ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނަށް އޮރިޔާން ވިޑީއޯ ދެއްކިކަމުގެ ތުހުމަތު އޮތް އެ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ މިއަދު ބޭއްވި ބައްދަލްވުމުގައި އިސް މެޖިސްޓްރޭޓް ހަސަން ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަށް ނިންމާފައިވާ ކަމަށެވެ.
ހަސަން ދީދީގެ ހަތް މައްސަލައެއް ޖޭއެސްސީން ވަނީ ބަލާފައެވެ. އެ ހަތް މައްސަލައަކީ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް މާލިއްޔަތު ގާނޫނާ ހިލާފުވުމަށް އެންގުމާއި އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ މައްސަލަ އާއި ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ މައްސަލަ އާއި ހެކިންގެ ބަޔާން ނެގުމަށް ހުރަސް އަޅާ މައްސަލަ އާއި މާރާމާރީ ހިންގަން ހިތްވަރު ދިން ކަމުގެ މައްސަލަ އާއި ހުތުރު އެއްޗެހި ގޮވި ކަމަށް ބުނާ މައްސަލައެކެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރެއްގެ ކިބާގައި ހުރުން ލާޒިމުކުރާ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އިސް މެޖިސްޓްރޭޓް ހަސަން ދީދީ ކޮށްފައިވާ ކަމަށް އެ ކޮމިޝަނަށް ސާބިތުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހަސަން ދީދީ ވަނީ ޖޭއެސްސީއަށް ހާޒިރުކޮށް މައްސަލަތާ ގުޅޭ ގޮތުން އޭނާގެ ބަސް ހޯދާފައެވެ. އަދި އޭނާ ސަސްޕެންޑް ވެސް ކުރިއެވެ. މައްސަލަތަކުގައި ޖިނާއީ ކަންކަން ފާހަގަކުރެެވޭތީ ޖޭއެސްސީއިން ވަނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހަށް ވެސް ހުށަހަޅާފައެވެ.
ހަސަން ދީދީގެ މައްސަލަތައް ޖޭއެސްސީގެ ސަމާލުކަމަށް އައިތާ އެތައް ދުވަހެއްވީ އިރުވެސް އޭނާގެ މައްސަލައަށް ވަނީ ފިޔަވަޅު ނާޅާ ލަސްވެފައެވެ. އޭނާގެ މައްސަލަތައް މީޑިއާތަކުން ސަމާލުކަމަށް އައިސްފައި ވަނީ 2 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތެރެއިންނެވެ. އެހެންކަމުން ޖޭއެސްސީއަށް ވަނީ އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައެވެ.