ދުނިޔޭގައި މިވަގުތު އޮތް ޓެރަރިޒަމް ހަބަކީ ޕާކިސްތާނު ކަމަށް ބުނެ އިންޑިއާއިން އަނެއްކާވެސް ޕާކިސްތާނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިންޑިއާއިން ޕާކިސްތާނަށް ބަހުގެ ހަމަލާތަކެއް ދީފައި މިވަނީ ސުވިޓްޒަލަންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސަނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލްގައި އިންޑިއާއަށް ލިބުނު ފުރުސަތުގައި ވާހަކަދައްކަމުންނެވެ.

ކައުންސިލްގައި ތަގުރީރު ކުރައްވަމުން އިންޑިއާގެ އިސް ޑިޕްލޮމެޓް ވިކާސް ސްވާރޫޕް ވިދާޅުވީ، ޖައްމުއާއި ކަޝްމީރަކީ މާޒީގައިވެސް، މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާއަށް މުހިންމު ބައެއް ކަމަށެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނުކަންވެސް ކުރައްވަމުން ގެންދަވާ ސްވާރޫޕް ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު ޓެރަރިޒަމްއާއި ބޮޑެތި ހަމަނުޖެހުންތައް އެންމެ ގަދައަށް 'އެކްސްޕޯޓް' ކޮށް ބޭރުކުރަމުންދަނީ ޕާކިސްތާނުން ކަމަށެވެ.

ކަޝްމީރުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ސްވާރޫޕް ވިދާޅުވީ ކަޝްމީރު ސަރަހައްދުގައި ތަންފީޒު ކުރަމުންދިޔަ ގިނަ ފިޔަވަޅުތަކަށް މިހާރު ލުއި ދީފައިވާނެ ކަމަށާ، އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލި ފަހުން ކަޝްމީރު ސަރަހައްދަށް ޓެރަރިސްޓް ފޮނުވުމަށް ޕާކިސްތާނުން ކެނޑިނޭޅީ މަސައްކަތް ކުރަމުންދިޔަ ކަމުގައި ވީ ނަމަވެސް، ކަޝްމީރު ސަރަހައްދުގައި ހާމަޖެހުން ގާއިމުކޮށް އާންމު ހާލަތަކަށް ގެނެވިފައިވާކަމަށެވެ.

ދާދިފަހުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ލީޑަރުން އާންމުކުރެއްވި ގުޅިފައިވާ ބަޔާނުގައިވެސް، ޕާކިސްތާނުގެ ފަސްގަނޑުގެ އެއްވެސް ހިސާބެއްގައި ޓެރަރިޒަމް ފުޅާކޮށް ހަރަކާތްތައް ހިންގުމަށް ފުރުސަތު ނުދިނުމަށް ވަނީ ގޮވާލައްވާފައެވެ.