނުގުޑާ ހިތްވަރާއެކު އެތަދިތަކާ ކުރިމަތިލާ ބައެއްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓާ ވިދާޅުވީ މިއަދު ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އެހިތްވަރާއި އަޒުމް ޒުވާނުން ދައްކަން ޖެހޭކަމަށެވެ.

އިސްލާމީ އުސޫލުތަކުގައި ތިބެ، ލީޑަރުންނަށް ވުމަށް މުހިއްމު ސިފަތައް ސްޓޭޓް މިނިސްޓާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި ދުނިޔެއިން ލީޑަރުންގެ މިސާލު ނަންގަވާ ޒުވާނުން ރަނގަޅު ލީޑަރުންނަށް ވުމަށް ހިތްވަރުދެއްވިއެވެ.

މި އަހަރުގެ ފޯރަމްގައި މައިގަނޑު 5 ސެޝަނެއް ހިމެނެއެވެ. އޭގެ އިތުރުން ޔޫތް ލީޑާސް ނެޓްވޯކް ތައާރަފްކުރުމާއި، ޕަބްލިކް އެންގޭޖްމަންޓް އެކްޓިވިޓީ ހިމެނެއެވެ. ސެޝަންތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހާއްސަ ސެޝަނަކާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޝަނަކާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ސެޝަނަކާއި، ހޯމް މިނިސްޓްރީގެ ސެޝަނެއްގެ އިތުރުން ބަހާއި، ތާރީޚާއި، ޘަޤާފަތަށް ޚާއްޞަ ސެޝަނެއް ހިމެނެއެވެ.

ފޯރަމް ކުރިއަށްގެންދަނީ "ހަރުދަނާ ޒުވާނުން- މުޖުތަމައުގެ ކުރިއެރުން " މިޝިއާރުގެ ދަށުންނެވެ.

އެފޯރަމް ނިމޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. މިއީ ޔޫތް ލީޑާސް ނެޓްވޯކުން އެކި ކުރިއަށްގެންދާ މިފަދަ 5 ވަނަ ފޯރަމެވެ. މިދިޔަ އަހަރު ވަނީ 4 ސަރަހައްދެއްގައި ފޯރަމް ބާއްވާފައެވެ. އެ ފޯރަމްގެ ބޭނުމަކީ ޒުވާން ގާބިލް ލީޑަރުން އުފެއްދުމެވެ.