ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދާއި، ލ. ގަމު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުއްފައްތާހު އަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާ، ތަހުގީގު ކޮމެޓީ އެކުލަވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީން ބެލުމަށްފަހު، އެ ކޮމިޝަނަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދާއި، ލ. ގަމު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުއްފައްތާހު އަބްދުލްޣަފޫރުގެ ސުލޫކީ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާ ކަމަށެވެ.

ނަމަވެސް މި ދެބޭފުޅުންގެ ބެލުމަށް ތަހުގީގު ކޮމީޓީއެއް އެކުލަވާލީ ކޮން ސުލޫކީ މައްސަލައެއް ކަމެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، ގއ. ވިލިގިލި މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަޒީމް ހަސަނަށް މުސާރައާ އިނާޔަތް ނުލިބޭ ގޮތަށް މަސައްކަތަށް ނިކުތުން މަސް ދުވަހަށް މަނާކުރުމަށް ވަނީ ނިންމާފައެވެ. އެއީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ލޯންޗަކަށް ދަތުރުތައް ހޯދުމާއި، އެ ދަތުރުތަކާ ގުޅޭ ވިޔަފާރީގައި އޭނާ އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގަށް އެނގިފައިވާތީ ކަމަށް ވަނީ ބުނެފައެވެ.

ހުޒައިފާގެ މައްސަލައެއް ބަލަން ނިންމާ، ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާއިރު ހުޒެއިފާ މުހައްމަދާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާއެއް ނުބަލަން މިދިޔަ ޖުލައި 3، 2019 ގައި އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ހުޒެއިފާއާ ދެކޮޅަށް އެ ޝަކުވާ ހުށަހެޅި ފަރާތަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަމަށްވާތީ، އެ މައްސަލަ ހިނގާފައިވާ ގޮތުން ގާޒީ ހުޒެއިފާގެ މައްސަލައެއް އޮތްކަމަށް މެންބަރުންނަށް ނުފެންނަކަމަށް ނިންމާފައިވާކަމަށް ވެސް އެ ކޮމިޝަނުން އެ ދުވަހު ވަނީ ބުނެފައެވެ.