ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލްގައި) ފަސް އަހަރަށްވުރެ ގިނަދުވަހު ބޭނުންނުކޮށް ހުރި 668 އެކައުންޓު އުވާލުމަށް ނިންމާ އެ އެކައުންޓުތަކުގެ މައުލޫމާތު އާންމު ކޮށްފިއެވެ.

ބީއެމްއެލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބޭންކިން ގަވައިދުގާ ބުނާ ގޮތަށް ވިދިވިދިގެން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ އެކައުންޓުތަކަކީ ޑޯމަންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް ކަނޑައަޅާފައި ވާނީ އެ މުއްދަތުގައި އެކައުންޓު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ ކަމަށް ބެންކުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

ޑޯމަންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ލިޔުން ފޮނުވާފައިވާނެ ކަމަށާއި އެ ކަސްޓަމަރުންގެ ފަރާތުން 60 ދުވަހުގެ ތެރޭގައި ޖަވާބެއް ނުލިބިއްޖެނަމަ އެކައުންޓުތަކުގައިވާ ފައިސާ އެމްއެމްއޭ އާ ހަވާލު ކުރާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

އެކައުންޓް އެކްޓިވޭޓު ކުރަން ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދޭ ފޯމު ފުރުމަށް ފަހު ބީއެމްއެލްގެ ބްރާންޗަކަށް ހުށަހެޅުމަށް އެ ބޭންކުން ވަނީ އެދިފަ އެވެ. އަދި ޑޯމަންޓް އެކައުންޓުގައި ހުރި ފައިސާ އެމްއެމްއޭ އާއި ހަވާލު ކުރުމަށްފަހުވެސް އެ ފައިސާ ހޯދަން ބޭނުންނަމަ އެކަމަށް އެދޭ ފޯމު ފުރުމުން ފައިސާ ލިބޭނެ ކަމަށް ބީއެމްއެލުން ކުރި އިއުލާނުގައިވެއެވެ.