ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރު މައްސަލައެއް ބެލުމަށް މިއަދު ފުލުހަށް ހާޒިރުކޮށްފިއެވެ.
ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށްފައި ވަނީ ކޮން މައްސަލައެއް ބެލުމަށް ކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ. އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައި ހުންނެވުމަށްފަހުއެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވާ ގޮތުގައި، މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔަމީންއާ ގުޅޭ ގޮތުން ފުލުހުން ތަހުގީގުކުރަން އުޅޭ ދެ މައްސަލައަކީ ވެސް އެމްއެމްޕީއާރުސީއާ ގުޅުން ހުރި ދެ މައްސަލައެއް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ބޮޑު ކަމުގެ ވާހަކަތައް ދެކެވެމުން ދާއިރު އެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ގެންގޮސްގެން ތަހުގީގު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޖަމީލު ވިދާޅުވިއެވެ.
މި މައްސަލައިގައި ހިމެނޭ ދެފަރާތް ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްސަލަ ނުބަލާ އަދިވެސް ރައީސް ޔާމީންގެ މައްސަލަ ބަލަމުން ގެންދަތީ ޖަމީލު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން އެމްއެމްޕީއާރްސީ ހިޔާނާތުގައި މަޖިލިސް މެންބަރުންތަކެއް ވެސް ހިމެނޭ ކަމަށާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮރަޕްޝަންގެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ކަމަށް ޖަމީލު ވިދާޅުވިއެވެ. އެހެންކަމުން ޖަމީލު ވިދާޅުވީ އެ ބޭފުޅުންގެ ތަހުގީގުވެސް ހިންގަންޖެހޭނެ ކަމަށެވެ.