ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދާއިރު ސަރުކާރުގެ ފަރާތުން ސޯޝަލް ހައުސިންގް ސްކީމްގައި ބައިވެރިވުމަށް ހުޅުވާލާ ފުރުސަތުތަކުގައި ޕޮއިންޓް ދޭ އުސޫލުތަކާއި ފޯމު ހުށަހެޅޭ ކެޓަގަރީތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް މާލެ ރަށްވެހިންގެ ޖަމިއްޔާއިން ބުނެފިއެވެ.

މާލޭގެ ރަށްވެހިންނަށް އިސްކަން ދީގެން މާލެއިން ގޯތި އަދި ފްލެޓަށް ހުށަހެޅޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެ ޖަމިއްޔާގެ އިސް މެންބަރުން ވަނީ މިދިޔަ ހޯމަ ދުވަހު މާލެ ސީޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދާ ބައްދަލުކޮށްފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ ރައީސް މުހައްމަދު ދިލްޝާން އަބްދުﷲ ވިދަޅުވީ، އެހެނިހެން ރަށްރަށުގައިވެސް އެރަށެއްގެ ރަށްވެހިންނަށް އިސްކަންދޭ ފަދައިން މާލޭގެ ރަށްވެހިންނަށް އިސްކަންދީ، މިހާރު މި ގެންގުޅޭ ޕޮއިންޓް ސިސްޓަމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

"މާލޭ ރަށްވެހިންނަށް އިސްކަން ނުދީ ދަފްތަރު މީހުންނަށް ޓާގެޓްކޮށްގެން ބޯހިޔާވަހިކަން މިދެނީ. އޭގެ ބަދަލުގައި ޕޮއިންޓްދޭ އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭ. މިސާލަކަށް އެކަނިވެރިމައިން، ޕޮލިސް، އެމްއެންޑީއެފް، ނަރުހުން، ޑޮކްޓަރުން، ޓީޗަރުންނަށް ހާއްސަ ކެޓަގަރީތަކެއް ހަދައިގެން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކޮންމެ ރަށެއްގައިވެސް އެ ހުޅުވާލާ ރަސްމީ އުސޫލުން ކުރިއަށް ގެންދިއުން އަސްލު ބޭނުންވަނީ. ބޯހިޔާ ވަހިކަމަކީ އަސްލު ސިޔާސީ އެއްޗަކަށް ނުހެދުމަށް އެދެނީ"
މުހައްމަދު ދިލްޝާން އަބްދުﷲ

ދިލްޝާން ވިދާޅުވީ، ބޯހިޔާވަހިކަން ދިނުމަށް އިއުލާން ކުރެވިފައިވާ ރަށްރަށުގެ އިއުލާންތަކަށް ބަލާލާއިރު އެރަށެއްގެ ރަށްވެއްސަކަށްވާ ނަމަ ޕޮއިންޓް އިތުރުވާ ކަމަށެވެ. ރަށްރަށުގައި ބޯހިޔާވަހިކަމުގައި ޕޮއިންޓް ދޭ އުސޫލު އެފަދައިން އޮންނަ އިރު މާލެ ރަށްވެހިންގެ ތެރެއިން ކުދިކުދި ތަންތަންކޮޅުގައި ތިބި މާލެ މީހުންނަށް އިސްކަން ނުދީ ހަމައެކަނި ދަފްތަރަށް ޓާގެޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ރަށްވެހިންނަށް އިސްކަން ދިނުމާއިބެހޭގޮތުން ޝިފާ ވިދާޅުވީ، އެއީ ތާއީދު ކުރާ ކަމެއް ކަމަށާއި، ޕޮއިންޓް ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި ސިސްޓަމެއް ތައްޔާރު ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެ ސިސްޓަމުން މާލޭގައި އެންމެ ނިކަމެތި ހާލުގައި އުޅެމުންދާ މާލޭގެ ރަށްވެހިން ދެނެ ގަނެވޭނެ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

މީގެއިތުރުން ދަފްތަރުގައި ޖެހުން ހުއްޓުވިދާނެ ގޮތްތަކާ މެދުވެސް ވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި ދަފްތަރުގައި އުސޫލުތަކުގެ ބޭރުން ޖެހެން މަސައްކަތްކުރި ވަރަށްގިނަ ބަޔަކު ވަނީ ހުއްޓުވާފައި ކަމަށާއި، ނަމަވެސް ގާނޫނުތަކަށް އިސްލާހު ހުށަހަޅައިގެން ދަފްތަރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މިގޮތުން ދަފްތަރުގައި ޖެހުމަށް އޮންނަ ޝަރުތުތައް އިތުރުކޮށް، މިހާރު މިއޮންނަ އުސޫލުން އަސްލު ރަށްވެހިންނާ އެއް އުސޫލުން ޕޮއިންޓް ދިނުން ކަހަލަ ކަންތައްތައް ހުއްޓުވޭނެ ކަމަށެވެ.

މާލެ ރަށްވެހިންގެ ޖަމިއްޔާއިން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝީފާއާ ބައްދަލު ކުރެއްވުމުގެ ތެރެއިން

މި ބައްދަލުވުމުގައި މާލޭ ރަށްވެހިންގެ ބޯހިޔާވަހިކަމަކީ މިވަގުތު މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި ޒަމާންތަކަކަށް މިމައްސަލަ ދިގުދެމިގެން ގޮސް، މާލެއިން އެކަމަށްޓަކައި ހިއްކުނު ބިންތައް އޭގެ ހައްގުވެހިންނަށް ނުލިބި ގޮސްފައިވާކަމާށް ވާހަކަ ދެކެވުނެވެ. އެގޮތުން އެކަމަށް އޮތް ހައްލަކީ ހުޅުމާލޭގެ ހުސްބިމުން ގޯތި ދިނުމާއި، ގުޅީފަޅު އަދި ފުށިދިއްގަރު ފަޅު ހިއްކުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި މައްސަލައަކީ މިހާރު އެންމެ އިސްކަމެއް ދީގެން މާލޭސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމެއް ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި މާލޭގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގައި އުޅުއްވަނީ ޕްލޭނިންގް މިނިސްޓްރީ ކަމުން، އެބޭފުޅުން ތައްޔާރު ކުރައްވާފައި މިހާރު އޮތް ޕްލޭން ހޯދުމަށް ދެންނެވިފައިވާނެ ކަމަށާއި، އެ ލިބުނުހާ އަވަހަކަށް މާލޭގެ ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށް އެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އެޕްލޭނަށް ފާޑު ކިޔޭނެ ކަމަށާއި، އެ ފާޑުކިއުން ބަލައި ގަންނާނެ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

މާލޭގައި ދިމާވެފައި މިވާ ގިނަ މައްސަލަތަކަކީ ޒަމާންތަކަކަށް އެކަމުގައި ސަރުކާރާއި އާންމު ރައްޔިތުންގެ ވެސް ވަރަށް ބޮޑެތި އިހުމާލުތަކެއް ހިމެނިގެން ގޮސްފައިވާ މައްސަލައެކެވެ. އަދި މާލޭގެ ރަށްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ވާހަކަތަކަކީ އެތައް ދުވަސްތަކެއް ވަންދެން ދެކެވެމުން އަންނަ ވާހަކައެކެވެ. މިކަމުގައި އެތައް ބައެއްގެ ހިޔާލުތަފާތު ވުން ހުރެއެވެ. އެއް ބަޔަކު ސިފަކުރާ ގޮތުގައި މާލެއަކީ ހަމައެކަނި މާލެ މީހުންގެ ތަނެއް ނޫނެވެ. ނަމަވެސް މާލެ މީހުންނަށް އެހެން ރަށްރަށުން ގޯތި ނުލިބޭ ކަމަށް ބުނެ އެފަރާތްތަކުގެ ކަންބޮޑުވުންތައް މިހާރު މިވަނީ އިންތިހާއަށް ގޮސްފައެވެ.